ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމުގެ ފައިނަލް ސްކޮޑު އެކުލަވާލުމުގެ ކުރިން އަންނަ ބުދަ ދުވަހު (މެއި 19) ގައި ޕީސީއާރް ޓެސްޓްތަކެއް ހަނދާނެ ކަމަށާއި ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ)އާ މެދު ގޮތެއް ނިންމާނީ އެ އަށް ފަހު ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ކޮލިފައިންގައި މި މަހު 30 އިން އަންނަ މަހު 15 ވަނަ ދުވަހަށް ސެންޓްރަލައިޒްކޮށް ޗައިނާގައި ކުރިއަށްދާ މެޗުތަކަށް އެ ގައުމަށް ފުރުމުގެ ކުރިން ގައުމީ ޓީމު މީގެ ހަތަރު ދުވަސް ކުރިން ހޮޓެލް ޖެންގައި ކޭމްޕްކުރި އެވެ. އޭރު ޓީމާ އެކު ކޭމްޕްކުރި ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ، 35، ވެސް ހިމެނެ އެވެ.
އެކަމަކު ދަގަނޑޭގެ އަންހެނުން ކޮވިޑަށް ޕޮޒިޓިވްވުމާ އެކު ދަގަނޑޭ ވަނީ ގައުމީ ޓީމުގެ ކޭމްޕުން ވަގުތީ ގޮތުން ވަކިވެ އައިސޮލޭޝަނަކަށް ގޮސްފަ އެވެ. ދަގަނޑޭ އައިސޮލޭޝަނަކަށް ދިޔައީ ޕްރޮޓޮކޯލްގެ ތެރެއިިންނާއި އާއިލާ އަށް ވަގުތު ދިނުމުގެ ގޮތުންނެވެ.
އަދި ދަގަނޑޭ އަލުން ކޭމްޕާ ގުޅެން މިއަދު ކޮވިޑް ޓެސްޓެއް ހަދާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ރާއްޖެ ޓީވީ "ކުޅިވަރުފައިލް" ޕްރޮގްރާމްގައި ވަނީ ވިދާޅުވެފަ އެވެ. ޓެސްޓް ނެެގެޓިވްނަމަ ވީ އެންމެ އަވަހަށް ދަގަނޑޭ ޓީމާ ގުޅޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
ދަގަނޑޭގެ އަންހެނުން ޕޮޒިޓިވްވި ނަަމަވެސް މިހާތަނަށް އައިއިރު ދަގަނޑޭގެ ފަރާތުން އަދި ކޮވިޑްގެ އަލާމާތެއް ނުފެންނަ ކަމަށް މައުލޫމާތު ލިބެ އެވެ. ދަގަނޑޭ އަލުން ގައުމީ ޓީމާ ގުޅުމާ މެދު ގޮތެއް ނިންމާނީ އަންނަ ބުދަ ދުވަހު ސްކޮޑު ފައިނަލް ކުރުމުގެ ކުރިން ހަދާ ޕީސީއާރް ޓެސްޓްތަކަށް ފަހު އެވެ.
އެފްއޭއެމްގެ އޮފިޝަލަކު "އަދަދު" އަށް ބުނީ ދަގަނޑޭ އައިސޮލޭޝަނަށް ދިޔަ ކަމުގައި ވިޔަސް ކޭމްޕް ޖަހައިގެން ޖެންގައި ތިބި ކުޅުންތެރިންނެކޭ އެއްގޮތަށް ފަހު ޕީސީއާރް ޓެސްޓް ނެގިޓިވްވެއްޖެނަމަ ޓީމާ އެކު ކޮލިފައިން އަށް ދެވޭނެ ކަމަށެވެ.
ކުރިން ރޭވިފައި އޮތީ ބުދަ ދުވަހު ފުރާގޮތަށް މިއަދު ކުޅުންތެރިންގެ ކޮވިޑް ޓެސްޓްތައް ކޮށް ސްކޮޑު ފައިނަލް ކުރާގޮތަށެވެ. އެއީ ބުދަ ދުވަހު ފުރައިގެން ސްރީ ލަންކާ އަށް ގޮސް އެ ގައުމުން ޗައިނާ އަށް ދާ ގޮތަށެވެ. އެކަމަކު ލަންކާގައި ކޮވިޑްގެ ސަބަބުން ދަތުރުފަތުރުކުރުމުގައި ގެނައި ބަދަލުތަކުގެ ސަބަބުން ކަރަންޓީނު ވާން ޖެހޭ ގޮތަށް އުސޫލު އޮތުމުން ގައުމީ ޓީމު ދެން ޗައިނާ އަށް ދާނީ ދުބާއީ މަގުން ކަން އެނގިފައިވެ އެވެ. ސްކޮޑު ފައިނަލްކޮށް ދުބާއީ އަށް ދާން ގައުމީ ޓީމުން މަސައްކަތް ކުރަމުން އަންނަނީ ބުރާސްފަތި ނޫނީ ހުކުރު ދުވަހު އެވެ.
އަމިއްލަ ސަބަބުތަކާ ހުރެ އާއި ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނަށް މި ފަހަރު ޓީމާ އެކު ކޮލިފައިން މެޗުތަކަށް ނުދެވޭނެ އެވެ.
އަމިއްލަ ސަބަބުތަކާ ހުރެ ޓީމާ ވަކިވީ މާޒިޔާގެ ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. މި ދެ ކުޅުންތެރިން ޓީމާ ވަކިވާން ނިންމީ ލީގުގައި ރަނގަޅަށް ނުކުޅެވޭއިރު، ގައުމީ ޓީމުގައި ހިމެނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ އާއި ރަނގަޅަށް ލީގުގައި ކުޅޭ ކުޅުންތެރިންނަށް ފުރުސަތު ދޭށެވެ.
ކޮވިޑަށް ޕޮޒިޓިވްވެގެން ކޮލިފައިން ގެއްލުނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް އެންމެ ފަހުން މެޗުތަކުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އައި އިސްމާއިލް އީސަ (މެސީ) އެވެ. އީސަ ޕޮޒިޓިވްވީ އަމިއްލަ ރަށް ކަމަށްވާ ރ. ދުވާފަރުގައި ހޯމް ކަރަންޓީނުގައި ހުއްޓަ އެވެ.
ގައުމީ ކޯޗު މާޓިން ކޫޕްމަން ވަނީ ހާލަތު މެދުވެރިވެފައި އޮތް ގޮތުން ގައުމީ ޓީމުގެ ތައްޔާރީތަކާ މެދު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރަނގަޅު ޕްރެކްޓިހެއް ނުކުރެވޭތީ އާއި ކުޅުންތެރިން ޕޮޒިޓިވްވާތީ އުނދަގޫ ހާލަތަކަށް ގޮސްފައިވާ ކަމަށް ކޫޕްމަން ބުންޏެވެ. އޭނާ ވަނީ މި ހާލަތުގައި ވެސް ގައުމީ ޓީމުގެ ތައްޔާރީތައް ރަނގަޅަށް ގެންދެވޭތޯ އެފްއޭއެމުން ކުރާ މަސައްކަތް އަގުވަޒަންކޮށްފަ އެވެ.













