މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއް ނަމާދު ކުރަން ނުވަދެވޭ ގޮތަށް ބަންދު ކުރަން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
މިއީ، ރާއްޖޭގައި މިގޮތަށް މިސްކިތްތައް އެއްކޮށް ބަންދުކުރި ފުރަތަމަ ފަހަރެވެ.
މާލޭ ސަރަހައްދުގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލާފަ އެވެ.
ނަމަވެސް، މިސްކިތްތައް އަރައި، ޖަމާއަތް ހަދައިގެން ބައެއް މީހުން ނަމާދު ކުރެ އެވެ. އަދި، ގައިދުރުކަން ވެސް މިސްކިތްތަކުގައި ނުބަހައްޓަ އެވެ. ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ދީފައިވާ އިރުޝާދުތަކަށް ބައެއް މީހުން ތަބާނުވާތީ އެކަމާ ކަންބޮޑުވެ، އިސްލާމިކް މިނިސްޓްރީން ނިންމީ ފިޔަވަޅު އިތުރަށް ހަރުކަށިކުރާށެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މިރޭގެ ފަތިސް ނަމާދުން ފެށިގެން މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއް ބަންދުވާނެ ކަމަށެވެ. މިސްކިތްތައް ބަންދުކުރިޔަސް ފަސް ވަގުތު ނަމާދު ކުރުމަށް މިނިސްޓްރީން އިލްތިމާސްކުރި އެވެ.

މާލޭ ސަރަހައްދުގައި ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ހަރުކަށިކޮށްފަ އެވެ. އެގޮތުން، ކާފިއު ގަޑި ވަނީ ހަވީރު 4:00 ން ހެނދުނު 8:00 އަށް އިތުރުކޮށްފަ އެވެ. އެ ނޫން ގަޑިތަކުގައި ވެސް ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާއިރު ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދެވެ.
ކާފިއު ގަޑިތަކުގައި ޓޭކްއެވޭގެ ހިދުމަތް ދިނުމާއި ފިހާރަތަކުން ވިޔަފާރިކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.












