ކުރީގެ ސަރުކާރުގައި ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި މޫލާފައި އޮތް ހިޔާނާތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރަކަށް މަންފާވި ކަމަށް ހިޔާނާތުގެ ލިސްޓަށް އަރާފައިވާއިރު، އެ މެމްބަރުންނަށް ލިބުނު ކަމަށް ބުނާ ފެންނަން ހުރި ފައިސާގެ އަދަދު 183 މިލިއަނަށް ވުރެން އިތުރު ކަން ހާމަވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު މި ސަރުކާރުގައި ވެސް ދިގުލައިގެންދާތީ މަޖިލީހުން ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން ލިސްޓު ހޯދައިފަ އެވެ. ރައްޔިތުން ބޭނުންވާތީ އަދި އެންމެ މަސްލަހަތު ހުރި ގޮތަކީ ލިސްޓު އާއްމުކުރުން ކަމަށް ނިންމައި ކޮމިޓީން މިއަދު ވަނީ ލިސްޓު ހާމަކޮށްފަ އެވެ.
އޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުން ހިމެނޭއިރު ގިނައީ އޭރު ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ މެމްބަރުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް ލިސްޓުގައި ނަން އޮތެވެ. ބައެއް މެމްބަރުންނަށް ތުހުމަތުކުރާ މައްސަލައިގައި ތަހުގީގު މަރުހަލާ ވަނީ ފަށައިފަ އެވެ.

ރަށްތަކާއި ފަޅުތައް ވިއްކައިގެން އެމްއެމްޕީއާރުސީއަށް ވަންނަން ޖެހޭ ފައިސާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ރައްޓެހިންގެ ކުންފުނި އެސްއޯއެފަށް ޖަމާކޮށް، އެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށޤ ބެހީ ކުރީގެ ސަރުކާރުގެ ސިޔާސީ ބާރުވެރިކަން ހޯދާށެވެ. މި ލިސްޓު އާއްމުވުމުގެ ކުރިން ވެސް ޕީޕީއެމްގެ މެމްބަރުން ފައިސާގައި ޖެހުނު ކަމުގެ އިލްޒާމްތައް ދިޔައީ އަޅުވަމުންނެވެ.
މަޖިލީހުން އާއްމުކުރި ލިސްޓުގައި ކުރީގެ 44 މެމްބަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި އެކި ދާއިރާތައް މިހާރު ވެސް ތަމްސީލްކުރައްވާ 16 މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ. އާއްމުކުރި ލިސްޓުގައި ހިމެނޭ އެންމެންނާ އެސެޓް ރިކަވަރީ ކޮމިޝަނުން ސުވާލު ކުރި ކަމެއް ސާފެއް ނޫނެވެ.
އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެ ލިސްޓަކީ ސުވާލުކޮށް ކަންތައްތަކެއް ސާފުކުރަން ބޭނުންވާ ބައެއްގެ ލިސްޓު ކަމަށާއި އެ މީހުންނަކީ ކުށްވެރިން ކަމުގައި ނުނިންމާ ކަމަށެވެ.
ލިސްޓުގައި ނަން އޮތް ކުރީގެ 44 މެމްބަރުންނާއި ފައިސާގެ އަދަދު
- އަބްދުލް ލަތީފް މުހައްމަދު، ދިއްދޫ - 55.5 މިލިއަން ރުފިޔާ
- އިލްހާމް އަހުމަދު - ދަނގެތި: 31 މިލިއަން ރުފިޔާ
- މުހައްމަދު އިސްމާއިލް - ހޯރަފުށި: 23.1 މިލިއަން ރުފިޔާ
- އަލީ މުހައްމަދު - ހުޅުދޫ: 18 މިލިއަން ރުފިޔާ
- ރިޔާޒް ރަޝީދު - ވިލުފުށި: 17.17 މިލިއަން ރުފިޔާ
- މުއާޒް މުހައްމަދު ރަޝީދު - މަޑަވެލި: 16 މިލިއަން ރުފިޔާ
- ހުސެއިން އަރީފް - ނޮޅިވަރަމް: 13 މިލިއަން ރުފިޔާ
- މުހައްމަދު އަބްދުﷲ - އިހަވަންދޫ: 11.3 މިލިއަން ރުފިޔާ
- ހުސެއިން މަނިކު ދޮންމަނިކު- ގުރައިދޫ: 6.7 މިލިއަން ރުފިޔާ
- އަހުމަދު ނިހާން ހުސެއިން މަނިކު - ވިލިމާލެ: 5 މިލިއަން
- ދިއްގަރު - ފާރިސް މައުމޫން: 4 މިލިއަން ރުފިޔާ
- މުހައްމަދު މުސްތަފާ - ތިމަރަފުށި: 4.83 މިލިއަން ރުފިޔާ
- އަބްދުﷲ ޔާމީން - ވެލިދޫ: 3 މިލިއަން
- އަބްދުﷲ ސިނާން - މައްޗަންގޮޅި ދެކުނު: 2.5 މިލިއަން ރުފިޔާ
- އަބްދުއްރަހީމް އަބްދުﷲ، ފޮނަދޫ ދާއިރާ: 1.71 މިލިއަން ރުފިޔާ
- އަސްމާ ރާޝީދު - މާފަންނު މެދު: 1.61 މިލިއަން ރުފިޔާ
- މޫސާ މަނިކު - ހުޅުހެންވޭރު: 1.54 މިލިއަން ރުފިޔާ
- އަލީ އާރިފް - ކެލާ: 1.5 މިލިއަން ރުފިޔާ
- އަބްދުﷲ ރިފާއު- މާފަންނު ދެކުނު : 1.2 މިލިއަން ރުފިޔާ
- އިބްރާހިމް ފަލާހް - އިނގުރައިދޫ: 1.2 މިލިއަން ރުފިޔާ
- ހަސަން މުފީދު އަބްދުލް ގާދިރު - މިލަންދޫ: 1 މިލިއަން ރުފިޔާ
- ޖައުފަރު ދާއޫދު - އުނގޫފާރު: 1 މިލިއަން ރުފިޔާ
- މުހައްމަދު ވަހީދު އިބްރާހިމް - ތުލުސްދޫ: 900،000ރ.
- އަހުމަދު އަޒްހާން ފަހުމީ - މާވަށު ދާއިރާ: 800،000ރ.
- އަބްދުﷲ މަސީހު މުހައްމަދު، ފުވައްމުލަކު ދެކުނު: 800،000
- އަހުމަދު ރަޝީދު - ގައްދޫ: 800،000
- އަހުމަދު ރަޝީދު އިބްރާހިމް - އިސްދޫ؛ 800،000ރ.
- އަލީ ފަޒާދު ފުވައްމުލަކު މެދު: 800،000ރ.
- އަލީ ޝާހް - ފުވައްމުލަކު އުތުރު: 800،000ރ.
- އިބްރާހިމް ދީދީ - ފޭދޫ: 800،000ރ.
- ޖަމީލް އުސްމާން - ގެމަނަފުށި: 800،000 ރުފިޔާ
- ސައުދުﷲ ހިލްމީ - ތިނަދޫ އުތުރު: 800،000ރ.
- މުހައްމަދު ޝާހިދު - ހުޅުދޫ: 800،000ރ.
- މުހައްމަދު އަމީތު - މަޑުއްވަރީ: 600،000ރ.
- މުހައްމަދު އަލީ - ދުވާފަރު 500،000ރ.
- އަބްދުﷲ އަހުމަދު، ތިނަދޫ ދެކުނު: 300،000ރ.
- އަލީ ސަލީމް - ފުނަދޫ: 300،000ރ.
- އިބްރާހިމް ނަސީރު - މުލަކު: 308،400ރ.
- ނާޒިމް ރަޝާދު - ތުޅާދޫ: 200،000ރ.
- އަހުމަދު މުބީން - ބިލެތްދޫ: 200،000ރ.
- މުހައްމަދު ނަޝީދު - ކުޅުދުއްފުށި: 54،636ރ.
- އަހުމަދު އަސްއަދު - ދާންދޫ
- އަލީ ނިޒާރު - އައްޑޫ ހިތަދޫ ދެކުނު
- އިބްރާހިމް ޝުޖާއު - ބާރަށު
- މޫސާ ޒަމީރު - ކިނބިދޫ ދާއިރާ
ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނުން އާއްމުކޮށްފައިވާ ގޮތުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވާން ފެށީ 2014 ގަ އެވެ. އޭރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިއުލާންކޮށް، އެ އިންތިހާބަށް ދިޔައީ ތައްޔާރުވަމުންނެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވާ ގޮތުގައި މަޖިލީސް އިންތިހާބާ ހިސާބުން ފެށިގެން ދައުލަތުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށް ނުފޫޒު ފޯރުވައިގެން ކަންކަން ކުރަން ހިޔާނާތުގެ ފައިސާ ހޭދަކޮށްފައިވާ ކަން ތަހުގީގަށް ވަނީ އެނގިފަ އެވެ.
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ޕާޓީތަކުން ބޭއްވި ޕްރައިމަރީ އާއި އންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުންގެ ކެމްޕޭނާއި އިންތިޚާބު ވި މެމްބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުމަށްޓަކައި މި ފައިސާ ބޭނުންކޮށްފައިވާ ކަމަށް ތަހުގީގީ އިދާރާތަކުން ވަނީ ބުނެފަ އެވެ.
މި ފައިސާ ވަނީ އެކިއެކި ކެމްޕޭން ހަރަކާތްތަކާއި ސަރުކާރުން ބޭއްވި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ވެސް ހޭދަކޮށްފަ އެވެ. މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވި ބައެއް މެމްބަރުން ޕާޓީ ބަދަލުކުރަން ވެސް މި ފައިސާ ބޭނުންކުރި ކަން ތަހުގީގަށް ފެންނަން އެބައޮތެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުގައި 281 ނަމެއް އެބައޮތެވެ. އޭގެތެރޭގައި ދައުލަތުގެ އެކިއެކި މަގާމުގައި މިހާރު ތިބި 119 މީހެއްގެ ނަން ހިމެނެ އެވެ. އޭގެ ތެރެއިން އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.












