މި މަހު ރާއްޖޭގައި ކުޅެން ނިންމާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް ކުރިއަށްގެންދިއުމާ މެދު ހެލްތު މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީން މަޝްވަރާކުރަމުން އަންނަ ކަމަށާއި މި ވަގުތު އެކަމާ ބެހޭގޮތުން ސީދާ ޖަވާބެއް ދެވެން ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.
އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗުގައި ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗު މި ވަގުތު ތާވަލުކޮށްފައި އޮތީ މި މަހު 11 ވަނަ ދުވަހަށެވެ. އަދި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް މި މަހު 14 އިން 21 އަށް މާލޭގައި ބާއްވަން އޮތީ ޝެޑިއުލް ވެސް ނެރެފަ އެވެ. ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. ދެން މި ގްރޫޕްގެ ޖާގަ ލިބޭނީ އީގަލްސް ނޫނީ ބެންގަލޫރުގެ ތެރެއިން ޓީމަކަށެވެ.
ޔޫތު މިނިސްޓްރީގެ އެހީތެރިކަމާ އެކު އެފްއޭއެމުން އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ރާއްޖޭގައި ހޯސްޓްކުރަން ކުރި ބިޑް ކާމިޔާބުކުރީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ. އިންޑިއާއާ ވާދަކޮށް އޭއެފްސީ ކަޕްގެ ބިޑް ރާއްޖޭން ކާމިޔާބުކުރީ އެފްއޭއެމުން ކުރި ބުރަ މަސައްކަތްތަކަކަށް ފަހު ކަމަށް އެފްއޭއެމްގެ ރައީސް ބައްސާްމް އަދީލް ޖަލީލް، މީގެ ކުރިން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފަ އެވެ.
"އޭއެފްސީ މުބާރާތުގެ މެޗުތަކަކާ ގުޅޭގޮތުން ޔޫތު މިނިސްޓްރީގެ ފަރާތުން ހެލްތު މިނިސްޓްރީއާ ވަނީ މަޝްވަރާ ފަށާފައި. އެކަމުގައި ގޮތެއް އަދި ނިމިފައެއް ނުވޭ. އެކަމުގައި ހެލްތު މިނިސްޓްރީން ނަންގަވާފައިވާ ސްޓޭންސަކީ އެކަން ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ މިންވަރަށް އެ އިންތިޒާމްތައް ރޭވިގެން ނޫނީ އެކަމަށް ހުއްދަ ނުދޭނެ ކަމަށް،" ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވި އެވެ.
"ބައިނަލްއަގުވާމީ މުބާރާތަކާ ގުޅޭ ކަމެއް. އެހެންވީމަ އެކަމަށް ހެލްތު މިނިސްޓްރީގެ ފަރާތުން މިހާރު އަޅުގަނޑު ހިތުން ޔޫތު މިނިސްޓްރީން މިއަދު އެކަމާ ގުޅިގެން ރިިކުއެސްޓެއް އައިސްފައި އޮތީ. މި ވަގުތަކު ސީދާ ޖަވާބެއް އަޅުގަނޑު އަތަކު އެއް ނެތް،"
ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އަނެއްކާ ވެސް އިތުރުވަމުން ދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ފިޔަވަޅުތައް ވަރުގަދަ ކުރިއިރު، ކުޅިވަރު މުބާރާތްތައް ހުއްޓާލަން ވަނީ އަންގައިފަ އެެވެ. ދެން މިރޭ އިއުލާނުކުރި ފިޔަވަޅުގެ ތެރޭގައި އިންޑިއާ އިން އަންނަ މީހުން 14 ދުވަހުގެ ކަރަންޓީނެއް ވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މިއީ މި މަހު 5 އިން 10 ދުވަހުގެ މުއްދަތަށް އަޅާ ފިޔަވަޅުތަކެއް ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.
މިހާރު އޮތްގޮތުން އޭއެފްސީ ކަޕްގެ މެޗުތަކަށް އިންޑިއާގެ ބެންގަލޫރުގެ އިތުރުން އެ ގައުމުގެ އޭޓީކޭ މޯހަން ބަގާން ރާއްޖެ އަންނާނެ އެވެ. އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް ވެސް ގްރޫޕް ސްޓޭޖުގެ މެޗުތަކަށް މާލެ އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. "އަދަދު" އަށް އެނގިފައިވާ ގޮތުގައި އެ ކްލަބްތައް އަންނަ ހަފްތާގައި މާލެ އަންނަ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އޭއެފްސީގެ އުސޫލުގައިވާ ގޮތުން ކަރަންޓީނު ވެގެން މެޗު ކުޅޭގޮތަށް މިހާތަނަށް އަމަލުކޮށްފައެއް ނުވެ އެވެ.
ރާއްޖޭގެ ޗެމްޕިއަން މާޒިޔާ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އޮތްއިރު އެ ޓީމުން ވަނީ މި ފަހަރުގެ އޭއެފްސީ ކަޕަށް ތައްޔާރުވާން ބޮޑު ހަރަދެއް ކޮށްފަ އެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕަށް ވެސް ބޮޑު ހަރަދެއް ކޮށްގެން ނުކުތް މާޒިޔާ އަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ ކޮވިޑްގެ ސަބަބުން އެ މުބާރާތް ކެންސަލް ކުރަން އޭއެފްސީން ނިންމުމެވެ. އެ ފަހަރު މުބާރާތް ކެންސަލްކުރުމުން މާޒިޔާ އަށް ދެ މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ކްލަބުން ވަނީ މީޑިއާގައި ބުނެފަ އެވެ. އެ ފަހަރު ގެއްލުމުގެ ބަދަލު ހޯދަން މާޒިޔާ އިން އޭއެފްސީގައި އެދުނު ނަމަވެސް ބަދަލެއް ނުލިބުނެވެ.
އޭއެފްސީ ކަޕްގެ ކޮލިފައިން ފުރަތަމަ ބުރުގައި ހާއްސަ ސިއްހީ ގައިޑްލައިންތަކެއްގެ ތެރެއިން ބޫޓާންގެ ތިމްޕޫ ސިޓީ އާއި އީގަލްސް ވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު މާލޭގައި ކުޅެފަ އެވެ. އެ މެޗު ކުޅެން އެޗްޕީއޭ އިން ވަނީ ހާއްސަ ހުއްދައެއް ދީފަ އެވެ. އީގަލްސް އިން ކޮލިފައިންގައި ކުޅެން އޮތް ދެ ވަނަ މެޗު އެ ޓީމަށް ލިބުނީ އޮޓަމެޓިކުންނެވެ.
އެއީ އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް ބަންގްލަދޭޝްގެ ޑާކާ އަބަހާނީން އެ މެޗު ކުޅެން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ. އަބަހާނީ އަށް ބަންގްލަދޭޝްގައި އެ މެޗު ހޯސްޓް ނުކުރެވުނުއިރު، އިންޑިއާ އާއި ނޭޕާލްގައި އެ މެޗު ކުޅެން ކުރި މަސައްކަތް ކާމިޔާބުނުވުމުން އެންމެ ފަހުން އޭއެފްސީން ވަނީ އަބަހާނީ މުބާރާތުން ވަކިކޮށްފަ އެވެ. އަބަހާނީ ވަނީ އެ ނިންމުމާ މެދު ހިތްހަމަަ ނުޖެހުން ފާޅުކޮށްފަ އެވެ.
އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް ކޮންޓްރޯލުން ނައްޓާފައިވާއިރު، ބެންގަލޫރާއި މޯހަން ބަގާން މި ވަގުތު ތިބީ އޭއެފްސީން ކަނޑައަޅާފައިވާ ބަބްލް އެއްގެ ތެރޭގައި ގައިޑްލައިނެއްގެ ތެރެއިން އެކަހެރިވެގެންނެވެ. ބެންގަލޫރު ޓީމު ކޭމްޕް ކޮށްގެން ތިބީ ގޯއާގަ އެވެ. ހާއްސަ ގައިޑްލައިންތަކެއްގެ ތެރެެއިން ބަންގްލަދޭޝްގެ ލީގުގެ ކުޅުން މިދިޔަ ހުކުރު ދުވަހު ވަނީ އަލުން ފަށައިފަ އެވެ. ބްރޭކަށް ފަހު ބަޝުންދުރަ ވަނީ ބަންގްލަދޭޝްގެ ލީގުގެ މެޗެއް ވެސް ކުޅެފަ އެވެ.
މީގެ ކުރިން ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ އޭއެފްސީ ކަޕަކީ ސަރަހައްދީ ބޮޑު މުބާރާތަކަށްވާއިރު، އެ މުބާރާތް ބޭއްވުމުގެ ކަންތައްތައް ކުރަން ޖެހޭނީ ފުރިހަމަ ޔަގީންކަމަކާ އެކީގައި ކަމަށާއި ކުއްލިއަކަށް މުބާރާތުގެ މަސައްކަތްތައް ހުއްޓާލަން ޖެހުން ފަދަ ކަންކަން ކުރިމަތިވެއްޖެނަމަ އެއީ ކުރިމަތިވާނެ ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ މީގެ އެންމެ ބުއްދިވެރި ގޮތަކީ ހުރިހާ ފަރާތެއް މަޝްވަރާކުރެވިގެން ހުރިހާ ގައިޑްލައިންތަކަކަށް ތަބާވެގެން މެޗުތައް ކުރިއަށްގެންދެވޭނެ ގޮތެއް ހޯދުން ކަމަށް ބައްސާމް ވިދާޅުވި އެވެ.













