އިންޓެލިޖެންސް ނިޒާމު ބަދަލުކުރަންޖެހޭ ކަމަށް ގަބޫލުކުރެވޭ: އަސްލަމް

މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ އިންޓިލެޖިންސް މައުލޫމާތު އެއްކުރުމުގެ ނިޒާމަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ގަބޫލުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މަޖިލީހުން ހިންގާ ތަހުގީގެއް ނޫނީ ޕާލިމަންޓްރީ އިންކުއަރީ 241 ކޮމިޓީން އަންނަނީ ކުރަމުންނެވެ.

ކޮމިޓީން ނިންމީ ހަމަލާދިން އިރު ރައީސް ނަޝީދަށް ދެމުންދިޔަ ސެކިޔުރިޓީ ބްރީޗުވި ގޮތުގެ އިންކުއަރީއެއް، ބޭރުގެ މާހިރުންގެ އެހީތެރިކަމާ އެކު އެންމެ ފުޅާމިނެއްގައި ހެދުމަށެވެ.

އިންކުއަރީގެ ބޭނުމަކީ ރައީސް ނަޝީދަށް ދިން ހަމަލާގައި ކަންކަން ހިނގާދިޔަ ގޮތް ދެނެގަނެ، ކުރިއަށް އޮތް ތަނުގައި އެފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން ކަމަށް ކޮމިޓީން ބުނެފައިވެ އެވެ.

އެ އިންކުއަރީގެ ދަށުން ކޮމިޓީން ދަނީ ސަލާމަތީ ހިދުމަތްތަކުގެ އިތުރުން ކަމާގުޅޭ އިދާރާތަކުގެ ބޭފުޅުންނާއި ކުރީގެ އަދި މިހާރުގެ މާހިރުންގެ ލަފާ އާއި މަޝްވަރާ ހޯދައި މައުލޫމާތު އެއް ކުރަމުންނެވެ.

ކޮމިޓީން މިހާތަނަށް ކުރެވިފައިވާ މަސައްކަތާ ގުޅޭގޮތުން މިއަދު މަޖިލީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ބާރުތަކަށް ލިބިފައި ނުވާކަމަށް ބުނެފައިވާއިރު، ރާއްޖޭގައި ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީއެއް އުފެއްދުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މި ހާދިސާ ހިނގުމުގެ ކުރިން ވެސް ކޮމިޓީގައި އެކަމާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށެވެ.

މިގޮތުން އަސްލަމް ވިދާޅުވީ ފުލުހުންގެ ގާނޫނު އެކުލަވާލެވެމުން ދިޔަ އިރު، ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީއެއްގެ މުހިއްމުކަމުގެ މަޝްވަރާތައް ކުރެވުނު ކަމަށެވެ.

ނަމަވެސް، އޭރު ކޮމިޓީން ނިންމި ނިންމުމުގެ ތެރޭގައި ހުށަހެޅުމެއްގެ ގޮތުގައި އެކަން ހިމަނާފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިންޓެލިޖެންސް ފެއިލްވިކަމަށް ތުހުމަތުތައް އަމާޒުވެފައިވާއިރު، ސަލަމާމަތީ ހިދުމަތްތަކުގެ އިންޓެލިޖެންސް ނިޒާމަށް ބަދަލުތަކެއް އަންނަންޖެހޭކަމަށް ގަބޫލު ކުރެއްވޭ ކަމަށް އަސްލަމް ފާހަގަކުރެއްވި އެވެ.

"ގަބޫލުކުރަން އިންޓެލިޖެންސްގެ ތެރޭގައި އިސްލާހު ކުރަންޖެހޭ ބައެއް ކަންކަން ހުރި ކަން. ދެން އެގޮތަށް ކޮމިޓީން ސީދާ ނިންމާނެއޭ އަޅުގަނޑަށް މިވަގުތު ދަންނަވަން ދަތި. އެކަމަކު އިންޓެލިޖެންސް މައުލޫމާތު އެއްކުރުމުގެ ނިޒާމަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" އަސްލަމް ވިދާޅުވި އެވެ.

ސުވާލުކުރާނީ މައުލޫމާތު ދިރާސާ ކުރުމަށް ފަހު

ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެފަދަ ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތެއް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ދެއްވިކަމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެފައިވާއިރު، އެކަން ހިނގާދިޔަ ގޮތެއް ވެސް ކޮމިޓީގެ ދިރާސާގެ ތެރެއިން ބެލޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ކޮމިޓީން މިހާރު ކުރަމުން އަންނަނީ އެކި ފަރާތްތަކުން މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ކަމަށާއި، ކަމަބެހޭ ބޭފުޅުންނާ ސުވާލުކުރާނީ އެ މައުލޫމާތުތައް ދިރާކުރުމަށްފަހު ކަމަށެވެ.

އޭގެ ތެރެއިން ވަކި ބޭފުޅަކަށް ބެލުމެއް ނެތި، ކޮމިޓީން ސުވާލު ކުރަންޖެހޭ ހުރިހާ ފަރާތްތަކާ ސުވާލު ކުރާނެ ކަމުގެ ޔަގީންކަން އަސްލަމް ދެއްވި އެވެ.

"އަޅުގަނޑުމެން މި ކުރާ ދިރާސާގެ ތެރެއިން އެ މައްސަލަ ވަކިން ފެންމަތިވެއްޖެ ނަމަ މިނިސްޓަރު މާރިޔާ ވިޔަސް އަދި ކޮންމެ ބޭފުޅެއް ވިޔަސް އަޅުގަނޑުމެން ސުވާލުކޮށް އެކަން ސާފުކުރާނަން،" އޭނާ ވިދާޅުވި އެވެ.

ފިސްތޯލަ ފެނުނު މައްސަލައިގެ މައުލޫމާތު ހޯދަނީ

ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލުމުން ލިބިވަޑައިގަތް ޒަހަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދަވަނިކޮށް، އެ ހޮސްޕިޓަލުގެ ފާހާނާއެއްގެ ތެރޭގައި ސިފައިންގެ މީހަކު ފިސްތޯލައެއް ބޭއްވި މައްސަލައެއް ފެންމަތިވެފައިވާއިރު، އެ މައްސަލަ ފުލުހުންގެ ތަހުގީގު ތެރެއިން ބަލަމުންދާ ކަމުގެ މައުލޫމާތު ވެސް މިއަދު އަސްލަމް ހިއްސާ ކުރެއްވި އެވެ.

އެ މައްސަލައިގައި ފުލުހުންނާއި ސިފައިން ވެސް ސީދާ މައުލޫމާތެއް ހާމަނުކުރާ ކަމުގެ ޝަކުވާ އާއްމުންގެ އިތުރުން މީޑިޔާތަކުން ވެސް ކުރަމުންދާއިރު، އަސްލަމް ވިދާޅުވީ ތަހުގީގު ކުރެވެމުންދާ މައްސަލައަކާ ގުޅޭ މައުލޫމާތުތައް ވަގުތުން ވަގުތަށް ހާމަނުކުރެވިދާނެކަމީ ގަބޫލުކުރަންޖެހޭ ކަމެއް ކަމަށެވެ.

ނަމަވެސް، އެ ތަހުގީގު ހިނގާ ގޮތެއް ބަލަން، އެކަމުގެ ތަފްސީލީ މައުލޫމާތު ހޯދަން 241 ކޮމިޓީން އިއްޔެގެ ވަގުތެއްގައި ކަމާބެހޭ އިދާރާތަކަށް ސިޓީ ފޮނުވާފައިވާ ކަން އަސްލަމް ހާމަކުރެއްވި އެވެ.

ފަންޑު ކުރި މީހުން ހޯދަން ހުރަހެއް ނާޅާ

އެ ހަމަލާއަށް ފަންޑު ކުރި މީހުންނާއި ފަހަތުގައި ތިބި ބަޔަކު ހޯދަން އެމްއެންޑީއެފްގެ ދަށުން އޮންނަ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ތެރެއިން ހުރަސްއަޅާކަމަށް ރައީސް ނަޝީދު ވެސް ނުސީދާކޮށް ވިދާޅުވެފައިވާއިރު، އެފަދަ ކަމެއް ކޮމިޓީއަށް އަދި ފާހަގަކުރެވިފައި ނުވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެއްވެސް ފަރާތަކުން ތަހުގީގު ނުހިންގަން ނޫނީ ހުރަސް އަޅަން މަސައްކަތް ކުރާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވޭ،" އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް އެ ސެންޓަރުން މައުލޫމާތު ހިފެހެއްޓުމާއި އެހެން މުއައްސާސަތަކާއި މައުލޫމާތު ހިއްސާކުރުމުގައި ބައެއް މައްސަލަތައް ފާހަގަކުރެވިފައިކަމަށް ވިދާޅުވި އެވެ.

ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

އަދި ވިދާޅުވީ މިކަމަށް ފަންޑު ކުރި މީހުން ހޯދުމުގެ ތަހުގީގަށް އެމެރިކާގެ ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ މާހިރެއްގެ އެހީތެރިކަމަށް ފުލުހުން އެދިފައިވާ ކަމަށެވެ.

އަދި ފުލުހުން ދީފައިވާ މައުލޫމާތައް ހަވާލާދެއްވައި އެފްބީއައިގެ މާހިރު، ރާއްޖެއަށް ވަޑައިގެންފައިވާނޭ ކަމަށް ވިދާޅުވި އެވެ. މިގޮތުން، ފުލުހުން ކުރާ ތަހުގީގު ތެރެއިން ހަމަލާއަށް ފަންޑު ކުރި މީހުންނާ ހަމައަށް ވާސިލުވެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ވާސިލުވާންޖެހޭވެސް މެ. އެކަމަކު އެ ތަހުގީގު ހުއްޓޭކަމުގަ ވަނީ ނަމަ މަޖިލީހުން އެކަން ބަލާނަން. އަޅުގަނޑުމެން ވަރަށް އުއްމީދުކޮށްގެން މިތިބީ އެފްބީއައިގެ މާހިރުގެ އެހީގައި އެކަން ބާރަށް ކުރިއަށްދާނެ ކަމަށް،" އަސްލަމް ވިދާޅުވި އެވެ.

ސެކިޔުރިޓީ ބްރީޗުވި

ރައީސް ނަޝީދަށް ހަމަލާދެވުމުގައި އެމަނިކުފާނަށް ދެމުންދާ ސެކިޔުރީޓީ ބްރީޗުވި ކަމަށް އަސްލަމް ވެސް އެއްބަސްވެވަޑައިގެންނެވި އެވެ.

އެގޮތުން، ސެކިޔުރިޓީ ފޯރުކޮށް ދެމުންދިޔަ ބޭފުޅަކަށް އެވަރުގެ ހަމަލާއެއް ދެވޭނީ ކޮންމެވެސް ހިސާބަކުން ސެކިޔުރިޓީ ބްރީޗުވެގެން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ހިމާޔަތް ދެމުންދާ ބޭފުޅަކަށް މިކަން މެދުވެރިވީ ކޮންމެވެސް އެއް ދިމާލަކުން ކޮންމެވެސް އެއް ކަމެއް ވީމަ. ކޮންމެވެސް އެއް ދިމާލަކުން ބްރީޗެއް، ލެޕްސެއް، ފޭލިޔާއެއް އޮވެގެން،" އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ އިންކުޔަރީގެ ބޭނުމަކީ އެއްވެސް ބަޔަކު ކުށްވެރިކުރުން ނޫން ކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ ކޮމިޓީން ބަލާނީ ސެކިޔުރިޓީ ފޯރުކޮށް ދިނުމުގައި ވެސް މުޅި ނިޒާމުގެ ތެރެއިން ހުރި މައްސަލަތަކަކީ ކޮބައިތޯ ކަމަށެވެ.

މިގޮތުން، ދައުލަތުން ސެކިޔުރިޓީ ފޯރުކޮށްދިނުމުގައި މިހާރު ގެންގުޅޭ އުސޫލުތަކާއި މިންގަނޑުތައް ވެސް ކޮމިޓީން ތަފްސީލީ ގޮތެއްގައި ބަލައި ވަޒަންކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ކޮމިޓީގެ ރިޕޯޓު އަންނަ މަހުގެ ނިޔަލަށް ނިންމަން އަމާޒުހިފާފައިވާއިރު، މި އިންއަޔަރީގެ ތެރެއިން ކޮމިޓީން ފާހަގަކުރެވޭ މައްސަލަތަކާއި ރަނގަޅު ކުރަންޖެހޭ ހުރިހާ ކަމެއް ހުށަހެޅުންތަކުގެ ތެރޭގައި ރިޕޯޓުގައި ހިމެނިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox