ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާއާ ދެކޮޅަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ނުގެންދަން އޭނާ އެދިވަޑައިގެންފައި އޮތަސް ތަހުގީގު ކުރިއަށްދާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ފުލުހުންގެ ތަހުގީގު ވަކި މީހެއްގެ އެދިގެން ހުއްޓާނުލާނެ ކަމަށެވެ. އީސައަށް ތުހުމަތުކޮށްފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމުގެ ޔަގީންކަން އޮފިޝަލް ދެއްވި އެވެ.
އީސައާ ދެކޮޅަށް ފުލުހުން ތަހުގީގު ކުރަމުން އަންނަނީ އަސްރާގެ ގައިގައި ތަޅައި މާރާމާރީ ހިންގައި، ދަރިފުޅު އަސްރާގެ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް، މަގު މައްޗަށް އެ ކުއްޖާ ދިއްކޮށް ވައްޓާލައި މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށާއި ތަކުރާރުކޮށް ގެވެށި އަނިޔާ އީސާގެ ފަރާތުން ލިބޭ ކަމަށް އަސްރާ ހުށަހަޅާފައިވާ މައްސަލަ އެކެވެ.

މި މައްސަލައިގައި އީސައާ ދެކޮޅަށް ތަހުގީގަށް އަސްރާ ބަޔާން ވެސް ދެއްވި އެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ގެންދަން އަސްރާ މިހާރު ބޭނުމެއް ނުވެ އެވެ.
އެކަމާ ގުޅޭ ގޮތުން ކޮމެންޓެއް ވެސް ނުކުރެއްވި އެވެ. އެނގިފައިވާ ގޮތުގައި، މައްސަލަ ކުރިއަށް ނުގެންދަން އޭނާ ނިންމީ ދަރިފުޅުގެ މަސްލަހަތަށްޓަކައި ކަަމަށް ވިދާޅުވެ އެވެ.
ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ ބޭނުންވިއިރު، އަނިޔާއާ ގުޅިގެން ފޭސްބުކްގައި ލިއުއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހާދިސާ އިން އޭނާ އާއި ދަރިފުޅަށް އުނދަގޫ އިހްސާސްތަކެއް ކުރަން ޖެހުނު ކަމަށެވެ. އަދި އެއީ، ދުވަހަކު ވެސް ކުރިމަތިވެދާނެ ކަަމަށް ހީކުރެއްވި ތަޖުރިބާތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ނިންމީ އީސައަށް ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ ފަދަ ސަބަބުތަކެއް ހުރި ކަމަށާއި ނަމަވެސް އަމުރު ނެރެދެވޭނެ ގާނޫނީ ބިނާއެއް ނެތް ކަމަށެވެ.
ތުހުމަތުތަކަށް އިންކާރު ކުރައްވައި އީސަ ވިދާޅުވެފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އެކަހެރިވެވަޑައިގަތީ އޭނާއަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއް ބަލާތީ، މުއައްސަސަތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަަމަށެވެ.














