ކޮވިޑް-19 ފެތުރެމުންދާ މި ދުވަސްވަރު ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން މިގޮތަށް ބުނެފައި މިވަނީ، މިރޭ ފެށި ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ މެޗުތައް ބަލަން ޔޫތު މިނިސްޓްރީން ޕްރޮޖެކްޓަރު ދޫކުރަން ނިންމާފައި ވަނިކޮށެވެ. އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ޗައިނާ އެއިޑްގެ ދަށުން ލިބިފައިވާ ޕްރޮޖެކްޓަރުތައް ޔޫރޯގެ މެޗުތައް ބެލުމަށްޓަކައި ކްލަބް ޖަމިއްޔާތަކަށް ދޫކުރާނެ ކަމަށެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ތަންތަނުގައި ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްވެ ކުޅިވަރު މުބާރާތްތައް ބެލުމުގެ އިންތިޒާމުތައް ބައެއް ފަރާތްތަކުން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމަކު ބަލީގެ ހާލަތުގައި އެއީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.
ކޮވިޑުގެ ސަބަބުން ހިތްދަތި އުނދަގޫ ދުވަސް ތަކަކަށް ފަހު، މިހާރު އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން މިހާރަށްވުރެ ފާގަތި ދުވަސް ތަކެއްގެ މަލަމަތި ފެންނަން ފަށައިފައިވާ ކަން ފުލުހުން ފާހަގަކުރި އެވެ. އަނެއްކާވެސް ބަލީގެ ހާލަތު ބޮޑުވެދާނެ ގޮތަކަށް އެއްތަނަކަށް އެއްވެ ހިންގޭ ހަރަކާތްތަކަކީ، އެންމެންގެ ރައްކާތެރި ކަމަށްޓަކައި ކުރުން އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް ފުލުހުން ބުންޏެެވެ.
"މި ހާލަތުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދޭނެ،" ފުލުހުން ބުންޏެވެ.

ފުލުހުން ހަނދާންކޮށްދިން ގޮތުގައި މިއީ އެންމެން އެކުގައި ކުރާ މަސައްކަތުން މި ހާލަތު ބަދަލުކޮށް، އިތުރު ލުއިތަކެއް ދެވޭނެ ހާލަތަކަށް ދިއުމަށްޓަކައި އެޗްޕީގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓަވަންވީ ވަގުތެވެ.
އެޕްރީލް މަހުގައި ދިން ލުއިތަކާ އެކު ހާލަތު ގޯސްވެ ރާއްޖެ އިން ކޮވިޑުގައި އެންމެ ގިނަ ބަޔަކު މަރުވީ މިދިޔަ މަހެވެ. އެހެންވެ ފިޔަވަޅުތައް ހަރުކަށިކޮށް، ބޭރަށް ވެސް ނުކުމެވެނީ ފުލުހުންގެ ހުއްދައާ އެކުގަ އެވެ.














