ހަތަރު އަހަރު ވަންދެން ޖިންސީގޯނާގެ ޝިކާރައަކަށް ވުމުން ވެސް މައްސަލަ ނުބަލައި "ދިރިއުޅުން މަރާލާފައިވާ" ކަމަށް ބުނެ އިންސާފު ހޯދަން ނުކުތް 17 އަހަރުގެ ކުއްޖާގެ ބަޔާން ނަގައި، އެ މައްސަލައިގައި މުރާޖައާކުރަން ޖެހޭ ކަމެއް އޮތްތޯ ފުލުހުން ބަލަން ފަށައިފި އެވެ.
އުމުރުން ނުވަ އަހަރުން ފެށިގެން މެދުނުކެނޑި ހަތަރު އަހަރު، އާއިލީ މީހެއްގެ ފަރާތުން ލިބުނު ޖިންސީގޯނާގެ މައްސަލަ 2018ގައި ފައިލްކުރީ އެ ކުއްޖާގެ މަންމަ އާއި އާއިލާ އިން ކުރިއަށް ގެންދަން ބޭނުން ނުވުމުންނެވެ. އެއީ ގޯހެއް ކަމަށް ބުނެ އެ ކުއްޖާ މިދިޔަ ހަފުތާގައި ނުކުމެ އެކަން ހިނގި ގޮތް "އަދަދު" މެދުވެރިކޮށް ވަނީ އާއްމުންނަށް ކިޔައިދީފަ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މި ނޫހަށް މިއަދު ވިދާޅުވީ "މީގެ ކުރިން ފުލުހުން ތަހުގީގުކޮށްފައިވާ ކުޑަކުއްޖަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރިތޯ ބެލުމަށް މައްސަލަ އަލުން ރިވިއުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ކުރަމުން" ކަމަށެވެ.

އެ ކުއްޖާގެ ތުހުމަތުތަކާ ގުޅިގެން ފުލުހުން ވަނީ ބަޔާން ވެސް ނަގައިފަ އެވެ.
ޖެންޑާ މިނިސްޓްރީން ވެސް މި މައްސަލަ ބަލަން ފަށައި ސައިކޮލޮޖިސްޓަކާ އެކު އެ ކުއްޖާގެ ސެޝަންތައް ވަނީ ފަށައިފަ އެވެ.
އެ ކުއްޖާ ކިޔައިދީފައިވާ ގޮތުގައި ޖިންސީ ގޯނާ ލިބުނީ މަންމަގެ ފަރާތު ބޮޑުދައިތަގެ ފިރިމީހާގެ ފަރާތުންނެވެ. އެ މައްސަލަ ކުރިއަށް ނުގެންދަން ބޭނުންވީ ވެސް އެ ސަބަބާ ހެދި ކަމަށް އެ ކުއްޖާ ބުނެފައިވެ އެވެ.
އަނިޔާގެ ޝިކާރައަކަށް ވިކަން މީހެއްގެ ގާތު ބުނެގެން އެހީއެއްވެދާނެ ކަމުގެ އުއްމީދުއާވެ އެ ވާހަކަ ދެއްކުމުގެ ހިތްވަރު ލިބުނީ ގްރޭޑް ނުވައެއްގަ އެވެ. އެހެން ކުއްޖަކަށް ދިމާވި ކަމެއްގެ ވާހަކަ އަންހެން ކުދިންތަކެއްގެ ތެރޭގައި ދެކެވި ޓީޗަރާ ހަމައަށް ދިއުމުން ދިން ހިތްވަރު ފެނިފައި މަޑުން ނީނދެވުނީ އެވެ. އުޅެމުންދާ ހާލާއި ހިތު ތެރޭގައި ފޮރުވާފައި ހުރި ވާހަކަތަކުން ކުޑަ މިންވަރެއް ކިޔައިދެވުނީ އެވެ. ސްކޫލްގެ މެނޭޖްމަންޓާ ހަމައަށް އެކަން ގެންދިޔައީ އެ ޓީޗަރެވެ.
އެ ހިސާބުން އާއިލާ އާއި ސްކޫލް މެނޭޖްމަންޓުގެ އެހީތެރިކަމެއް ނުލިބުމުން އަނެއްކާވެސް 1412 އަށް ގުޅައި މައްސަލަ ރިޕޯޓްކުރީ އެ ކުއްޖާ އަމިއްލައަށެވެ. ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އެ ރަށަށް ގޮސް ޑޮކްޓަރަކަށް ދެއްކި އެވެ. އެކަމަކު ފަހު ވަގުތު މަންމަ އެދުނީ އެއްވެސް ކަމެއް ނުވާ ކަމަށް ފުލުހުން ގާތު ބުނެ މައްސަލަ ނިންމާލާށެވެ.
"އަޅުގަނޑަށް އިހްސާސްކުރެވުނީ މިކަހަލަ ކަމެއްގައި، އެހެން މީހަކު ނޫޅޭނެކަން އިންސާފު ހޯދައިދޭން. އެ މީހަކު އަމިއްލައަށް ތެދުވަން ޖެހޭނީ. އަޅުގަނޑު ސަލާމަތްކުރަން ހަމަ އެކަކު ވެސް ނައި،" އޭނާ އަމިއްލަ އަށް އިންސާފު ހޯދުމުގެ މަސައްކަތް ފެށި ސަބަބާ ގުޅޭ ގޮތުން ވިދާޅުވި އެވެ.












