Advertisement

އެލްނެނީ ފަލަސްތީނާ އެއްކޮޅަށް ބަސްބުނުމުން ލަވާޒާ ގްރޫޕް ހިތްހަމަނުޖެހިއްޖެ

16 މޭ 2021 - 13:07 0

ލަނޑު ޖެހުމަށް ފަހު އެލްނެނީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


އެލްނެނީ ފަލަސްތީނާ އެއްކޮޅަށް ބަސްބުނުމުން ލަވާޒާ ގްރޫޕް ހިތްހަމަނުޖެހިއްޖެ

16 މޭ 2021 - 13:07 0

ލަންޑަން (މެއި 16) - އާސެނަލްގެ މިސްރު މިޑްފީލްޑަރު މުހައްމަދު އެލްނެނީ ފަލަސްތީނުގެ ދިފާއުގައި ބަސްބުނުމުން އާސެނަލްގެ ސްޕޮންސަރެއްގެ ގޮތުގައި ހިމެނޭ ލަވާޒާ ގްރޫޕް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މުސްލިމް ކުޅުންތެރިއެއް ކަމަށްވާ އެލްނެނީ މި މަހު 10 ވަނަ ދުވަހު އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ކުރި ޓްވީޓެއްގައި ލިޔެފައިވަނީ އޭނާގެ ހިތާއި ޖާނުން މުޅިން އޮތީ ފަލަސްތިނާ އެކުގައި ކަމަށެވެ. އަދި ފަލަސްތީނުގެ ހައްގުގައި ތިބިކަން ދައްކުވައިދޭ ފޮޓޯ އެއް ވެސް ޓްވީޓްކޮށްފައިވެ އެވެ.

ފަލަސްތީނާ ދެކޮޅަށް މިހާރު އިޒްރޭލުން ހިންގަމުން އަންނަ ލާއިންސާނީ އަމަލާ ދެކޮޅަށް މަޝްހޫރު ގިނަ ފުޓްބޯޅަ ކުޅުންތެރިންނެއް އަންނަނީ ޝުއޫރުފާޅުކޮށްފަ އެވެ. އަދި އިނގިރޭސި އެފްއޭ ކަޕް ފައިނަލަށް ފަހު ރޭ ލެސްޓާގެ ވެސްލީ ފޮފާނާ އާއި ހަމްޒާ ޗޯދުރީ ވަނީ ފަލަސްތީނުގެ ދިދަ ވެސް ވިހުރުވާލައިފަ އެވެ.

އެލްނެނީގެ މި ޓްވީޓްގެ މައްސަލަ މަޝްހޫރު ކޮފީ ބްރޭންޑް ލަވާޒާ އިން އާސެނަލްގެ ސަމާލުކަމަށް ގެނަ އެވެ. އެއާ އެކު އާސެނަލުން ވަނީ މިކަމާ ބެހޭގޮތުން އެލްނެނީއާ ވާހަކަ ދައްކައިފަ އެވެ. އަދި ކަމުގެ ސީރިއަސްކަމުގެ ވާހަކަތައް ދެ ފަރާތް މެދުގައި ދެކެވުނު ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އާސެނަލްގެ އޮފިޝަލަކު ސްކައި ނިއުސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ކޮންމެ ކުޅުންތެރިއަކު ވެސް އަމިއްލަ ވިސްނުމުގައި ބަސް ބުނެވޭނެ ކަމަށާއި އެލްނެނީ އަށް މި ދިމާވި ކަންތައްތަކަކީ ކްލަބްގެ ސްޕޮންސަރުންނާ ދެމެދު ކުރިމަތިވި ކަމެއް ކަމަށްވާތީ މީގެ އޮޅުންފިލުވައިދޭން ޖެހޭ ކަންތައްތައް ހިއްސާކުރީ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެލްނެނީގެ މި ޓްވީޓްގެ މައްސަލަ އާސެނަލަށް ހުށަހަޅަން ލަވާޒާ ގްރޫޕުން ނިންމީ އިޒްރޭލާއި އެ ގައުމަށް ސަޕޯޓްކުރާ އާސެނަލްގެ ސަޕޯޓަރުންތަކެއް ވެސް ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ކަމަށް ލަވާޒާ ކުންފުނިން ވަނީ ބުނެފަ އެވެ.

ސްވިޒަލެންޑްގެ ބަސެލް އިން 2013 ވަނަ އަހަރު ޔޫރަޕް ފުޓްބޯޅަ އަށް ތައާރަފްވި އެލްނެނީ އާސެނަލަށް ބަދަލުވީ 2016 ވަނަ އަހަރު އެވެ. އެއް ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ބެސިކްޓާސް އަށް ކުޅުނު ނަމަވެސް މި ސީޒަނުގައި އެލްނެނީ އަންނަނީ އާސެނަލް ޓީމަށް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެލްނެނީ ވަނީ މި ފަަހަރު ލީގުގައި 22 މެޗު އާސެނަލަށް ކުޅެދީފަ އެވެ.

އާސެނަލަށް މީގެ ކުރިން ކުޅުނު މެސުޓް އޮޒިލް ޗައިނާގެ އުއިގޫރް މުސްލިމުންނަށް އަނިޔާކުރާ މައްސަލަައިގައި ވާހަކަ ދެއްކުމުން އެ ފަހަރު އާސެނަލްގެ ފަރާތުން އެކަށީގެންވާ ސަޕޯޓެއް ނުލިބޭ ކަމަށް އޮޒިލް ވަނީ ތުހުމަތުކޮށްފަ އެވެ. އޮޒިލް އެ ފަހަރު ދެއްކި ވާހަކައިގެ ސަބަބުން ޗައިނާގައި އާސެނަލްގެ ބައެއް ސަރަހައްދުތަކުގައި އާސެނަލްގެ މެޗުތައް ބެލުން ވެސް މަނާކުރި އެވެ.