މެދުއިރުމަތީގެ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އޮތް ނުރައްކާ ބޮޑުވެފައިވާތީ ކަނޑުއޮޅިތަކުގެ ސަލާމަތަށް ބޭރުގެ އެހީތެރިކަން މުހިންމު ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެފަދަ އެހީތެރިކަމަކަށް ނޭދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބުނެފި އެވެ.
ނިއު ދިއްލީގައި ބޭއްވި "ސަގަރުމަންތަން: ދަ ގްރޭޓް އޯޝަންސް ޑައިލޮގް" ގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ މެދުއިރުމަތީގެ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ. ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި އަވަށްޓެރި އިންޑިއާއަށާއި އެހެނިހެން އެކުވެރި ގައުމުތަކަށް ބޮޑަށް ބަރޯސާވާން ޖެހޭކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އިންޑިއާއާއެކު މާނަހުރި މަޝްވަރާތަކެއް ކުރަން ޖެހޭ ކަމަށެވެ.
"ރާއްޖޭގެ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކާ ހަވާލުނުކުރުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތު ޙިމާޔަތްކުރުމަށް ދިވެހި ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު،" ނަޝީދުގެ ވާހަކަތަކަށް ރައްދު ދީ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް، ކަނޑުއޮޅިތަކުގެ ސަލާމަތަށް ބޭރުގެ އެހީތެރިކަން މުހިންމު: ނަޝީދު
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެ ސިޔާސަތަކީ ސަރަހައްދުގެ ހަމަޖެހުމާއި ދުނިޔޭގެ ވިޔަފާރީގެ މުއާމަލާތުތަކަށް ފަހި ވެއްޓެއް ގާއިމުކޮށްދިނުމަށް ރާއްޖެއިން ގެންގުޅޭ ސިޔާސަތެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ބޭރު ބަޔަކަށް ރާއްޖޭގެ ސަރަހައްދެއް ބެލެހެއްޓުމަށް ހަވާލުކުރުމަކީ ސަރަހައްދީ ހަމަޖެހުމަށް އަސަރުކުރާނެ ކަމެއް ކަމަށް ސަރުކާރުގެ ބަޔާނުގައި ލިޔެފައިވެ އެވެ.
"ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ބައިނަލްއަގުވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ދިވެހިރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ހިމެނޭގޮތުން، ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށާއި ދިވެހި ދައުލަތުގެ ސިޔާދަތަށް އުނިކަން ލިބޭނޭ ކަމެއް."

ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް، އެއްވެސް ހާލެއްގައި ބޭރު ބަޔަކަށް ނުދޭނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެފަދަ ކަންކަމަށް ބޭރު ފަރާތްތަކަށް ދައުވަތު ނުދިނުމަށް މުއިއްޒުގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.













