ކުޅުދުއްފުށީ ސިޓީގައި ކާރަކަށް ޒުވާނަކު އަރުވައި، އަނިޔާކުރި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ކުޅުދުއްފުށިން ރޭ ހައްޔަރުކޮށްފައިވަނީ 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
އޭގެއިތުރުން 29 އަހަރުގެ ޒުވާނާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އަނިޔާކުރި ޒުވާނާއަށް މިހާރު ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. އޭނާގެ ބޮޑު އޮޕަރޭޝަނެއް އިއްޔެ ކޮށްފައިވާއިރު، އަދިވެސް ހާލު ރަނގަޅު ނުވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. އޭނާ މިވަގުތު އޮތީ ވެންޓިލޭޓަރުގަ އެވެ.
އެނގިފައިވާ ގޮތުގައި، އެ ޒުވާނާއަށް އަނިޔާކުރީ ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދަށް ގެންގޮސްގެންނެވެ. އެއީ، ރޭގަނޑު ވަގުތު ވަރަށް އަނދިރިކޮށް އޮންނަ ސަރަހައްދެކެވެ.

ވަޒީފާއެއް އަދާކުރަމުން ނުދާ އެ ޒުވާނާއަކީ، ކުޅުދުއްފުށީ ގޭގެއަށް އާންމުކޮށް ވަދެ ވައްކަން ކުރުމުގައި އުޅޭ މީހެއް ކަމަށްވެ އެވެ. މި ފަހުން ވެސް އޭނާ ގެއަކަށް ވަދެ ވައްކަން ކުރަން އުޅޭ ތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ލީކްވެފައިވެ އެވެ.
އެގޮތަށް އޭނާ ވައްކަން ކުރަން އެތައް ފަހަރަކު މަސައްކަތް ކޮށްފައިވާއިރު، އެ މައްސަލަތައް ފުލުހަށް ރިޕޯޓް ކޮށްފައި ވެސް ވެ އެވެ. ނަމަވެސް، އޭނާ ހުރީ ދޫވެފަ އެވެ.
"އެހެންވެ، އެކަމާ ހިތްހަމަނުޖެހިގެން އުނދަގޫ ބޮޑުވެގެން ބަޔަކު އެ ޒުވާނާގެ ގައިގާ ތަޅައިގަތީ ކަމަށް ބެލެވެނީ،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އުނދަގޫބޮޑުވެގެން ވިޔަސް މީހެއްގެ ގައިގައި ތަޅައި އަނިޔާކުރުމަކީ ކުށަކަށްވާތީ އެފަދަ އަމަލުތައް ނުހިންގަން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.











