މާލޭގެ ވަކި ސަރަހައްދެއްގައި ދިރިއުޅޭ އެންމެންގެ ކޯލްތައް އަޑުއެހުމަށް އަމުރެއް ކުރިމިނަލް ކޯޓުން ނެރެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ކޯޓުން ދޮގުކޮށްފި އެވެ.
ފުލުހުން އެދިގެން މާލޭގެ ވަކި ސަރަހައްދެއްގައި އުޅޭ މީހުންގެ ފޯނު ކޯލްތައް އަޑުއެހުމަށް އަމުރެއް ނެރެފައިވާ ކަމަށް ސޯޝަލް މީޑިއާގައި އާންމުވުމާއެކު، އެކަމާ މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ނަމަވެސް، ކުރިމިނަލް ކޯޓުން މިއަދުއެކަން ދޮގުކުރި އެވެ.
ކުރިމިނަލް ކޯޓުން ބުނި ގޮތުގައި، ވަކި ސަރަހައްދެއްގައި ދިރިއުޅޭ އެންމެންގެ ކޯލުތައް އަޑުއެހުމަށް ކުރިމިނަލް ކޯޓުން އަމުރެއް ނެރެފައިނުވާ ކަމަށެވެ. އަދި، އެފަދަ އަމުރަކަށް ތަހުގީގު އިދާރާއަކުން އެދިފައިވެސް ނުވާ ކަމަށެވެ.
"މިއީ އެ ބާވަތުގެ ކޯޓު އަމުރު ދޫކުރުމުގައި ކުރިމިނަލް ކޯޓުން އަމަލު ކުރާ އުސޫލެއް ނޫން،" ކޯޓުން ބުންޏެވެ.

ކޯޓުން އިތުރަށް ބުނި ގޮތުގައި، ކުރިމިނަލް ކޯޓުން ގާނޫނު އަސާސީގެ ދެވަނަ ބާބުން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަށް އިހްތިރާމް ކުރާނެ ކަމަށެވެ.
ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރު ދޫކުރުމުގައި އަމަލު ކުރަނީ ޖިނާއީ ކުށްތަކުގެ ގާނޫނުތަކާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ ކޯޓުން ބުންޏެވެ.













