ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލުމާއި ގުޅިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ރާއްޖޭގައި ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި އެވެ.
މިދިޔަ އަހަރު ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ތެލަށް އޮތް ޑިިމާންޑް ދަށަށް ދިޔުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އިންތިހާއަށް ދަށަށް ދިޔަ އެވެ.
ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ތެލުގެ ޑިމާންޑް އުފުލެމުން އައުމާ އެކު އަގުތައް ވެސް ވަނީ އުފުލިފަ އެވެ. މިހާރު ދުނިޔޭގެ ބާޒާރުގައި އެވަރެޖްކޮށް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އުޅެނީ 71 އެމެރިކާ ޑޮލަރުން މަތީގަ އެވެ.

ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާ ލިބެން ހުރި އަގުތައް -- މަސްދަރު: ކްރޫޑްއޮއިލް.ކޮމް
އަގަށް ގެނައި ބަދަލުތަކުގެ ތެރެއިން އެސްޓީއޯއިން ވަނީ ޑީސަލް ލީޓަރަކުން 0.93ރ. އަދި ޕެޓްރޯލް ލީޓަރަކުން 0.89ރ. އަގު ބޮޑުކޮށްފަ އެވެ. މިހާރު ޕެޓްރޯލް ޝެޑްތަކުން ޑީސަލް ލީޓަރެއް ވިއްކަނީ 10.72ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަނީ 9.74ރ. އެވެ.
ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެން އެސްޓީއޯއިން ކުރި ޓްވީޓެއްގައި ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލާއެކު 20 ޖޫން 2021 އިން ފެށިގެން މި ފިއުލް ސަޕްލަޔި މޯލްޑިވްސް ޝެޑްތަކުން ތެޔޮ ވިއްކާނީ އަގު ބޮޑުކޮށް ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން ގެނައި ބަދަލެއް ކަމަށް ބުންޏެވެ.
އެސްޓީއޯއިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނައީ މާޗު މަހު އެވެ. އަދި ދުނިޔޭގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ އެއްގޮތަށް އެ ކުންފުނީގެ އަގުތައް އުފުލެ އެވެ.
އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ)އިން އަންދާޒާކުރަނީ އަންނަ އަހަރުގެ ނިޔަލަށް ބަލިމަޑުކަމުގެ ކުރިޔާ އެއްވަރަށް ތެލުގެ ޑިމާންޑް އުފުލޭނެ ކަމަށެވެ. މިހާރު ތެލުގެ އަގުތައް އުފުލެމުން އަންނަ ގޮތުން މި އަހަރުގެ ތެރޭގައި ތެލުގެ އަގުތައް އިތުރަށް އުފުލޭނެ ކަމަށެވެ.










