މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ހ. ހުދުފިޔާގެ، ލިއުޝާ ޝާކިރު އެންމެ ފަހުން ފެނުނީ މީގެ 12 ދުވަސް ކުރިން ކަމަށް އޭނާގެ އަވަށްޓެރިއަކު މިއަދު ބުނެފި އެވެ.
އެކަނި ދިރިއުޅެމުން އަންނަ ލިއުޝާ 28، މަރުވެފައި އޮއްވާ ފެނުނީ ރޭ ދަންވަރެވެ.
އޭނާގެ އަަވަށްޓެރިއަކު "އަދަދު"އަށް ބުނިގޮތުގައި ލިއުޝާ މަރުވެ، ކުނިވެފައި އޮއްވައި ފެނުނީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތައަކަށެވެ. އޭނާ ދިރިއުޅެނީ ބަހާފައި ހުންނަ އެ ގޭގެ އެހެން ބައެއްގަ އެވެ. ލިއުޝާ ދިރިއުޅޭ ބަޔަށް އޭނާގެ ދައްތަ އެރީ މާ ގަދަޔަށް ކުނިވަސް ދުވާތީ އެވެ.
"އަހަރެން ވެސް ނިދާފަ އޮއްވާ މީހަކު ހަޅޭއްލަވާ އަޑު އިވިގެން ހޭލެވުނީ. ދުވެފައި ނުކުތްއިރު އޭނާ ދައްތަ ނުކުންނަނީ ގޮވަމުން ލިއުޝާ ކޮޓަރީގަ މީހަކު މަރުވެފައޭ،" އަވަށްޓެރިއާ ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި ގޮތުގައި މަރުވެ ކުނިވެފައި ލިއުޝާ އެނދުމަތީގައި އޮތީ ބަރަހަނާކޮށެވެ.

ލިއުޝާ ދިރިއުޅެމުން އައީ މައިންބަފައިންގެ ގެ ބަހާފައި ލިބުނު ބައިގެ ފުރަތަމަ ބުރީގަ އެވެ. އޭނާގެ ދައްތަ އާއި "އަދަދު"އަށް ވާހަކަ ދެއްކި އަވަށްޓެރިޔާ ދިރިއުޅެމުން އައީ ގްރައުންޑް ފްލޯގަ އެވެ.
އަވަށްޓެރިޔާ ބުނިގޮތުގައި ލިއުޝާ އެންމެ ފަހުން ފެނުނީ މީގެ 12 ދުވަސް ކުރިން، އޭޭނާ ދިރިއުޅޭ ބަޔަށް އަރަނިކޮށެވެ. އޭގެ ފަހުން ދިމައެއް ނުވެ އެވެ.

ލިއުޝާ ދިރިއުޅެމުން އައީ މި ގޯޅި ތެރޭގައި ހުރި ގެއެއްގައި. -- ފޮޓޯ/އަދަދު
ލިއުޝާއަކީ އާއްމުކޮށް ކޮންމެ ދުވަހަކު ވެސް ދެތިންހަތަރު ފަހަރަށް ބޭރަށް ގޮސް އުޅޭ މީހެއް ކަމަށްވެ އެވެ. އެކަމަކު މި ފަހުން އޭނާ ނުފެނުނު ނަމަވެސް ގެއްލިގެން ނުވަތަ ހަބަރެއް ނުވެގެން އާއިލާ އިން ހޯދަން އުޅުނުކަން އެނގިފައި ނުވާ ކަމަށް އަވަށްޓެރިޔާ ކިޔައިދިނެވެ.
ކުނިވަސް ދުވާތީ ދައްތައަށް އެ ކޮޓަރިއަށް ވަދެވުނީ، ދޮރު ހުޅުވާފައި ހުރުމުން ކަމަށް ވެ އެވެ.
އަހަރެންނަށް ނުފެންނަތާ 10 ދުވަސް. އަހަރެންގެ ދައްތައަށް ނުފެންނަތާ 12 ދުވަސް، އެންމެ ފަހުން ދިމާވީ ދައްތައާ ކަމަށްވަނީ. އެ ދުވަހުން ފެށިގެން އޭނަ ނުނިކުމޭ ބޭރަކަށް.
ލިއުޝާ ދިރިއުޅޭބައިން ނުކުމެ ބޭރަށް ދެވެނީ އަވަށްޓެރިއާގެ އެޕާޓްމެންޓް ކުރިމަތިންނެވެ. އަވަށްޓެރިއާ އަކީ ގިނަ ވަގުތު ބޭރުގައި (ގޭ ދޮރުމަތީ) އިންނަ މީހެއް ކަމުން ލިއުޝާ އެތެރެއަށް ވަންނަ ތަނާއި ބޭރަށް ނުކުންނަތަން ފެންނަ ކަމަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި މަސްތުވާތަކެތިން އަރައިގަތުމަށް ފަރުވާ ހޯދަމުން އަންނަ ލިއުޝާއަކީ ފިޓްޖެހޭ މީހެކެވެ. މި ފަހުން ވެސް ދެ ފަހަރަކު ފިޓް ޖެހިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެ އެވެ.
ފިޓްޖެހިގެން ގެންދިޔަކަން ފުލުހުންނަށް އެނގުނީ އަޅުގަނޑުމެން ބަޔަށް މައުލޫމާތު ހޯދަން އައިސް މައުލޫމާތު ސާފުކުރުމުން.
ލިއުޝާގެ މަރާ ގުޅޭ ގޮތުން ފުލުހުން މިހާތަނަށް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.













