މާލޭގައި ދުއްވާފައި ދިޔަ ކާރެއް މިރޭ ހުއްޓުވައި އޭގައި އިން 14 އަހަރުގެ ކުއްޖެއްގެ ގައިގައި ތަޅައި އަނިޔާކޮށް ބޯފަޅާލައިފި އެވެ.
އެ ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނީ ކާރު ހުއްޓުވީ, ވެހިކަލްތަކުން ބާރުބޮޑު މަޖީދީމަގާއި މާވެޔޮމަގު ގުޅުނު ހިސާބުން ކަމަށެވެ. ކާރުގައި އިން ކުއްޖާގެ ގައިގައި ތަޅައި މާރާމާރީ ހިންގި ކަމުގެ ރިޕޯޓް ލިބުނީ މިރޭ 18:38 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެކަން ކުރީ ކޮން ބަޔަކު ކަމެއް އަދި އެ ކުއްޖާ އިނީ ޓެކްސީއެއްގައި ކަމެއް ނުވަތަ ޕްރައިވެޓް ކާރެއްގައި ކަމެއް ވެސް ސާފެއް ނޫނެވެ. އެ މަރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.
ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.












