ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު މިދިޔަ އަހަރު ހުޅުވާލި ފަހުން ވޭތުވީ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ހަތް ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ ހުސްވި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. ގާތްގަނޑަކަށް ތިން މަސް ވަންދެން ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށް ފަހު ހުޅުވާލީ ޖުލައި 15، 2020 ގަ އެވެ.
ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ފަހުން އަހަރު ފުރުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް 719،572 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މިއީ އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 1،971 ޓޫރިސްޓުންނެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވަނީީ ބޯޑަރު ހުޅުވާލި ފަހުން ވޭތުވީ ކާމިޔާބު އަހަރެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އަދި މި ކާމިޔާބީގެ ފަހަތުގައި އިންޑަސްޓްރީގެ ބައިވެރިންނާއި މުވައްޒަފުންގެ މަސައްކަތާއި ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ދައުރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ގޮތުގައި ގޮންޖެހުތަކުގެ ތެރޭގައި ވެސް ބަލިމަޑުކަމުގެ ތެރޭގައި ދުނިޔޭގެ އެއް ނަމްބަރު މަންޒިލުގެ މަގާމަށް ވާސިލުވެވުނީ ސަރުކާރުން އެކުލަވާލެވުނު އުސޫލުތައް ހަރުދަނާ ވެފައި، އެ އުސޫލުތައް ތަންފީޒުކުރަން އިންޑަސްޓްރީގެ މަސްލަހަތުވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.
ރާއްޖެއަކީ ކޮވިޑް ބަލިމަޑުކަން ކުރިމަތިވީ ފަހުން އެންމެ ކާމިޔާބު ކަމާ އެކު ބައިނަލްއަގްވާމީ ޓޫރިސްޓުންނަށް ހުޅުވާލި ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އަދި މިކަން ފާހަގަކޮށް މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖެއަށް ވަނީ ވާލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް ލިބިފަ އެވެ.











