ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި، ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީތައް ބޮޑުކުރަން 2019 ވަނަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ސަރުކާރުގެ ފަރާތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އެ އިސްލާހު ހުށަހެޅުއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
މަޖިލީހުގެ ކޮމިޓީގައި އެ ބިލު ގިނަ ދުވަސްތަކެއް ވަންދެން ތާށިވެފައި އޮތް އިރު، މިއަހަރަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ވެސް އާމްދަނީ އިތުރުކުރަން ހިމެނި އާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭން ބޭރަށް ފުރާ ޕަސިންޖަރުންގެ އަތުން ޓެކުހާއި ފީތައް ބޮޑު ކުރަން ވަނީ ހިމަނައިފަ އެވެ.
އެއާޕޯޓް ޑިވްލޮޕްމަންޓް ޗާޖު (އޭޑީސީ) ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ ދިވެހިންގެ އަތުން މިހާރު 12 ޑޮލަރާއެކު އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 12 ޑޮލަރާއެކު ޖުމްލަ 24 ޑޮލަރު ނަގަ އެވެ.

އަދި އޭޑީސީގެ ގޮތުގައި ވިއައިއޭއިން ފުރާ 25 ޑޮލަރާއެކު ސާވިސް ޗާގުގެ ގޮތުގައި އިތުރު 25 ޑޮލަރާއެކު ޖުމްލަ 50 ޑޮލަރު މިހާރު ނަގަމުންދެ އެވެ.
އެކަމަކު ސަރުކާރުން ހުށަހަޅާފައިވަނީ އަލަށް ތައާރަފު ކުރާ ޑިޕާޗާ ޓެކުހުން އިކޮނޮމީ ކްލާހުން ދަތުރުކުރާނަމަ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 30 ޑޮލަރެވެ. ބިޒްނަސް ކްލާހުންނަމަ 60 ޑޮލަރު އަދި ފަސްޓް ކްލާހުން ނަމަ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު ނެގުމަށް ވެސް ހިމެނި އެވެ.
މީގެ އިތުރުން ޕްރައިވެޓް ޖެޓުން އަންނަ މީހުންގެ އަތުން 120 ޑޮލަރުގެ ފީއެއް ނަގަން ވަނީ ހުށަހަޅައިފަ އެވެ.
ޑިޕާޗާ ޓެކުހުގެ އިތުރުން މިހާރު ނަގަމުން އަންނަ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ ވެސް ދަތުރުކުރާ ކްލާހުގެ ނިސްބަތުން ހަމަ އެ މިންވަރަށް ވަނީ ބޮޑުކޮށްފަ އެވެ.
އެ ބިލު ދިރާސާކުރިއިރު މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން އެ ބިލަށް މާބޮޑު ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
އެގޮތުން، އެ ބިލުގެ ބަޔާންކޮށްފައިވާ މުއްދަތުތައް ފަހަނައަޅާފައިވާތީ، ކޮމިޓީން ހަމައެކަނި ބަދަލުކުރީ އެ ފީތައް ނަގަން ފަށާ ތާރީހެވެ. ކޮމިޓީން އެ ބިލު އިސްލާހުކޮށްފައިވަނީ އަންނަ އަހަރުން ފެށިގެން އާ ފީތައް ނަގަން ފަށާ ގޮތަށެވެ.
އިގުތިސޯދީ ކޮމިޓީން ނިންމި ގޮތަށް ޑިޕާޗާ ޓެކުހެއް ތައާރަފުކޮށް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރަން މުޅި މަޖިލީހުގެ ކޮމިޓީން ވެސް ނިންމާފައިވާއިރު، މިއަދުގެ ޖަލްސާގައި މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެކަން ކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ތިއްބެވި އެވެ.
އާ ޑިޕާޗާ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓު ފީއާއެކު ނެގޭނެ ޖުމްލަ އަދަދު
- އިކޮނޮމީ ކްލާސް - ދިވެހިން - 24 ޑޮލަރު / ބިދޭސީން - 60 ޑޮލަރު
- ބިޒްނަސް ކްލާސް - ދިވެހިން - 120 ޑޮލަރު / ބިދޭސީން 120 ޑޮލަރު
- ފަސްޓް ކަލާސް - ދިވެހިން - 180 ޑޮލަރު / ބިދޭސީން 180 ޑޮލަރު
- ޕްރައިވެޓް ޖެޓު - ދިވެހިން - 240 ޑޮލަރު / ބިދޭސީން 240 ޑޮލަރު
އެ ފީތައް ބޮޑުކޮށްގެން 273 މިލިއަން ރުފިޔާގެ އިތުރު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށް މިއަހަރުގެ ބަޖެޓުގައި ވެސް އޮތީ ހިމަނައިފަ އެވެ.












