ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ހިޔާނާތުގެ މައްސަލައިގެ ތުހުމަތަށް މިއަދު ފުލުހަށް ހާޒިރު ކުރުމުން، ތަހުގީގު ކުރިއަށް ގެންދަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުން މައްސަލައިން ތަނާޒުލުވެއްޖެ އެވެ.
ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރީ ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާ ކުރެއްވި ކަމަށް ބުނާ މައްސަލައެއްގަ އެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ މިއަދު ނެންގެވި ނުކުތާއަކީ އެ މައްސަލައަކީ ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައެއް ކަމަށްވާތީ ދެ ވަނަ ފަހަރަށް އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ގާނޫނު ތަންނުދޭ ކަމަށް ވިދާޅުވެ އެވެ.
ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) އެމަނިކުފާނުގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ޖިނާއީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވީ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް މީގެ ކުރިން ގާނޫނީ އިންޒާރުދީ ސުވާލުކޮށް، ބަޔާންނަގައި ނިމިފައިވާ މައްސަލައެއްގައި އަލުން ގާނޫނީ އިންޒާރުދީ ބަޔާން ނެގުމަށް އުޅުމުން، އެކަމުގެ ގާނޫނީ ހުއްޖަތު ދެއްކުމަށާއި އެކަމުގެ ސައްހަކަން ކަށަވަރުކުރުމަށް ފުރުސަތު ދިނުމަށް އެދުމުން ފުލުހުން އެ ފުރުސަތު ނުދިން ކަމަށެވެ.
"އެ ފުރުސަތު ނުދީ ގަދަކަމުން ތަހުގީގު ކުރިއަށް ގެންދަން ފުލުހުން އުޅުމުން، މުވައްކިލު ހައްގު ހިމާޔަތް ނުކުރެވޭތީ، އަޅުގަނޑުމެން ވަކީލުން ވަނީ ތަހުގީގުގެ އެ މަޖިލީހުން ތަނާޒުލުވެފައި،" ސޯޝަލް މީޑިއާގައި ޖަމީލއް ލިޔުއްވާފައިވެ އެވެ.

ތަހުގީގު ނިމިފައިވާ މައްސަލައަކާ ގުޅިގެން ސުވާލު ކުރަނީ ކަމަށް ވަކީލުން ބުނާ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ ޔާމީން ހާޒިރު ކުރީ ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައަކާ ގުޅިގެން ނޫން ކަމަށެވެ. އަދި ވަކީލުންނަށް ވެސް އުސޫލުގެ ތެރެއިން އަމަލު ކުުރުމުގެ ފުރުސަތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.
ވަކިވަކި މައްސަލަތަކުގެ ތަފުސީލު ނުދޭތީ ޔާމީންގެ މައްޗަށް ތަހުގީގު ކުރާ ސީދާ މައްސަލައެއް ފުލުހުން ހާމައެއް ނުކުރި އެވެ.
ގޭ ބަންދުގައި ހުންނެވި ޔާމީންގެ މައްޗަށް އިތުރު މައްސަލައެއްގެ ތަހުގީގު ހިންގާއިރު، މަނީ ލޯންޑްރިންގެ ދައުވާއަކާއި ރިޝްވަތު ހިފުމުގެ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ ކްރިމިނަލް ކޯޓުގައި އުފުލައިފަ އެވެ.
ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައީ ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް އަސްލު އޮޅުވާލައި މަންފާ ހޯދިކަން ސާބިތުވެގެންނެވެ. ޔާމީން ގެ ބަންދަށް ބަދަލު ކުރީ މާފުށީ ޖަލުގައި ކޮވިޑް ފެތުރޭތީ އެވެ.













