ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުން ހިދުމަތަށް ރަނގަޅު ބަދަލުތަކެއް ގެނެވި އާންމުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވެފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިވަގުތު ހދ. ކުޅުދުއްފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށުގެ ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ފުލުހުންގެ އާ ގާނޫނާއެކު ލާމަރުކަޒުކޮށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އަދި އެކަމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ހަމަޖައްސައްވައި ދެއްވާނެ އެވެ.
އެގޮތުން މިހާރު ފުލުންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން 61 ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު، ކުޅުދުއްފުށީ ރީޖަނަލް ޕޮލިސް ހެޑްކުއާޓާޒްގެ އެކްސްޓެންޝަން އިމާރާތެއް ބިނާކުރުންވެސް ހިމެނޭކަމުގައި ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން މުޖުތަމައުއަށް އެންމެ ބޮޑަށް ބޭނުންވަނީ ގާނޫނުތައް ހިންގުން ކަމަށާއި، އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ފުލުހުންގެ އަތްމަތީގައި ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ބައްދަކުރެއްވުމުގައި ޕޮލިސް ސްޓޭޝަނުގެ ފަރާތުން ވަނީ އެ ސްޓޭޝަނުގެ ހިދުމަތް އިތުރަށް ފުޅާކޮށް ފުރިހަމަކުރުމަށް ބޭނުންވާ ކަންކަން ފާހަގަކޮށްފަ އެވެ.
އެގޮތުން، ވަސީލަތާއި އުމްރާނީގޮތުން ބޭނުންވާ ކަންކަމުގެ އިތުރުން ފުލުހުންގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުންވެސް ޕޮލިސް ސްޓޭޝަނުގެ ފަރާތުން ރައީސްއާ ވަނީ މައުލޫމާތު ހިއްސާކޮށްފަ އެވެ.
ހާއްސަކޮށް ފުލުހުންގެ މަސައްކަތާ ގުޅިފައިވާ އެހެން މުއައްސަސާތަކުން ވެސް ފުލުހުންނާ ގުޅިގެން ބާރު ސްޕީޑުގައި ކަންކަން ކުރިޔަށް ގެންދެވޭނެގޮތަށް ކަންކަން އިންތިޒާމުވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުޅުދުއްފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ.
މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.












