ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އިންޓެލިޖެންސް މައުލޫމާތާގުޅޭ އޮޑިޓު ހަދަން ހާއްސަ ކޮމިޓީއެއް އެކުލަވާލެވި، މަސައްކަތް ފަށާއިފި އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށް ފުލުހުންގެ އިތުރުން އެމަނިކުފާނުގެ ސެކިޔުރިޓީ ބަލަހައްޓަމުން ގެންދާ އެމްއެންޑީއެފުން ވެސް ވަނީ ބުނެފަ އެވެ.
ސަލާމަތީ ކަންކަމުގެ އިތުރުން އިންޓެލިޖެންސް ވެސް ރަނގަޅުވާންޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ހަމަލާއަށްފަހު ވިދާޅުވެފައިވަނިކޮށް، ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް މިއަދު ވިދާޅުވީ އިންޓެލިޖެންސް އޮޑިޓު ހެދުމަށް ރައީސް އޮފީހާއި ބަންޑާރަ ނައިބުގެ އޮފީހުގެ ޓީމެއް ހިމެނޭ ގޮތަށް ކޮމިޓީއެއް ރައީސް އުފައްދަވާފައިވާ ކަމަށެވެ.
"އެ ކޮމިޓީގެ މަސައްކަތް މިހާރު ފެށިފައިވާއިރު، އެ ކޮމިޓީގެ ހޯދުންތައް ރައީސާ ހިއްސާކުރާނެ،" މަބްރޫކު ވިދާޅުވި އެވެ.
އިންޓެލް އޮޑިޓު ހަދަން ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިމިވަނީ، ރައީސް ނަޝީދަށް ހަމަލާދޭން އުޅުމުގެ މައުލޫމާތެއް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހިއްސާކުރެއްވި ކަމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެފައިވަނިކޮށެވެ.

އެކަން ފުލުހުންނަށް ރިޕޯޓްކުރަން އެންގެވި ކަަމަށް މާރިޔާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރުމުން އިލްޔާސް ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި އޭނާއަށް ލިބިވަޑައިގަތް މައުލޫމާތު ފުލުހުންނަށް ރިޕޯޓްކުރާކަށް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
އެކަމާ ގުޅިގެން މާރިޔާއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، ހަމަލާއާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް އިލްޔާސް ވަނީ ބަޔާން ވެސް ދެއްވައިފަ އެވެ.
އޭގެ އިތުރުން، ނަޝީދުގެ ބޭބޭފުޅު، ޑރ. އިބްރާހިމް ނާޝިދު ވިދާޅުވެފައިވާ ގޮތުގައި، މި ފަހުން ތްރެޓް ބޮޑުވަމުންދާ ވާހަކަ އާއިލާއާ ކޮންމެވެސް ވަރަކަށް އޮތީ ދައްކަވައިފަ އެވެ. ނަމަވެސް، އޭގެ ތަފްސީލެއް އާއިލާއަކަށް ނުދެ އެވެ.
ދިރިއުޅުއްވާ ގެކޮޅު ކައިރިން، ކާރަށް އަރައިވަޑައިގަންނަވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.
ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ގިނަ ސާޖަރީތައް ކުރުމަށްފަހު އެމަނިކުފާނު މިހާރު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދެވިފަ އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ބޮންގޮއްވާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.
އެ ތިން މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުންއޮތް މީހުން ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެ އެވެ.













