ގެއްލިގެން ހޯދަމުންދާ، މިސްބާހް މުހައްމަދު ވަނީ ޑްރަގް ނެޓްވޯކަކުން ރަހުނުކޮށްފައި ކަމަށް ބެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހދ. ނޮޅިވަރަންފަރު، މޯނިންސަން، މިސްބާހް ގެއްލިގެން އާއިލާއިން ހުށަހެޅުމުން އޭނާ ހޯދަން ފުލުހުން އިއުލާން ކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.
ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި ފޮނުވާ ބޭރުގެ ނެޓްވޯކްތަކުން އެތަކެތި ދޫކުރަނީ ފައިސާ ލިބެންދެން ރަހުނުގެ ގޮތުގައި މީހަކު ބަހައްޓާ ގޮތަށެވެ. ރާއްޖެއަށް މީގެ ކުރިން ވެސް ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެ ކުރަނީ އެގޮތަށް ރަހުނުގެ ގޮތުގައި މީހުން ބަހައްޓައިގެން ކަމަށް ތުހުމަތު ކުރެވެ އެވެ.
ފުލުހުން ބުނިގޮތުގައި މިސްބާހް މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ ފްލައި ދުބާއީގެ ފްލައިޓަކުން ދުބާއީއަށް ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ. އޭނާ ދުބާއީއަށް ގޮސްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އާ އެކުގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އިރުފާން ތަގިއްޔު ވަނީ މިދިޔަ ޑިސެމްބަރު އަށް ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަންޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފަ އެވެ.

"އިރުފާން ތަގިއްޔު އާއި މިސްބާހް މުހައްމަދު ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ތަގިއްޔު ދުއްވާ ކާރެއް ކަމަށްވާ "AB1B P1939" ގައެވެ." ފުލުހުން ބުންޏެވެ.
އިރުފާން ތަގިއްޔު ވަނީ ނޮވެމްބަރު 22 ވަނަ ދުވަހު އެނބުރި ރާއްޖެ އައިސްފައި ކަމަށާއި ނަމަވެސް، އިރުފާން ތަގިއްޔުއާއެކު މިސްބާހް އައިސްފައެއް ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި، މިސްބާހް ނޮވެމްބަރު 23 ވަނަ ދުވަހު ފްލައި ދުބާއީގެ ފްލައިޓަކުން ދުބާއީ އިން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން، މިސްބާހް ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާނަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓާ" އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
އިރުފާންގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގެ ތަހުގީގު ނިންމައި މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި، އެ މަހުގެ 14 ވަނަ ދުވަހު ވަނީ ދައުވާ އުފުލާފަ އެވެ. މި މައްސަލާގައި އިރުފާންއާއެކު 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ.












