ށ. ފުނަދޫގައި ޖެޓް ސްކީ ދުއްވަން އުޅެނިކޮށް ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި މަރުވީ، ޝުނާން ޝަރީފް 22، އެވެ.
ފުލުހުން ފުރަތަމަ ބުނީ، މި އެކްސިޑެންޓު ހިނގީ ށ. ފުނަދޫ ދަށްފަޅުގައި ދުއްވި ޖެޓް ސްކީއެއް އަނބުރާލި ވަގުތު، އޭގެ ފަހަތުގައި އިން މީހާ ވިއްސައިގެން ގޮސް ކަމަށެވެ. އޭނާ ވިއްސައިގެން ގޮސް ޖެހުނީ އެއްގަމުގައި ޖަހާފައި ހުރި ދަގަނޑެއްގައި ކަމަށް ފުލުހުން ބުންޏެވެ.
އެކަމަކު ފަހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މަރުވި ޒުވާނާ އިނީ ޖެޓް ސްކީ އައްސާފައި އޮތް ސީބެޑުގަ އެވެ. އޭނާއާ އެކު އިތުރު ޒުވާނަކު ވެސް އިނެވެ.
ޖެޓް ސްކީ އަނބުރާލި ވަގުތު ވިއްސައިގެން ގޮސް ޒުވާނާ ޖެހުނީ ގޮނޑުދޮށުގައި ހުރި ހަޓެއްގެ ތަނބެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އޭނާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ.

ޝުނާން މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށެވެ. ފުލުހުން އަންނަނީ މި މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
ފުނަދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ވިއްސައިގެން ގޮސް އެ ޒުވާނާ ޖެހުނީ، މޫދުގައި އުނދޯލި އައްސަން ޖަހާފައި ހުރި ދަނޑިއެއްގަ އެވެ. އެ ޒުވާނުން ދޭތެރެއަކުން ޖެޓް ސްކީ ދުއްވުމުގައި އުޅޭ ކަަމަށް ވެ އެވެ.













