މޮރޮކޯ އަތުން 1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަލިވި މެޗަށް ފަހު ދެން ސްކޮޓްލެންޑުން ބައިނަލް އަގުވާމީ ބޮޑު މުބާރާތެއް (ޔޫރޯ/ ވޯލްޑް ކަޕް) ގައި ކުޅޭނެ ފުރަތަމަ މެޗަކީ މި ފަހަރުގެ ޔޫރޯގައި މިއަދު ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅޭ މެޗެވެ. ޖެހިޖެހިގެން 10 ބޮޑު މުބާރާތުން ޖާގަ ނުލިބިދިޔައިރު، ސްކޮޓްލެންޑް ފުޓްބޯޅައިގައި ވިދުންގަދަ އެތައް ކުޅުންތެރިއަކު ވަނީ ގައުމީ ޓީމަށް ބޮޑު މުބާރާތެއްގައި ނުކުޅެ ރިޓަޔާ ވެސް ކޮށްފަ އެވެ.
ސްކޮޓްލެންޑުން އެކި ފަހަރު މަތިން މިދިޔަ އަހަރުތަކުގައި މުބާރާތްތަކަށް ކޮލިފައިވާން ކުރި މަސައްކަތް ނާކާމިޔާބުވާ ހިސާބުން އެ ގައުމުގެ އާންމުންގެ މަލާމާތާއި މީޑިއާގެ ފާޑުކިޔުން އެ ޓީމަށް އަމާޒުވެ އެވެ. ސްކޮޓްލެންޑްގެ ފުޓްބޯޅަ ޓީމަށް ބޮޑު މުބާރާތެއްގައި ވާދަނުކުރެވި، ރަގްބީ ވޯލްޑް ކަޕްގައި ސްކޮޓްލެންޑް ކުޅޭތީ އޭގެ އަށް ފޯކަސް ކުރާ މީހުން ވެސް ފަހުގެ ޖީލުތަކުގައި ދިޔައީ އިތުރު ވަމުންނެވެ.
"މިހާރު ރަގްބީ ޓީމުން އޮތީ ކުރިއަށް ޖެހިލާފައި. މިދިޔަ އަހަރުތަކުގައި އެ މީހުން ވަރަށް ބޮޑެތި މުބާރާތް ކުޅެފި. ފުޓްބޯޅަ އަކީ ސްކޮޓްލެންޑްގެ އެންމެން ފޯރިގަދަ އަދި މަގުބޫލުކަން ވެސް ބޮޑު ކުޅިވަރެއް ކުރިން 1970 އާއި 1980 ގެ އަހަރުތަކުގައި. އެކަމަކު އެކަން ބަދަލުވަމުން އައިސް މިވީ 23 އަހަރު ތެރޭ ވަރަށް ކަންކަން ހިނގައިފި،" ޔުނިވާސިޓީ އޮފް އެޑިންބާގްގެ ތާރީހު ދިރާސާކުރާ ތަޖުރިބާކާރު، ޕްރޮފެސަރު އެވެން ކެމަަރަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީޑިއާގެ ސަމާލުކަން ވެސް ފުޓްބޯޅަ އަށް ކޮންމެ ވެސް ވަރަކަށް ކުޑަވަމުން އައިސް އެހެން ކުޅިވަރުތައް ކުރިއަށް ޖެހިލީ ހަގީގަތުގައި ސްކޮޓްލެންޑް ފުޓްބޯޅަ ޓީމުގައި ހުނަރުވެރި ކުޅުންތެރިން ނެތިގެން ނޫން ކަމަށެވެ. މިދިޔަ އަހަރުތަކުގައި ވެސް މޮޅެތި ކުޅުންތެރިން ސްކޮޓްލެންޑް ޓީމަށް ކުޅެފައިވާ ކަމަށާއި އެކަމަކު އާންމުން އެދޭ ފަދަ ލެވަލަކަށް ގައުމީ ޓީމު ކުރިއަށް ނުގެންދެވޭތީ މީހުން ފޫހިވާން ފެށީ ކަމަށް ޕްރޮފެސަރު ކެމަރަން ވިދާޅުވި އެވެ.
"މުބާރާތްތަކުގައި ނުކުޅޭތީ ގްރޭޓް ބްރިޓިއަން ސަރަހައްދުގައި އޮތް އެހެން ގައުމުތަކުގެ މަލާމާތާއި ސްކޮޓްލެންޑް މީހުންގެ މެދުގައި ފުޓްބޯޅައިގެ އެއްބައިވަންތަ ރޫހު ގެއްލުނު. ދެން މީޑިއާ ވެސް އޮތީ ދެކަފިވެފައި. މި ހުރިހާ ކަމެއް ބަދަލުވެގެން މިއައީ. މިހާރު މި އޮތް ސްކޮޓްލެންޑް ޓީމު ކުރި މަސައްކަތުން. ވަކިވަކި ކުޅުންތެރިންގެ ވާހަކަތަކަށް ބަލާއިރު އާންމު ދިރިއުޅުމުން ފަށައިގެން ފުޓްބޯޅައިގެ އެންމެ މަތީ ލެވަލަށް ކުރު މުއްދަތެއްގެ ތެރޭގައި ދިޔަ ކުޅުންތެރިން އެ ޓީމުގައި އެބަހުރި،" ޕްރޮފެސަރު ކެމަރަން ވިދާޅުވި އެވެ.
މި ވަގުތު އޮތް ސްކޮޑަށް ބަލާއިރު އިނގިރޭސި ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބްތަކަށް ކުޅޭ ކުޅުންތެރިން ވެސް ސްކޮޓްލެންޑް ސްކޮޑުގައި ގިނަ އެވެ. އޭގެ ތެރޭގައި އެ ޓީމުގެ ކެޕްޓަން އެންޑީ ރޮބަޓްސަން ފަދަ ކުޅުންތެރިން ހިމެނެ އެވެ. ދެން ސްކޮޓްލެންޑް ޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ސްކޮޓް މެކްޓޮމިނޭ އާއި ޗޭ އެޑަމްސް ފަދަ ކުޅުންތެރިންނެވެ.

ސްކޮޓްލެންޑްގެ ކޯޗު ކްލާކް (ކ) އާއި ކެޕްޓަން ރޮބަޓްސަން.
ލިވަޕޫލަށް ކުޅޭ ރޮބަޓްސަން ބުނީ 23 އަހަރަށް ފަހު ސްކޮޓްލެންޑަށް ބޮޑު މުބާރާތަކުން ފުރުސަތު ހޯދައިދިނުމުގެ ކްރެޑިޓް ދޭން ޖެހޭނެ އެކަކަކީ އެ ޓީމުގެ ކޯޗު ސްޓީވް ކްލާކް ކަމަށެވެ.
"ކޯޗު މި ޓީމާ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ބުނަމުން އައީ ހުނަރު އެބަހުރި ކަމަށް. މަދުވަނީ މިކަން ވާނެ ކަމަށް ބޭނުންވާ ޓީމް ވޯކާއި މަސައްކަތާއި އުއްމީދު ކަމަށް. އަަހަރެމެން ދެއްކީ އެ ހިތްވަރު މިހާރު މި ތިބީ ބޭނުންވާ ހިސާބުގައި،" ރޮބަޓްސަން ބުންޏެވެ.
ދިހަ އަހަރު ކުރިން އަހަރެން ގާތުގައި 2020 ގެ ޔޫރޯގައި ސްކޮޓްލެންޑްގެ ކެޕްޓަންކަން ކުރެވޭނެތޯ ބުނިނަމަ އަހަރެންގެ އޮންނާނީ އުއްމީދެއް. އެކަމަކު ބައެއް މީހުން ހުރެފާނެ ނުވާނެއޭ ބުނާނެ ވެސް. މީގެ ބަދަލުކުރަންވީ ވިސްނުން - ރޮބަޓްސަން
ސްކޮޓްލެންޑުން އެންމެ ފަހުން ޔޫރޯއެއްގައި ވާދަކުރީ 1996 ވަނަ އަހަރު އެވެ. ސްކޮޓްލެންޑް މި ފަހަރުގެ ޔޫރޯ އަށް ކޮލިފައިވީ ޕްލޭއޮފް ބުރުންނެވެ. މި ފަހަރުގެ ޔޫރޯގައި އިންގްލެންޑާ އެއް ގްރޫޕެއްގައި ސްކޮޓްލެންޑް ހިމެނުމަކީ ވެސް މުބާރާތުގެ ފޯރި ސްކޮޓްލެންޑް މީހުންގެ މެދުގައި ގަދަވި ސަބަބަކެވެ.
މެޗުގެ ކުރިން ކޯޗުންގެ ބަސް
ސްކޮޓްލެންޑުން ވަނީ އެންމެ ފަހުން ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު ތިން މެޗުން މޮޅުވެފަ އެވެ. ޔޫރޯ އަށް މި ފަހަރު ކޮލިފައިވި ބާކީ 23 ޓީމުގެ ތެރެއިން ސްކޮޓްލެންޑްގެ އެންމެ ރެކޯޑް ރަނގަޅީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ. އެކަމަކު ސްކޮޓްލެންޑްގެ ކޯޗު ސްޓީވް ކްލާކް ގަބޫލުކުރާ ގޮތުގައި މުބާރާތެއްގައި ވާދަކުރާއިރު މެޗުގެ ހާލަތު މުޅިން ތަފާތެވެ.
ކްލާކް ބުނީ ބޮޑު މުބާރާތެއްގައި ރަނގަޅު ލެވަލެއްގައި ނަތީޖާ ނެރެވޭނެ ފެންވަރުގެ ކުޅުންތެރިން ސްކޮޓްލެންޑްގައި އެބަތިބި ކަމަށާއި ޓީމު ނެގުމުގައި އޭނާ އަށް އޮތް ބޮލުގެ ރިހުން ވެސް ކުޑައެއް ނޫން ކަމަށެވެ.
"އަހަންނަށް މި ފަހަރު ޔޫރޯގައި މި އޮތީ ވަރަށް އުނދަގޫ ކަމެއް. ފުރަތަމަ އެގާރަ ނެގުމަކުން ނުނިމޭ، އަދި އެބަޖެހޭ ބެންޗު ޓީމެއް ވެސް ނަަގަން. މި ފަހަރުގެ ޔޫރޯގައި އަހަންނަށް އެންމެ އުނދަގޫވާނެ ކަމަކީ މެޗު ސްކޮޑުގައި ނުހިމެނޭ ތިން ކުޅުންތެރިން ގާތުގައި އެ ވާހަކަ ބުނަން. އެއީ މީގެއިން ކޮންމެ ކުޅުންތެރިއަކީ ވެސް އަހަރެމެން މި ހިސާބަށް އަންނަން ވަރަށް މުހިއްމު ހިއްސާއެއް ވެދީފައިވާ ބައެއް،" ކުރިން ޗެލްސީ އާއި ލިވަޕޫލްގައި ވެސް ކޯޗިންގެ މަސައްކަތްތަކެއް ކޮށްފައިވާ ކްލާކް ބުންޏެވެ.
މިއީ ޗެކް ރިޕަބްލިކުން ޔޫރޯގައި ކުޅޭނެ 10 ވަނަ ފަހަރެވެ. އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު ހަތް މުބާރާތަށް ވެސް ކޮލިފައިވެފަ އެވެ. ޗެކް ރިޕަބްލިކުން ޔޫރޯ ކާމިޔާބުކުރީ ޗެކޮސްލޮވާކިއާގެ ނަމުގައި ވާދަކުރިއިރު 1976 ވަނަ އަހަރު އެވެ.

ޗެކް ރިޕަބްލިކްގެ ކޯޗު ޔަރޯސްލާވް ޝިލްހަވީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.
ޗެކް ރިޕަބްލިކްގެ ކޯޗު ޔަރޯސްލާވް ޝިލްހަވީ ބުނީ ސްކޮޓްލެންޑުން 23 އަހަރު ފަހުން ބޮޑު މުބާރާތެއްގައި ކުޅުނު ނަމަވެސް އެ ޓީމުގައި ތިބި ކުޅުންތެރިންނަކީ ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ކުޅެފައިވާ ކުޅުންތެރިން ކަމަށްވާތީ ސަމާލުވާން ޖެހޭ ކަމަށެވެ.
ނޭޝަންސް ލީގުގައި މިދިޔަ އަހަރު އޮކްޓޫބަރު މަހު ސްކޮޓްލެންޑް އަތުން 1-0 އިން ޗެކް ރިޕަބްލިކް ބަލިވި މެޗުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ޝިލްހަވީ އަށް ޓީމާ އެކު ދަތުރު ނުކުރެވުނެެވެ. އޭނާ ބުނީ އެކަމުގެ ވާހަކަތައް ދައްކަން ބޭނުންނުވާ ކަމަށެވެ.
ސްކޮޓްލެންޑްގެ ރޭންޖާސް އާއި ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގް މި ފަހަރުގެ ޔޫރޮޕާ ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން ރޭންޖާސްގެ ގްލެން ކަމާރާ އަށް ސްލާވިއާގެ އޮންޑްރޭއި ކުޑޭލާ ނަސްލީ ގޮތުން ދިމާކޮށްލި ކަމަށް ބުނެ އެ މައްސަލަ ބަލައި ޔުއެފާ އިން ދިން އަދަބާ އެކު އޭނާ ހުރީ 10 މެޗުގެ ސަސްޕެންޝަނެއްގަ އެވެ. މި ފަހަރުގެ ޔޫރޯ ގެއްލުނީ ވެސް އެ ސަބަބާ ހުރެ އެވެ.
"އަހަރެމެން އޭގެ އެއްވެސް ކަމެއް ސިކުނޑީގައި ނުބަހައްޓަން. ދަނޑުމަތީގައި ހިނގާ ކޮންމެ ކަމެއް ދާނީ ފެއާޕްލޭއާ އެއްގޮތަށް،" ޝިލްހަވީ ބުންޏެވެ.
ޗެކް ރިޕަބްލިކް އިން ވަނީ ކުޑޭލާ މައްސަލައިގައި މި ފަހަރުގެ ޔޫރޯގެ މެޗުތަކުގައި ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ކަކޫ ޖައްސައިގެން ތިބުމުގެ ބަދަލުގައި ޔުއެފާގެ ރެސްޕެކްޓް ބެޖަށް އަަތުން އިޝާރަތްކުރަން ނިންމައިފަ އެވެ.
ސްކޮޓްލެންޑާއި ޗެކް ރިޕަބްލިކް މިއަދު ކުޅޭ މެޗަކީ ބައިނަލްއަގުވާމީ މުބާރާތެއްގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި ހައެއް ޖަހާއިރު އެވެ.












