ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގަމުންދާ ޕާލިމަންޓަރީ އިންކުއަރީއަށް މައުލޫމާތު ދެއްވަން ތަހުގީގުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ހާޒިރުކޮށްފި އެވެ.
މީގެކުރިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ވެސް 241 ކޮމިޓީގެ އިންކުއަރީއަށް ހާޒިރުކޮށްފައިވެ އެވެ.
ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ބަލަމުން ދަނީ އެކަން ހިނގައިދިޔަ ގޮތާއި، އެކުމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.
މިއަދު ހެނދުނު 241 ކޮމިޓީގެ އިންކުއަރީއަށް ހާޒިރުވެވަޑައިގެން ރިޔާޒު ވަނީ ތަހުގީގާ ގުޅޭ ގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ. އެ ކޮމިޓީއަށް ތަހުގީގާ ގުޅޭ ހުރިހާ އަޕްޑޭޓްތަކެއް މީގެކުރިން ވެސް ދިޔައީ ދެމުންނެވެ.


ރިޔާޒު: އޭނާ ވަނީ މެންބަރުންނަށް ތަހުގީގާ ގުޅޭ މައުލޫމާތު ދެއްވާފައި
ހަމަލާއާ ގުޅިގެން މިހާރު ކުރިއަށް ގެންދާ ތަހުގީގުގައި މިހާތަނަށް އެ ހަމަލާއާ ގުޅޭ ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ. މުޖާޒް އަހުމަދާއި ތަހުމީން އަހުމަދާއި އަހުމަދު އަދުހަމް ރަޝީދު އަދި އަހުމަދު ފާތިހެވެ.
އެމީހުންގެ އިތުރުން ވެސް ހަމަލާއަށްފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ފެށި އޮޕަރޭޝަންގައި 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް އުޅޭ މީހުން ވެސް ހިމެނެ އެވެ.
ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި މައުލޫމާތު ދިނުމަށް އެންމެފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މައްސަލާގައި މިހާތަނަށް ހޯދުނު ހެކިތައް "މައްސަލައިގެ އިންސާފަށް ވާސިލްވުމަށް" މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށެވެ.
"މި މައްސަލައިގެ ތަހުގީގަށް އެއްކުރެވިފައިވާ ފޮރެންސިކް ހެކިތަކުން ވެސް މުހިންމު ހެކިތަކެއް ލިބިފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. މިއީ މި މައްސަލައިގެ އިންސާފަށް ވާސިލްވުމަށް މުހިންމު ދައުރެއް އަދާ ކުރާނެ ހެކިތަކެއް،" ޝިފާއު ވިދާޅުވި އެވެ.
މަގުމަތީގައި ބަހައްޓާފައި ހުންނަ ސީސީޓީވީ ފުޓޭޖްތަކާއި އާންމުންގެ ފަރާތުން ގާތްގަނޑަކަށް 200 ވަރަކަށް ގަޑިއިރުގެ ވީޑިއޯ ލިބިފައިހުރިއިރު އެއިން ވެސް މުހިންމު މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"ސީސީޓީވީ ފުޓޭޖް އެނަލެސިސްތަކުން މައްސަލައިގެ ތަހުގީގަށް ވަރަށް މުހިންމު ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކޮށްލަން،" ޝިފާއު ވިދާޅުވި އެވެ.












