ދިވެހިރާއްޖޭގެ ކުރީގެ ރަދުން އައްސުލްތާން ހަސަން ނޫރައްދީން ދެ ވަނައިގައި ދަރިކަލުން އަދި ދިވެހި ސަރުކާރަށް 53 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ, ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްއަމީރު މުހައްމަދު ނޫރައްދީން މިއަދު ހެނދުނު އަވަހާރަވެއްޖެ އެވެ.
އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި، 1954 ވަނަ އަހަރު ސަރުކާރަށް ހިދުމަތްކުރައްވަން ފެށްޓެވި މުހައްމަދު ނޫރައްދީން ވަނީ މޫސުމާބެހޭ އިދާރާގެ ވެރިޔާ ކަމާއި މުނިސިޕަލްޓީގެ ނައިބް ރައީސްކަމާއި މިނިސްޓަ އޮފް ހޯމް އެފެއާޒުގެ ނާއިބުކަމާއި މިނިސްޓާ އޮފް އެޑިއުކޭޝަންގެ ނާއިބް ކަމާއި ރިލިޖަސް އެފެއާޒުގެ ޑެޕިއުޓީ މިނިސްޓާ އޮފް ސްޓޭޓްކަން ކުރައްވައިފަ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަމާއި، ގއ. އަތޮޅުގެ މެންބަރުކަން ކުރައްވާފައިވެ އެވެ.

އިނގިރޭސި ރާނީ އެލިޒަބަތު 1972 ވަނަ އަހަރު ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގައި ރާނީ (ވ) އަރިހުގައި ބޮޑުވަޒީރު އަހުމަދު ޒަކީ (ކ) އާއި އަދުނާން ހުސެއިން (ކ-2) އަދި މުހައްމަދު ނޫރައްދީން. --ފޮޓޯ: ވޮނަދަނަ ރާއްޖެ

މުހައްމަދު ނޫރައްދީނަށް، ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ޝަރަފް ދެއްވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ގަ އެވެ.
މުހައްމަދު ނޫރައްދީން ދެ ކައިވެނިފުޅެއް ކުރެއްވި އެވެ. އެންމެ ފުރަތަމަ ކައިވެނި ކުރެއްވީ ބޮޑުގަލުމާފަތްގޭ ތުއްތު ސިއްތިއާ އެވެ. ދެން ކައިވެނިކުރެއްވީ ކޮލިގޭ ފާތިމަތު ނާސިރާއާ އެވެ. އެމަނިކުފާނަށް ހަތް ބޭފުޅުން ލިބިވަޑައިތެވެ. އޭގެ ތެރޭގައި އެއާޕޯޓްސް ކޮމްޕެނީގެ ކުރީގެ ޗެއާމަން އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އިބްރާހިމް ނޫރައްދީނާއި، ވިޔަފާރިވެރިޔާ އިސްމާއިލް ނޫރައްދީން ހިމެނެ އެވެ. ރައީސް އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް، ސަބްރާ ނޫރައްދީނަކީ އެމަނިކުފާނު ކާފަދަރިކަނބަލެކެވެ.
މުހައްމަދު ނޫރައްދީންގެ ބައްޕާފުޅު ހަސަން ނޫރައްދީން ރަސްކަން ކުރެއްވީ ފެބްރުއަރީ 21، 1935 އިން އޭޕްރިލް 7، 1943 އަށެވެ. ހަސަން ނޫރައްދީނަކީ ރާއްޖޭގެ ގާނޫނު އަސާސީ އަށް ގެނައި ބަދަލަކާ އެކު، ރަދުންއަކީ އިންތިހާބުކުރާ މަގާމަކަށް ހެދި ފަހުން ރަސްކަމަށް އިސްވެވަޑައިގެންނެވި ފުރަތަމަ ރަސްގެފާނެވެ. އަދި އެއީ ރާއްޖޭގެ ގާނޫނު އަސާސީގައި ރާއްޖޭގެ ޝާހީ އާއިލާއަކީ ކޮބައިކަން ބަޔާންކުރެވުނު ފަހުން ރަސްކަން ކުރެއްވި ފުރަތަމަ ރަދުން ވެސް މެ އެވެ. އޭރު ކަނޑައެޅި ގޮތުގައި ޝާހީ އާއިލާގެ އަކީ އައް ސުލްތާން ގާޒީ ހަސަން އިއްޒުއްދީން (ދޮން ބަންޑާރައިން) ގެ ފިރިހެން ދަރިކޮޅެވެ. ދިވެހި ރަސްކަލުންގެ ތެރެއިން އެންމެ ފަހުން ކޮލިލި ރަދުން ހަސަން ނޫރައްދީން ރަސްކަމުން ވަކިވެވަޑައިގަތީ ދެ ވަނަ ބޮޑު ހަނގުރާމަ ފެށިގެން ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން ބާރެއް ނެތި ރަދުންގެ ގޮތުގައި ހުންނަވަން ބޭނުންފުޅުނުވުމުންނެވެ. އޭރު ބާރު އޮތީ ދާހިލީ ވަޒީރު އަލްއަމީރު ހަސަން ފަރީދުގެ އަތްޕުޅުގަ އެވެ. ނޫރައްދީން އަވަހާރަވީ އޭޕްރިލް 15، 1967 ގަ އެވެ.












