ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ ރާއްޖޭގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާ ކަމަށާއި، އެފަދަ ހަމަލާތަކުން ގައުމުގެ އަމަން އަމާންކަން ނަގާލަން ސަރުކާރުން ފުރުސަތު ނުދޭނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ދެއްވައިފި އެވެ.
މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ބޮމެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެމްޑީޕީގެ ގައުމީ މަޖިލީހާ ހިއްސާކުރުމަށް ޒޫމް މެދުވެރިކޮށް މިރޭ ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެ މައުލޫމާތު ހިއްސާކޮށް ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މިފަދަ ޓެރަރިސްޓު ހަމަލާތަކުގެ ބޭނުމަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ގައުމުގެ އަމަން އަމާންކަން ނަގާލައި، ގައުމު ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލުން ކަމަށެވެ.
"އެމްޑީޕީއަކުން އެކަން ވިޔަކަ ނުދޭނެ. މި ސަރުކާރުން އެކަން އެގޮތަށް ކުރާކަށް ފުރުސަތެއް ވެސް ނުދޭނެ. އަދި މިޕާޓީގެ އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހަކުން ވެސް އެފަދަ އަމަލުތަކަށް ޖާގައެއް ނުދޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އިންސާފަށް ލޯބިކުރާ، ސުލްހަ މަސަލަސްކަމަށް ތާއީދުކުރާ ޕާޓީއެއް ކަމަށާއި އެއީ އެއްވެސް ޒަމާނެއްގައި ބަދަލެއް އަންނާނެ ސިޔާސަތެއް ނޫން ކަމަށެވެ.

އަދި މިއީ ކުރިއަށް ވުރެ އަޑު ހަރުކޮށް، އާ ހިތްވަރަކާ އެކު ތެދުވަންވީ ވަގުތު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ކުރިއަށް އޮތް ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބު މި ދަނޑިވަޅުގައި ބޭއްވުމާ މެދު ވިސްނަން މެމްބަރުންގެ ކިބައިން ރައީސް މިރޭ ވަނީ އެދިވަޑައިގެންފަ އެވެ.
މިގޮތުން، އެމަނިކުފާނު ވިދާޅުވީ މި ދަނޑިވަޅަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަކަށް ތައްޔާރުވަމުންދާ ދަނޑިވަޅަކަށްވާއިރު، އެފަދަ އިންތިހާބުތަކާ އެކު ވާދަވެރިކަން އަބަދުވެސް ބޮޑުވެގެންދާ ކަމަށެވެ.
ނަމަވެސް، ޕާޓީގެ ރައީސަށް ދެވުނު ހަމަލާއާ އެކު މި ވަގުތަކީ ޕާޓީގެ ބަދަހިކަމަށް ވަރަށް މުހިއްމު ވަގުތެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އެހެންކަމުން މި އިންތިހާބު މިވަގުތު ބޭއްވުމާ މެދު އަޅުގަނޑުމެން އެންމެން ވިސްނާލުން ބުއްދިވެރިކަމަށް ވެސް އަޅުގަނޑު ދެކެން،" މި މަހުގެ 29 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް އީޝާރާތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް އެ މީހުންގެ ބަންދަށް ކްރިމިނަލް ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ރައީސް ނަޝީދުގެ ހިތްވަރަށް ބަދަލެއް ނާދޭ
ރައީސް ނަޝީދުގެ ހާލުބެއްލެވުމަށް މިއަދު އޭޑީކޭއަށް ރައީސް ސޯލިހު ވަޑައިގެންފައިވާއިރު، ނަޝީދާ ބައްދަލުވެ ދެކެވުނު ވާހަކަތައް ވެސް އެމަނިކުފާނު މިރޭ ވަނީ ގައުމީ މަޖިލީހުގެ މެމްބަރުންނާ ކޮންމެވެސް ވަރަކަށް ހިއްސާ ކުރައްވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، މިއަދު ބައްދަލުވުން އަމިއްލަ ވާހަކަތަކާއި ބައެއް އެހެން ވާހަކަތައް ވެސް ދެކުވުނެވެ.
"އަޅުގަނޑަށް ފާހަގަވީ ރައީސް ނަޝީދުގެ ހިތްވަރާއި އަޒުމަށް ކުޑަވެސް ބަދަލެއް ނާންނަކަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.












