ކޮވިޑް-19އާ ގުޅިގެން ކާފިއު ވަގުތުގައި ބޭރުގައި އުޅުމަށް ސަރުކާރުގެ އޮފީސްތަކަށް ފުލުހުން ދޫކޮށްފައިވާ ހުއްދަތައް ބާތިލްކޮށް، ހުއްދަ ދޫކުރުމުގެ އުސޫލުތަކަށް ބަދަލެއް ގެނެސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު"އަށް މިރޭ ވިދާޅުވީ ދައުލަތުގެ ހުރިހާ އޮފީސްތަކުގެ މުވައްޒަފުންނަށް ވެސް ހުއްދަ ދޫކުރުމުގައި އަމަލު ކުރާ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެކަމަކު މާދަމާ އިން ފެށިގެން އަމަލުކުރަން ނިންމާފައިވާ އެ ބަދަލުގެ ތަފްސީލެއް ނުދެއްވަ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ގެނައި ބަދަލާ އެކު އެއްވެސް އޮފީހެއްގެ މުވައްޒަފަކު އޮފީހަށް ނުކުތުމުގައި އެއްވެސް ހުރަހެއް ދިމާ ނުވާނެ އެވެ.
ފުލުހުން ތަފްސީލް ނުދިން ނަމަވެސް އެނގިފައިވާ ގޮތުގައި މި ގެނައި ބަދަލާ އެކު ޑިއުޓީތަކަށް ދާން ކޮންމެ ފަހަރަކު ވެސް ހުއްދަ އަށް އެދެން ޖެހެ އެވެ. އައިޑީކާޑާއި ފޯން ނަމްބަރާ އެކު ޑިއުޓީ ޕާމިޓަށް އެދުމުން ފޯނަށް ހުއްދަ ފޮނުވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ސަރުކާރުގެ އޮފީސްތަކަށް ހުއްދަ ދޫކުރުމުގެ އުސޫލަށް މި ބަދަލު ގެނައީ، ސަރުކާރު އޮފީސްތައް ނުހުޅުވައި ގޭގައި މަސައްކަތް ކުރާގޮތަށް ނިންމި ނިންމުން މާދަމާގެ ނިޔަލަށް ދަންމާލާފައި ވަނިކޮށެވެ.

ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ދަނީ ހިންގަމުންނެވެ. އެ ނޫން ވަގުތު ތަކުގައި ހުއްދަ ނެތި ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.
ކާފިއު ވަގުތުގައި ބޭރުގައި އުޅޭ އިރު މާސްކް ނާޅާ އުޅުމާއި ކާފިއު ހިންގާ ވަގުތު ހުއްދައެއް ނެތި ބޭރުގައި އުޅޭ ނަމަ 1000ރ. އިން ޖޫރިމަނާކުރާނެ އެވެ. ކާފިއު ވަގުތުގައި ފިހާރަތަކަށް އާންމުން ވައްދައިގެން ހިދުމަތް ދޭ ނަމަ އެ ތަނެއް 5000 ރުފިޔާއިން ޖޫރިމަނާ ކުރެ އެވެ.












