ވަޅިން ހަމަލާ ދޭނެ ކަމަށް ބުނެ ބަޔަކަށް އިންޒާރު ދިނުމަށްފަހު މާފަންނު ގެއަކަށް ވަޅި ހިފައިގެން ވަތް ކަމުގެ ތުހުމަތުގައި މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލާގެ ތުހުމަތުގައި މިއަދު ހެނދުނު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މީހާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، އޭނާ ގެންގުޅުނު ވަޅިއަކީ ވެސް އެ ހިސާބު ފިހާރައަކުން ވަގަށް ނަގާފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ.
އެ ވަޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާ ވަތް ގޭގެ ފަސް ވަނަ ބުރިންނެވެ.

ސޯޝަލް މީޑިއާގައި އާއްމުވާ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ އެ ވަޅި ވަގަށް ގެންގޮސްފައިވަނީ މާފަންނުގައި ހުންނަ އިހުސާން ފިހާރައިންނެވެ.
އޭނާ އެ ވަޅި ވަގަށް ގެންގޮސްފައިވަނީ ވަޅިން ބިރު ދެއްކުމަށްފަހުކަން އާންމުވެފައިވާ ވީޑިއޯއިން އެނގެ އެވެ.













