16 މޭ 2021 - 12:03 0
އައްޒާމް އަލިފުޅު
ޔުނައިޓެޑް ވިކްޓްރީގެ މިޑްފީލްޑަރު އީސަ މެޗެއްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
16 މޭ 2021 - 12:03 0
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރަށް ބަލާއިރު، އެންމެ ފޯމުގައި ތަފާތު ދައްކަމުން އައި ކުޅުންތެރިއަކީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ އެޓޭކިން މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) އެވެ. ގައުމީ ޓީމުން ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން އަށް މި މަހު 30 އިން އަންނަ މަހު 15 ނުކުންނައިރު، ފައިނަލް ސްކޮޑުން ޔަގީނުން ވެސް ޖާގަ ކަށަވަރުވާނެ އެއް ކުޅުންތެރިއަކަށް ވެފައި އޮތީ އީސަ އެވެ. އެކަމަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އީސަ އަށް ކޮލިފައިންގައި ކުޅުމުގެ ފުރުސަތު މިއޮތީ ގެއްލިފަ އެވެ. މިއީ މި ވަގުތަށް ބަލާއިރު ގައުމީ ޓީމަށް ވެސް ލިބޭނެ ވަރަށް ބޮޑު ދެރައެކެވެ. އެއީ އެންމެ ފޯމުގައި ހުރި އެއް ކުޅުންތެރިޔާ ނުލައި ޓީމު އެކުލަވާލަން ޖެހުމުންނެވެ.
އީސަ، 32، ކޮވިޑަށް ޕޮޒިޓިވްވެފައިމިވަނީ އޭނާގެ ރަށް ރ. ދުވާފަރުގައި ހޯމް ކަރަންޓީނުގައި ހުއްޓަ އެވެ. މި މަހު ހަ ވަނަ ދުވަހު އީސަ ރަށަށް ދިޔައީ ލީގުގެ ދެ ވަނަ ބުރުގެ ކުޅުން ނިމުމުން ގައުމީ ޓީމުގެ ޕްރެކްޓިސް ފަށަން ދެން ޗުއްޓީ އަކަށެވެ. އެއީ އޭރު ރޭވިފައި އޮތްގޮތުން މި މަހު 14-20 އަށް މާލޭގައި އޭއެފްސީ ކަޕްގެ މެޗުތައް ވެސް ކުޅެން ޝެޑިއުލް ކޮށްފައި އޮތުމުން މާލޭގައި ހުުރުމަށް ވުރެ އަމިއްލަ ރަށުގައި ރޯދައިގެ ފަހު ދުވަސްތައް ހޭދަކުރުން ރަނގަޅުވާނެތީ އެވެ.
"ރަށަށް އައިސް ހޯމް ކަރަންޓީނުގެ ދެ ދުވަސްވަރު ދިޔަ ފަހުން. ބަލިވާން ފެށީ. ދެން މި މަހު 10 ހިސާބުގައި ޓެސްޓްކުރީ. ދެން ރިޒަލްޓް (ނަތީޖާ) ލިބުނީ 11 ގައި ޕޮޒިޓިވް ކަމަށް. ވަރަށް ދެރަ ދެން. ހަގީގަތުގައި ރަށަށް އައީ ހާލަތުގެ ގޮތުން މާލޭން ބޭރުގައި ގާތް މީހުންނާ އެކު އުޅެލަން. އެކަމަކު އައިސް މި ތަށިވީ،" އީސަ "އަދަދު" އަށް ކިޔައިދިނެވެ.
މެޗަކަށް ފަހު އީސަ ދަނޑުން ފައިބަނީ.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަމަލުކުރަމުން އަންނަ އުސޫލަށް ބަލާއިރު ޕޮޒިޓިވްވާ މީހެއް ދޫކޮށްލަނީ 14 ދުވަސް ފަހުންނެވެ. އެ އުސޫލުން ބަލާއިރު އީސަ އަށް ދެން ނުކުމެވޭނީ މި މަހު 24 ވަނަ ދުވަހު އެވެ. މިހާރު އޮތްގޮތުން ގައުމީ ޓީމު މި މަހު 19 ވަނަ ދުވަހު ކޮލިފައިންގައި ވާދަކުރަން ފުރާނެ އެވެ. މާނަ އަކީ އީސަ އަށް ކޮލިފައިންގައި ވާދަކުރަން ޓީމާ އެކު ދެވޭނެ ގޮތެއް ނެތުމެވެ.
"ޓީމުގައި ހިމެނިފައި އިނީމަ ކޯޗަށް ވެސް އެންގިން މި ދިމާވި ކަންތައްތައް. މިއީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫން ވާކަށެއް،" އީސަ ކިޔައިދިނެވެ.
އީސަ އަލުން ގައުމީ ޓީމަށް އެނބުރި އައީ މިދިޔަ އަހަރު އެވެ. އެއީ ހަތަރު ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އީސަ ގައުމީ ޓީމާ ދުރަށް ޖެހިލީ 2017 ވަނަ އަހަރު އެވެ. އެ އަހަރުގެ އޮކްޓޫބަރު މަހު ތެރޭގައި ގައުމީ ޓީމުން އޭޝިއަން ކަޕްގައި އޮމާނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވަމުންދަނިކޮށް ޕްރެކްޓިހުގެ ތެރެއިން އީސަ ދަނޑުން ފައިބައިގެންދިޔައީ އަނިޔާވެގެނެވެ. އެކަމަކު ގައުމީ ޓީމާ ވަކިވެ ފަހުން އީސަ ވަނީ އޭރު އޭނާ ކުޅެމުން އައި މާޒިޔާގެ ޕްރެކްޓިހުގައި ބައިވެރިވެފަ އެވެ. އީސަ އޭރު ބުނީ އޭނާ ގައުމީ ޓީމާ ވަކިވީ އަމިއްލަ ސަބަބަކާ ހުރެ ކަމަށެވެ. މިދިޔަ އަހަރު އަލުން ގައުމީ ޓީމަށް އައީ އެންމެ ފަހުން ފަހަރު ކުރެވުނު ކަންތައްތަކަށް މައާފަށް އެދިފަ އެވެ.
ގައުމީ ޓީމުން އީސަ އަށް އަލުން ފުރުސަތު ދިނީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބްގައި އޭނާ ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުންނެވެ.
ޗައިނާ އަށް ފުރުމުގެ ކުރިން ގައުމީ ޓީމު ވަނީ މީގެ ތިން ދުވަސް ކުރިން ހޮޓެލް ޖެންގައި ކޭމްޕްކޮށްފަ އެވެ. އެއީ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ކޮވިޑަށް ޕީސީއާރް ޓެސްޓެއް ކުރުމަށް ފަހު އެވެ. އެޗްޕީއޭގެ ހުއްދަ ނެތުމުން މާލޭގައި ޕްރެކްޓިސް ކުރެވޭނެ ގޮތެއް ނެތެވެ. ރާއްޖެ އިން ފުރުމުގެ ކުރިން މާދަމާ ކުޅުންތެރިންގެ އިތުރު ޕީސީއާރް ޓެސްޓެއް ހަދައި ނަތީޖާތައް ލިބުމުން ސްކޮޑު ފައިނަލް ކުރާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެ އެވެ.
ޔުނައިޓެޑް ވިކްޓްރީ މި ސީޒަން ފެށީ މުހައްމަދު އާދަމްގެ ކޯޗުކަމުގަ އެވެ. އޭނާ ކޯޗުކޮށްދިން ހަ މެޗުގެ ތެރެއިން ތިން މެޗުން ޔުނައިޓެޑް ވިކްޓްރީ ވީ އެއްވަރެވެ. އަނެއް ތިން މެޗުން ވީ ބައްޔެވެ. މުހައްމަދު އާދަމް ހުރިއިރު އީސަގެ ރެކޯޑަކީ ދެ ގޯލާއި ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމެވެ.
ފަހުން ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމާ އިހުސާން އަބްދުލް ގަނީ (ސާންތީ) ހަވާލުވި ފަހުން އީސަ ވަނީ ފަސް ގޯލު ޖަހައި ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީ ދެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. މެޗަކުން މޮޅެއް ނުލިބި އޮތް ޔުނައިޓެޑް ވިކްޓްރީ ދެ ވަނަ ބުރު ނިންމާލިއިރު، ޖެހިޖެހިގެން ތިން މޮޅު ހޯދުމުގައި އީސަ އިސް ދައުރެއް އަދާކުރި އެވެ.
އީސަ އާއި ސާންތީ މީގެ ކުރިން ދެ ފަހަރެއްގައި ވެސް އެކުގައި މަސައްކަތްކުރި އެވެ. އެއީ 19 އަހަރުން ދަށުގެ ގައުމީ ޓީމާއި ކްލަބް އީގަލްސްގަ އެވެ. ކްލަބް އީގަލްސްގައި 2014 އާއި 2015 ވަނަ އަހަރު ސާންތީއާ އެކު މަސައްކަތްކުރިއިރު، އީސަ ވަނީ ރާއްޖޭގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ. ލަނޑު ލިސްޓުގެ ކުރީގައި ވެސް އީސަ ހިމެނެ އެވެ.
މެޗަކަށް ފަހު އީސަ (ވ) އާއި ސާންތީ ބައްދާލައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
"ކޯޗު (ސާންތީ) އައީމަ އެނގޭ ޔުނައިޓެޑް ވިކްޓްރީ ކުޅޭ ބޯޅަ ބަދަލުވާނެކަން. އަޅުގަނޑަށް ވަރަށް ފަސޭހަ ސްޓައިލެއްގެ ފުޓްބޯޅައެއް ކުޅުވާ ކޯޗެއް ސާންތީ އަކީ. ފުރަތަމަ ވެސް އިން ޔަގީންކަން ކޯޗު އައި ހިސާބުން ބޯޅަ ބަދަލުވާނެ ކަމުގެ އެއީ ކުރިން ކުރެވިފައި ހުރި މަސައްކަތްތައް ވެސް ރަނގަޅުވީމަ. އަދި މީގެ އިމްޕްރޫވްކުރަން ކުރަން ޖެހޭ ކަންތައްތައް ވަރަށް ސާފުކޮށް ބުނެދޭ،" ސާންތީއާ ބެހޭގޮތުން އީސަ ބުންޏެވެ.
ޔުނައިޓެޑް ވިކްޓްރީގެ ހާލަތު ބަދަލުކޮށްލުމުގައި އެންމެ އިސް ދައުރެއް ކުޅުނީ އީސަ އާއި މުހައްމަދު އާރިފް (ބަކާ) ކަމަށް ސާންތީ ވަނީ އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބުނެފަ އެވެ. މެޗުތަކުން ބަލިވަމުން ދިޔައިރު ވެސް އެ ދެ ކުޅުންތެރިން ބަހައްޓައިގެން ޓީމުގެ ހާލަތު ބަދަލުކުރަން ސާންތީ މަސައްކަތްކުރީ ވެސް އެހެން ސަބަބެއް ވެސް އޮތީމަ އެވެ. އެއީ ކެރިއަރުގެ މުހިއްމު ހިސާބެއްގައި އީސަ އާއި ބަކާ ހުރިއިރު، ގައުމީ ޓީމަަށް ވެސް އެ ކުޅުންތެރިންނަށް ހިދުމަތް ކޮށްދެވޭނެ ލެވަލެއްގައި ބެހެއްޓުމެވެ.
"(އީސަ އަކީ) އަބަދުވެސް ވިނިން މެންޓަލިޓީގެ ކުޅުންތެރިއަކަށް ވީމަ. އެއީ އަސްލު އޭނަ(އީސަ)ގެ ވަރަށް ބޮޑު ސްޓްރެންތެއް، ހަގީގަތުގައި އަނެއް މެޗަށް ދިޔައިރު (ސަސް މެޗަށް) އޭނަގެ (އީސަގެ) ހަމަ ކުޑަހުޅު ވަރަށް ބޮޑަށް ދުޅަވެފައި ހުރީ އޭގެ ދެ ދުވަސް ކުރިން. ދެން އަޅުގަނޑު ވެސް ވަރަށް ބޮޑަށް ބޮލުގައި ރިއްސި ދެން އަޅުގަނޑު ވެސް ގޮސްފައި ބަލާލިން އޭނަ ބުނީ ކޯޗު މި އަށް ނުބަލާށޭ އަހަރެން (އީސަ) ހުންނާނެއޭ. އަޅުގަނޑު ބުނިން އީސަ ހުރުމެއް ނޫނޭ އީސަ ވެސް ބޭނުމޭ. ދެން އެކަން (އޭނަ ހުރިކަން) ސާބިތުކޮށްދީފި،" ސަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސާންތީ ބުންޏެވެ.
ބޭނުންވި ގޮތް ކަމުގައި ނުވިޔަސް ކޮވިޑަށް ޕޮޒިޓިވްވެ އީސަ އަށް މި ފަހަރު ދިމާ މިވީ ދެރަގޮތެކެވެ. އެކަމަކު އޭނާގެ އުއްމީދަކަށް ބަދަލެއް ނާދެ އެވެ. އީސަ ހުރީ ލީގުގެ ތިން ވަނަ ބުރުގައި ވެސް ރަނގަޅަށް ކުޅެގެން މި އަހަރު އޮތް ސާފް ސުޒުކީ ކަޕްގައި ވާދަކުރާ ގައުމީ ޓީމުގައި ހިމެނުމެވެ.
"ދެން ކޮންމެ ގޮތެއް ވިޔަސް މި އޮތީ ސާފް. އަދި އޮތްގޮތުން ސެޕްޓެމްބަރުގައި ކަންނޭނގެ މި އޮތީ. ބޭނުންވަނީ މިހާރު މި ދައްކަމުން އަންނަ ކުޅުން ތަކުރާރުކޮށް އޭރަށް (ސާފް ފެށެން ވާއިރަށް) ރަނގަޅަށް ތައްޔާރުވާން. އަބަދު ވެސް ކުރިއަށް މި ވިސްނަނީ،" އީސަ ބުންޏެވެ.
އީސަ ވަނީ މިދިޔަ ސީޒަނުގައި އޭނާ ކުޅުނު ޓީސީ ސްޕޯޓްސް ކްލަބަށް 12 ގޯލު ޖަހައި 10 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މި ސީޒަނުގައި ލީގުގެ ދެ ވަނަ ބުުރުގެ ނިޔަލަށް އީސަ މި ވަނީ އަށް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީ ފަސް ގޯލު ޖަހައިފަ އެވެ. އެހެންކަމުން ދެ އަހަރަށް ބަލާއިރު ވެސް އޭނާގެ ފޯމެއް ނުވެއްޓެ އެވެ.
ވިކްޓަރީ ސްޕޯޓްސް ކްލަބުން ވިދާލި އީސަ އެންމެ ފުރަތަމަ ގައުމީ ސީނިއާ ޓީމުން ފުރުސަތު ހޯދީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ އަންނަނީ ގަވާއިދުން ގައުމީ ޓީމަށް ކުޅެމުންނެވެ.
އީސަ ވަނީ 2015 ވަނަ އަހަރު ފަހު ކޮޅުގައި އިންޑިއާގައި ބޭއްވި ސާފް ސުޒުކީ ކަޕާއި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ބަންގްލަދޭޝްގައި ބޭއްވި ބަންގުބަންދު ގޯލްޑް ކަޕްގެ އިތުުރުން 2016 ގެ ފެބްރުއަރީ މަހު އިންޑިއާގެ ގުވަހާޓީގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް ސީނިއާ ކުޅުންތެރިއެއްގެ ސްލޮޓްގައި ކުޅެފަ އެވެ. މިއީ އެންމެ ފަހުން އީސަ ގައުމީ ޓީމަށް ކުޅުނު މުބާރާތްތަކެވެ.
2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި އިންޑިއާގެ ކުޅުންތެރިއަކު ކައިރިން އީސަ (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ
އީސަ އަކީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ގައުމީ ޓީމުގެ ކެޕްޓަނެވެ. އެ މުބާރާތުގައި އީސަ ދެއްކި ކުޅުމުގެ ސަބަބުން އިންޑިއާގެ ސުޕަ ލީގު ޓީމު ނޯތު އީސްޓް ޔުނައިޓެޑުން އީސަ ގެންދަން ޝައުގުވެރިވި އެވެ.
ގަތަރު ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އެންމެ ފުލުގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.
ރާއްޖޭގެ ޓާގެޓަކީ މި ގްރޫޕްގެ ރަނގަޅު ހިސާބެއްގައި ނިންމާލައި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. މި ގްރޫޕްގެ ކޮންމެ ހިސާބަކުން ނިންމާލި ކަމުގައި ވިޔަސް އޭޝިއަން ކަޕްގެ ފުރުސަތު ރާއްޖެ އަށް އަދި އޮންނާނެ އެވެ. އެކަމަކު ގްރޫޕްގެ މަތީ މަގާމަކުން ނިންމައިގެން އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށްދާން ފަސޭހަ ގޮތްތަކެއް ހޯދޭނެ އެވެ.
Comment