ރައްޔިތުންގެ މަޖިލީހުން މިހާރު އާންމުކޮށްފައިވާ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ނަން އޮތް ކަމުގައި ވިޔަސް ހިޔާނާތުގެ ކަމެއްގައި ބައިވެރިވެފައި ނޯންނާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީ "ކުޅިވަރުފައިލް" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ މީހަކު އެދިގެން ޑޮލަރު ގަތުމަށްޓަކައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ އެކު މުއާމަލާތެއް ކުރި ކަމަށާއި އެކަަމަކު އެއީ ހިޔާނާތުގެ ފައިސާ ކަމެއް ނޭނގޭ ކަމަށެވެ. އަދި އަދީބަކީ އޭރު ވެސް އަދި މިހާރު ވެސް ވަރަށް ގާތް ރަހުމަތްތެރިޔެއް ކަމަށް ބައްސާމް ވިދާޅުވި އެވެ.
"އަޅުގަނޑު ރުފިޔާ ދިނުމާ އެކީގައި އަޅުގަނޑަށް ލިބުނީ ޗެކެއް. ދެން އެ ޗެކް އަޅުގަނޑުގެ ނަމުގައި އޮތީމަ އަޅުގަނޑުގެ އެކައުންޓަށް ޖަމާކުރާނީ. އެ އަށް ފަހު ޓްރާންސްފާ ކޮށްފައި ހުންނާނީ. ދެން އޭރަކު އެއްވެސް ފަރާތަކަށް ނޭނގޭ ކަންނޭނގެ އެސްއޯއެފް ކިޔާ ކުންފުންޏަކީ މި ކަހަލަ (ހިޔާނާތުގެ) ފައިސާ ގެންގުޅޭ ތަނެކޭ،" ބައްސާމް ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަގައިމު ވެސް އެނގުނު ނަމަ އެކަމެއް ނުކުރާނެ. އަޅުގަނޑު މިކުރީ ޑޮލަރު ޓްރާންސެކްޝަނެއް. އަޅުގަނޑު ރުފިޔާ ވެސް ދީފައި ހުންނާނީ،"
ބައްސާމް ވިދާޅުވީ އެ ޑޮލަރަކީ ބޭރުގައި ކިޔަވަން ހުރި މީހެއް ސްކޫލްގެ ކޯސް ފީ ދައްކަން ބޭނުންވެގެން ހޯދި ޑޮލަރު ކަމަށެވެ.
އެފްއޭއެމްގެ އިމާރާތުގައި 2017 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ، އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީހެއް ހިންގާތީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އޭރު އެފްއޭއެމުން ބުނީ އެ އިމާރާތުގެ އެއްވެސް ތަނެއް މެޑަމް އޮފީސްގެ ގޮތުގައި ހިންގަން ދީފައިވާ ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އަމިއްލަ ކުންފުންޏަކަށް ކުއްޔަށް ދީފައިވާނެ ކަމަށެވެ. އަދި މި ސަރުކާރު ފެށިގެން އައިއިރު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ވަގުތީ ގޮތުން ޔޫތު މިނިސްޓްރީ ހިންގުމާ ހަވާލުވެވަޑައިގަތް އަލީ ވަހީދު ވެސް ވަނީ އެފްއޭއެމާ އެމްއެމްޕީއާރްސީ ފައިސާއާ ގުޅުވައިގެން ވާހަކަތަކެއް ދައްކަވައިފަ އެވެ.
ބައްސާމް ވިދާޅުވީ އަބަދު ވެސް އެފްއޭއެމަށް އަދި އޭނާ އަށް އެކި ކަހަަލަ ތުހުމަތުތައް ކުރެވޭ ކަމަށާއި ފުޓްބޯޅަ އާއިލާގެ އެންމެނަށް ދޭނެ ޔަގީންކަަމަކީ ތުހުމަތުތަކެއް ކުރެވުނަސް ހިޔާނާތުގެ ކަމެއްގައި އެއްވެސް އިރެއްގައި ބައިވެރިނުވާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ވަރަށް ފެސިލިޓީސް ޑިވެލޮޕްކުރުމާއި ނެޝަނަލް ޓީމުތަކަށް އިތުރު ކޭމްޕްތައް ހޯދުމާއި އަދި ކްލަބްތަކަށް މިދޭ ފައިސާތަކާއި މި ހުރިހާ ކަމަކަށް ބަލައިފިއްޔާ ތިއަކުން އަޅުގަނޑު ޖީބަށްލާނެ އެއްޗެއް ނޯންނާނެ. އެއީ އަޅުގަނޑު ޖީބަށް ލައިފިއްޔާ މި ކަމެއް ނުކުރެވޭނެ،" ބައްސާމް ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކޮށްދެން ފުޓްބޯޅަ އާއިލާ އަށް. އެއްވެސް ވަރަކަށް ހިޔާނާތުގެ ކަމެއްގައި އަޅުގަނޑު ބައިވެރިއެއް ވެސް ނުވާނަން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ވެސް ނުވާނެ. މާޒީގައި ވެސް ވެފަކައި ނޯންނާނެ،"
އެފްއޭއެމް އިން ބައްސާމްގެ ނިމިދިޔަ ދައުރުގައި ޓުވާޑްސް ފިއުޗާގެ ނަމުގައި މުސްތަގުބަލަށް ޒުވާން ގައުމީ ޓީމުތަކެއް ބިނާކުރަން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އޭގެ އިތުރުން މިދިޔަ ދައުރުގެ ފަހު ކޮޅު ޑިވެލޮޕްމަންޓަށް އިސްކަންދީގެން އެފްއޭއެމް އިމާރާތް 20 ބުރިއަށް ނެގުމާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާފް ދަނޑުތަކެއް އެޅުމުގެ މަސައްކަތް އިއުލާނުކުރި އެވެ. އަދި ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްބޯޅަ ސްކޫލް (ހައި ޕާފޯމަންސް ސެންޓަރު) ގާއިމް ކުރުމުގެ މަސައްކަތާއި ވިލިމާލޭ ޓާފް ދަނޑުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.
އޭއެފްސީ ކަޕްގައި މިދިޔަ ސީޒަނުގައި ވާދަކުރަން ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބަށް ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕެއްގެ ފުރުސަތު ދިންއިރު، މިދިޔަ ދެ ސީޒަނުގައި ވެސް ކްލަބްތަކަށް ދޭ މާލީ އެހީތެރިކަން ފޯރުކޮށްދެނީ އެފްއޭއެމަށް ލިބޭ ބޭރުގެ އެހީތައް މެދުވެރިކޮށެވެ. އެއީ ކުރިން މިދިޔަ ސަރުކާރުގައި އެސްއޯއީ އެގްރީމެންޓެއް ހަދައިގެން ދެމުން އައި ފައިސާ އެވެ. އެއީ ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ އެވެ.













