ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ގޮއްވައިލި އައިޑީގެ ތެރޭގައި ނުގޮވާ އެއްޗެއް އޮތް ކަމަށް އެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހިންގި އިންކުއަރީން ހާމަވެއްޖެ އެވެ.
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުޅި މަޖިލިސް އިގުރާރުވެގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން އިސްވެ ބަލާފައިވަނީ އެކަން ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.
ގާތްގަނޑަކަށް 270 ގަނޑުގެ ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތު ހިމަނައިފަ އެވެ.
އެގޮތުން، އައިއީޑީ ގޮއްވައިލި ސަރަހައްދު ފުލުހުން ބަލަމުން ދިޔައިރު، ނަޝީދަށް ހާއްސަކޮށްފައިވާ ކާރުކޮޅުގެ ދަށުން ދެ އިންޗި ނުވަތަ ތިން އިންޗި ވަރުގެ ޕްލާސްޓިކު ގަނޑެއް ކަމަށް ބެލެވޭ އެއްޗެއް ފުލުހުންނަށް ފެނިފައިވާ ކަމަށާއި، އެ އެއްޗަކީ ގޮއްވާލި އައިއީޑީގެ އެތެރޭގައި ހިމެނޭ އޮބްޖެކްޓެއް ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން، އެ އެއްޗަކީ ކާރުގެ އަޑީގައި ހަރުކޮށްފައި އޮތް އެއްޗެއްތޯ ނޫނީ ގޮވުމުގެ ތެރެއިން ވިއްސައިގެން ގޮސްފައިވާ އެއްޗެއްތޯ ފުލުހުން ބެލި ކަމަށާއި، ނަމަވެސް، އެއީ ގިނަ ވަގުތުތަކަކަށް ކާރުގައި ހަރުކޮށްފައި އިން އެއްޗެއް ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކާރު ދަށުން ފެނުނު އެތީގައި ގޮވާ ޒާތުގެ އެއްޗެއް ނެތް ކަމަށް އެމްއެންޑީއެފުން ތަހުލީލު ކުރުމަށްފަހު ފުލުހުންނަށް މައުލޫމާތު ދީފައިވީ ނަމަވެސް ގޮވާ ތަކެތި އުފެއްދުމަށް ބޭނުންކުރެވޭ "ހައިޑްރޯ ކާބަންސް"ގެ އަސަރު ހުރި ކަމަށް ފުލުހުން ހެދި ތަހުލީލުގެ މައްޗަށް ބިނާކޮށް އެމެރިކާގެ އެފްބީއައީ އިން މައުލޫމާތު ދީފައި ވެ އެވެ.
އެހެންކަމުން އެ އެއްޗަކީ ގޮވާ ތަކެތި ހެދުމަށްޓަކައި ބޭނުންކޮށްފައިވާ އެއްޗެއް ކަމަށާއި، އެއީ އައިއީޑީ ގޮވުމާއެކު ވިއްސައިގެން ގޮސްފައިވާ އެއްޗެއް ކަމަށް ބެލެވޭކަމަށް ފުލުހުން މައުލޫމާތު ދީފައިވާކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
"އެއީ އޭގެތެރޭގައި އޮތް ޕްރައިމާއެއް ނުވަތަ ޑިޓޮނޭޓާއެއް ނުވަތަ އޭގެ ވަޔަރެއް ބަލިކަށިކަމުގެ ސަބަބުން، ވިއްސައިގެން ގޮސް ނުގޮވާ އޮތް އެއްޗެއްކަމަށް ބެލެވޭކަމަށް ވެސް ފުލުހުން މައުލޫމާތުދީފައިވޭ،" ރިޕޯޓުގައި ބުނެފައި ވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުން، އެއްފަހަރަށްވުރެ ގިނަފަހަރަށް ނީލޯފަރު ހިނގުމުގައި ހަރަކާތްތެރިވެ، ގ.ކެނެރީގެ ސަރަހައްދު ސާވެއިލް ކޮށްފައިވާ ކަމަށެވެ.
އަދި މެއި 6 ވަނަ ދުވަހު އެ ހަމަލާ ދިނުމުގެ އެއް ރޭ ކުރިން، އެ ސަރަހައްދުގައި ޕާކުކޮށްފައި ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
އައިއީޑީ ގޮއްވާލިކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދު ރަޝީދު އެ ސަރަހައްދަށް ގޮސްފައިވަނީ ހަމަލާދިން ވަގުތުގެ ގާތްގަނޑަކަށް އެއްގަޑިއިރު ކުރިން ކަމަށާއި، އޭނާ ހުއްޓިހުރީ ނީލޯފަރު ހިނގުން ފެންނަގޮތަށް އަތަމާ ޕެލަސް ގޯޅި ތެރޭގައި ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުގައި ބުނެފައި ވެ އެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނުގެ ފުރާނަފަޅު ސަލާމަތްވީ ހަމަކިރިޔާ އެވެ. ގޮއްވާލި ބޮމުގެ ބާރުގަދަކުރަން ރޭޒާ ފުއްތަކެއް އަޅާފައިވާ އިރު އެމްއެންޑީއެފުން ބުނެފައި ވަނީ 2007 ގައި ސަލްޓަންޕާކުގައި ގޮއްވާލި އައިޑީއަށް ވުރެން ވެސް އެތައް ގުނައެއް އޭގެ ބާރުގަދަ ކަމަށެވެ. އެމަނިކުފާނުގެ ހަށިކޮޅު ފޫއަޅުވާލި ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން އޮޕަރޭޝަންތަކެއް ކުރަން ޖެހުނެވެ.
ނަޝީދަށް އެ ހަމަލާ ދިނުމާއެކު، ގިނަ ބަޔެއްގެ ފާޑުކިޔުން އެމްއެންޑީއެފްއަށާއި އިންޓެލިޖެންސް ނިޒާމަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
އެއާއެކު، ރޭ ފާސްކުރި ކޮމިޓީ ރިޕޯޓުގައި އިންޓެލިޖެންސް ނިޒާމު ހަރުދަނާކުރުމަށް ކަމާބެހޭ އިދާރާތަކަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައި ވެ އެވެ.
އަދި ނަޝީދަށް އެ ހަމަލާދެވުމުގައި ކަމާގުޅޭ އިދާރާތަކުގައި ތިބި މީހުންގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ޒިންމާ އަދާނުކުރެވޭ ކަމަށް ފާހަގަކޮށްފައިވާ ފަރާތްތަކުގެ އިތުރުން އިހުމާލުވެފައިވާ ފަރާތްތަކާމެދު އިތުރަށް ބަލަންޖެހޭ ކަންކަން ފާހަގަކުރެވޭނަމަ، އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މަޖިލީހުން ވަނީ ހުށަހަޅައިފަ އެވެ.
އެ ހަމަލާދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ މީހުން ދީނީ ހައްދުފަހަނައެޅުމާ ގުޅުވާފައިވާއިރު، ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރާ ދެކޮޅަށް ވެސް އެ ރިޕޯޓުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ހިމަނާފައި ވެ އެވެ.













