ޖާގަ: 54،990
ހުޅުވުނު ތާރީހު: 1996
ސިޓީ: އަމްސްޓެޑަމް، ނެދަލެންޑްސް
ނެދަލެންޑްސްގެ އަމްސްޓެޑަމްގައި އެންމެ ފުރަތަމަ ދަނޑެއް އަޅަން 1986 ވަނަ އަހަރު ވާހަކަތަކެއް ދެކެވުނެވެ. އެއީ 1992 ވަނަ އަހަރުގެ އޮލިމްޕިކްސް އަށް ބިޑްކުރުމުގެ ގޮތުންނެވެ. އެކަމަކު އެ ބިޑް ނާކާމިޔާބުވެ، ފަހުން އޮލިމްޕިކް ސްޓޭޑިއަމެއް އެޅުމުގެ ވާަހަކަތައް މަޑުޖެހުނެވެ. އެކަަމަކު ނެދަލެންޑްސްގެ ކްލަބް އަޔަކްސް އިން އަމްސްޓެޑަމްގައި އާ ސްޓޭޑިއަމެއްގެ މަސައްކަތް ކުރަން ބޭނުންވާތީ 1993 އިން މަސައްކަތް ފަށައި 1996 ވަނަ އަހަރު ދަނޑުގެ ކަންކަން ނިންމާލި އެވެ. ނަން ދެވުނީ އަމްސްޓެޑަމް އެރީނާގެ ނަމުންނެވެ. ނެދަލެންޑްސްގެ ގައުމީ ޓީމުގެ މެޗުތައް ވެސް ހޯސްޓް ކުރަމުން އަންނަ އަމްސްޓެޑަމް އެރީނާ 2015 ވަނަ އަހަރު ޒަމާނީ ބަދަލުތަކެއް ގެނެސް 2017 ވަނަ އަހަރު އެ ދަނޑުގެ ނަން ވަނީ ނެދަލެންޑްސްގެ ފުޓްބޯޅަ ލެޖެންޑް ޔޯހަން ކްރައިފް އަށް ހާއްސަކޮށްފަ އެވެ. ގާތްގަނޑަކަށް 55،000 މީހުންނަށް ވަދެވޭ މި ސްޓޭޑިއަމްގައި މި ފަހަރު ޔޫރޯގެ ހަތަރު މެޗެއް ކުޅޭނެ އެވެ.













