ލަންޑަން (މެއި 18) - އިނގިރޭސި އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ ބަލިކޮށް ލެސްޓާ ސިޓީން ބޭއްވި އުފާފާޅުކުރުމުގެ ތެރޭގައި އެ ޓީމުގައި ހިމެނޭ މުސްލިމް ދެ ކުޅުންތެރިން ކަމަށްވާ ހަމްޒާ ޗޯދުރީ އާއި ވެސްލީ ފޮފާނާ ފަލަސްތީނުގެ ދިދައެއް ގެންގުޅުނު ނަމަވެސް އެ ކުޅުންތެރިންނަށް އަދަބުނުދޭން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.
ހޮނިހިރު ދުވަހުގެެރޭ ލެސްޓާ އިން 1-0 ޗެލްސީ ބަލިކުރި މެޗަށް ފަހު އުފާފާޅުކުރިއިރު، ލެސްޓާގެ ފޮފާނާ އާއި ހަމްޒާ ފަލަސްތީނުގެ ދިދަ ވިހުރުވުމުގެ އިތުރުން، ހަމްޒާ ފަހުން ހުރީ އެ ދިދަ ގައިގައި އޮޅާލައިގެންނެވެ.
މި ދުވަސްވަރު އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ގިނަ ފުޓްބޯޅަ ކުޅުންތެރިން އަންނަނީ އިޒްރޭލާ ދެކޮޅަށް އަޑުއުފުލަމުންނެވެ. މީގެ ކުރިން މި ފަދަ ކަންކަމުގައި ފުޓްބޯޅަ ކުޅުންތެރިން މެޗުތަކުގެ ތެރެއިން ޝުއޫރު ފާޅުކުރާނަމަ އޭގެ މައްސަލަ ބަލައި ފިޔަވަޅު އަޅާފައި އެބަހުއްޓެވެ.
ބަންގްލަދޭޝް ދަރިކޮޅަށް ނިސްބަތްވާ ހަމްޒާ އާއި ފްރާންސްގެ ފޮފާނާގެ ފަރާތުން ފަލަސްތީނާ މެދު އޮތް ލޯބި ފެނުމުން ގިނަ ބަޔެއް އެ ދެ ކުޅުންތެރިންނަށް ސޯޝަލް މީޑިއާގައި ތައުރީފުކުރި އެވެ. އެކަމަކު ބައެއް ފަރާތްތަކުން ވަނީ ފޮފާނާ އާއި ހަމްޒާއާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ބުނެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ފޮފާނާ އާއި ހަމްޒާ މައްސަަލައިގައި އިނގިރޭސި އެފްއޭ އިން ނިންމީ ޑިސިޕްލިނަރީ ކޮމިޓީން ބަލަންޖެހޭ ވަރުގެ ކަމެއް ނުހިނގާ ކަމަށާއި ކޮންމެ ކުޅުންތެރިއަކު ވެސް ބޭނުންވާ ދިދައެއް އުފާފާޅުކުރުންތަކުގައި ގެންގުޅޭވޭނެ ކަމަށެވެ. އަދި އެއީ މެޗުގެ ތެރެއިން ހިނގާ ކަމެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް އިނގިރޭސި އެފްއޭއާ ހަވާލާދީ އިންޑިޕެންޑެންޓް ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.
ފަލަސްތީނުގެ ހައްގުގައި އަޑުއުފުލި ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ރިޔާދު މާރޭޒް އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އަދި ލިވަޕޫލްގެ ސަޑިއޯ މާނޭ އާއި މުހައްމަދު ސަލާހު އަދި އާސެނަލްގެ މުހައްމަދު އެލްނެނީ ހިމެނެ އެވެ.
މީގެ ތެެރެއިން އެލްނެނީ ޓްވިޓާގައި ފަލަސްތީނަށް އޮތް ލޯބި ހާމަކުރުމުގެ ގޮތުން ކުރި ޓްވީޓެއްގެ މައްސަލައިގައި އާސެނަލްގެ ސްޕޮންސަރެއްކަމަށްވާ އިޓަލީގެ ލަވާޒާ ގްރޫޕުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ލަވާޒާ ގްރޫޕުން ހުށަހެޅި ޝަކުވާއާ ގުޅިގެން އާސެނަލުން ވަނީ އެލްނެނީއާ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ.
ފަލަސްތީނުގެ ހައްގުގައި ފުޓްބޯޅައިގައި އެންމެ ބޮޑު މަސައްކަތެއް ކުރަމުން އަންނަނީ ޗިލީގައި މީގެ 100 އަހަރު ކުރިން ފަލަސްތީން ދަރިކޮޅަށް ނިސްބަތްވާ ރެފިއުޖީ ބަޔަކު ޗިލީ އަށް ހިޖުރަކޮށް ވުޖޫދުކުރި ކްލަބް ޑިޕޯޓިވޯ ޕަލަސްޓީނޯ އިންނެވެ. ދާދި ފަހުން ވެސް ޗިލީ ލީީގުގެ މެޗެއްގެ ތެރެއިން އެ ޓީމުން ވަނީ ފަލަސްތީނުގެ ހައްގުގައި ގިނަ ކަންތައްތަކެއް ކޮށްފަ އެވެ. އަދި ފަލަސްތީނުގެ މީހުންނަށް އެހީތެރިވާން ކޮންމެ އަހަރަކު ވެސް އެކި ހަރަކާތައް ހިންގަ އެވެ.
މީގެ އިތުރުން ތުރުކީގެ ގިނަ ކްލަބްތަކުން ވެސް އަންނަނީ ފަލަސްތީނަށް އިޒްރޭލުން ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް މެޗުތަކުގައި ޝުއޫރުފާޅުކުރަމުންނެވެ. އެގޮތުން މެޗުގެ ކުރިން ވޯމްއަޕަށް ނުކުންނައިރު ޖޯޒީ މަތިން ބޭނުންކުރާ ޓީޝާޓެއްގައި ފަލަސްތީނަށް ހާއްސަ މެސެޖް ލިޔުން ފަދަ ކަންކަން ހިމެނެ އެވެ.












