ރިޑަންޑަންސީގެ ކަންބޮޑުވުމާއި މިނިސްޓަރު ފައްޔާޒްގެ ޔަގީންކަން!

މިނިސްޓަރު ފައްޔާޒް "އަދަދު"އަށް ވާހަކަ ދައްކަވަނީ: ވަޒީފާއާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާ އިން ގެނުވީ ހެޔޮބަދަލެއް ކަމަށް ވިދާޅުވި. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިނިސްޓަރު ފައްޔާޒް "އަދަދު"އަށް ވާހަކަ ދައްކަވަނީ: ވަޒީފާއާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާ އިން ގެނުވީ ހެޔޮބަދަލެއް ކަމަށް ވިދާޅުވި. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ގާނޫނަށް ގެނައި އިސްލާހުން ގިނަ ބައެއްގެ ވަޒީފާ ގެއްލިއްޖެ އެވެ؛ އެތައް ބަޔަކު ތިބީ މިއަދު ނޫނީ މާދަމާ ވެސް ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުގަ އެވެ. އަނެއް ބަޔަކު ގެންގުޅެނީ "އަޅުވެތި"ކަމުގަ އެވެ.

މަސައްކަތްތެރިންގެ ދުވަސް މިއަދު ފާހަގަކުރާއިރު، އެ މީހުންގެ ހައްގުގައި އަޑުއުފުލާ ބައެއް ޖަމިއްޔާތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި އެވެ. ވަޒީފާއާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާ، ރިޑަންޑަންސީ ނުވަތަ މަގާމު އުވައިލުމުން ވަޒީފާ ގެއްލޭ ގޮތަށް ގެނައި އިސްލާހު މަސައްކަތްތެރިންނާ ދެކޮޅު "ހަތިޔާރަކަށްވެފައި" ވުމެވެ.

އެކަމަކު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް، ކުރިއެކޭ އެއްގޮތަށް މިއަދު ވެސް އެ މާއްދާ ދިފާއުކުރެއްވި އެވެ.

ކުރިން ވިދާޅުވެފައިވާ ގޮތަށް، މިއަދު ކުރެއްވި ޓުވީޓުގައި ވެސް ސާފުކޮށްދެއްވީ ގާނޫނަށް ގެނައި ބަދަލު ތިލަފަތުގެ ދެކޮޅަށް ހަމަހަމަ ކަމެވެ. އެ ބަދަލު ގެނެސްފައި އޮތީ ވިޔަފާރިތަކާއި މަސައްކަތްތެރިންގެ ހައްގުތަކުގައި ހަމަހަމަ ވިސްނުމަކުން ކަމަށް ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހު.

މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން (ޓީމް) އިން މިނިސްޓަރު ފައްޔާޒްގެ ވާހަކަތަކާ ދެކޮޅަށް ދައްކާ ގިނަ މައްސަލަތަކެއް އެބަހުއްޓެވެ.

ޓީމްގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާކިރު ވިދާޅުވީ ގާނޫނުގެ 21 ވަނަ މާއްދާ ބޭނުންކޮށްގެން ގިނަ ބަޔަކު ވަޒީފާ އިން ވަކިކޮށްފައި އެބަތިބި ކަމަށެވެ. ޓީމުން ދެކޭ ގޮތުގައި އެއީ އުވާލަން ޖެހޭ މާއްދާއެކެވެ.

މައުރޫފް ވިދާޅުވި ގޮތުގައި ކޮވިޑުގެ ހާލަތާ ގުޅުވައި ރިސޯޓްތަކުގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކޮށްފައިވާއިރު، އެ މާއްދާއާ ހެދި މާދަމާ ވެސް ގެއަށް ދާން ޖެހިދާނެ ކަމުގައި ތިބި އެތައް މުވައްޒަފުންތަކެއް އެބަތިއްބެވެ. އިގްތިސާދީ ހާލަތު ދަށްވެ، ރިސޯޓްތަކުން ކަނޑާލި ގިނަ މުވައްޒަފުންނަށް އަދިވެސް ގޮތެއް ހަމަނުޖެހި ތިބި ކަން ފާހަގަކުރެއްވި އެވެ. ދެން ވިދާޅުވީ ރާއްޖެއަށް ޓޫރިސްޓުން އައިސް ރިސޯޓްތަކުގެ އޮކިއުޕެންސީ ރަނގަޅުވުމުން ވެސް، ކަނޑާލި މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކަށް ވަޒީފާ ހަމަނުޖެހޭ ކަމަށެވެ.

އެއާއެކު އެ މީހުންގެ ބަދަލުގައި އެ ވަޒީފާތަކަށް ބިދޭސީން ނެގުމަކި ވެސް ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވި ގޮތުގައި މަގާމު އުވާލައިގެން މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް މަގުފަހި ކުރުމަށް ހުށައަޅާފައިވާ ބަދަލުން ވަޒީފާ ގެއްލުމުގެ ޝަކުވާ އެ ޖަމިއްޔާއަށް ގިނަ ބަޔަކު ކޮށްފައިވެ އެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ވެސް 100 އަށް ވުރެން ގިނަ މައްސަލަ އެ ޖަމިއްޔާއަށް އެނގިގެން އެބަ ހިނގާ ކަމަށް ވިދާޅުވި އެވެ.

"އެ މާއްދާއަކީ މުވައްޒަފުންނަށް ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑު ބިރެއް. މާލީ ހާލަތު ގޯސް ނުވިޔަސް އެ މުވައްޒަފަކު ވަކިކުރަން ބޭނުންވީމަ އެ ހުރި މަގާމު އުވާލީއްޔޭ، ދެން ތި މަގާމަށް ކިޔަން ބޭނުން ވަނީ އެހެން ނަމެކޭ ބުނެ ވެސް އެބަ ވަކިކުރެވޭ،" މައުރޫފް ވިދާޅުވި އެވެ.

މަގާމު އުވައިލުމުން ވަޒީފާ އިން ވަކިކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ އެކަމާ ގުޅޭ އުސޫލްތަކެއް އެކުލަވާލާ ގޮތަށެވެ. އެކަމަކު އިކޮނޮމިކް މިނިސްޓްރީން މިހާތަނަށް އެ ގަވާއިދު އެކުލަވާނުލާ ކަމުގެ ކަންބޮޑުވުން ވެސް ޓީމުން ފާޅުކުރި އެވެ.

"މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި ހެޔޮބަދަލެއް"

މި މައްދާއާ ގުޅިގެން މީހަކު ޓުވިޓާގައި ފާޅުކުރި ކަންބޮޑުވުމަކާ ގުޅިގެން ފައްޔާޒް ވިދާޅުވީ އެ މާއްދާއަކީ ގެނެވުނު ހެޔޮބަދަލެއް ކަމަށެވެ. އެ މާއްދާ ބޭނުންކޮށްގެން ވަޒީފާ އިން ވަކިކުރަމުންދާ ކަމަށް ޝަކުވާކުރާތީ ދެ ފަހަރެއްގެ މަތިން އިއުލާންކުރި ކަމަށް ވިދާޅުވި އެވެ.

އެ މައުލުމާތު ހިއްސާކޮށްދޭން ޓީމްގައި ވެސް އެދިވަޑައިގަތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މިހާ ހިސާބަށް 67 ފަރާތަކުން އެބައޮތް ހުށަހަޅާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ވަޒީފާ އިން ވަކިކުރި ފަރާތްތަކުގެ މައުލޫމާތު ހޯދީ އެކަމާ ގުޅޭ ދިރާސާއެއް ހަދަމުން އަންނާތީ އެވެ.

ފައްޔާޒް "އަދަދު"އަށް ވިދާޅުވީ 21 ވަނަ މާއްދާ އިން މަގުފަހިކޮށްދިނީ މުވައްޒަފުން އިންސާފުވެރިކަމާ އެކު ވަޒީފާ އިން ވަކިކުރެވޭނެ ގޮތެއް ކަަމަށެވެ. ރާއްޖޭގައި ރިޑަންޑަންސީގެ ގާނޫނެއް ނުވަތަ ގަވާއިދެއް ނޯންނާތީވެ މަސައްކަތްތެރިންގެ ހައްގުތަކަށް އުނިކަން އަންނަ ކަން އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ) އިން ފާހަގަކޮށްފައި އޮތް ކަަމށް ވިދާޅުވި އެވެ.

ގާނޫނަށް އެ މާއްދާ އިތުރުކުރީ އައިއެލްއޯގެ ލަފަޔާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ، އެއްގޮތަކަށް ވެސް ޓޫރިޒަމުން ނޫނީ ވިޔަފާރިވެރިން އެދިގެން ކުރި ކަމެއް ނޫން. އެކާވީސް ވަނަ މާއްދާ އިން ބާރު ހަގީގަތުގައި ލިބުނީ މަސައްކަތްތެރިންނަށް،" ފައްޔާޒް ވިދާޅުވި އެވެ.

ހައްލު އިންޑަސްޓްރިއަލް ރިލޭޝަން ގާނޫނާ ގުޅިފައި؟

ވަޒީފާގެ ގާނޫނުގެ 21 ވަނަ މާއްދާގައިވާ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އިޖުރާއަތުތަކާއި އުސޫލްތައް ފުރިހަމަކުރުމަށް ފަހު ވަޒީފާ އިން ވަކިކުރެވިދާނެ ކަން ކޯޓުތަކުގެ ހުކުމްތަކުން ވެސް އެނގެ އެވެ.

އޭގެތެރޭގައި ވަޒީފާ ދޭ ފަރާތުން މުވައްޒަފުން ރިޑަންޑަންޓުކުރަން އުޅޭކަން މުވައްޒަފުންނަށް ދުރާލައި އެންގުމާއި، ރިޑަންޑަންޓު ކުރެވޭނެ މުވައްޒަފުން ހޮވާނެ މިންގަނޑުތަކާއި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއާތުތައް ފަދަ ކަންކަން މުވައްޒަފުންނަށް އަންގާފައިވުން ހިމެނެ އެވެ.

ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމެއްގައި ރިޑަންޑަންސީއާ ގުޅޭ ގޮތުން ބުނެފައި ވަނީ "ވިޔަފާރީގެ ނަފާ ހޯދުމުގެ ގޮތުން ހިންގާ ކުންފުނިތައް ހަރުދަނާކޮށް، ނަފާ އިތުރުވާނެ ގޮތެއްގެ މަތިން ހިންގުމަށްޓަކައި ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލެއް ގެނައުމުގެ ތެރެއިން (ކުންފުނި ރީސްޓްރަކްޗަ ކުރުމުގެ ތެރެއިން) ނުވަތަ ކުންފުނީގެ މާލީ ހާލަތު ދަށްވުން ފަދަ ކަމެއް މެދުވެރިވެގެން، ނުވަތަ ކުންފުނި އެހެން ފަރާތަކަށް ވިއްކާލާ ހާލަތުގައި ނުވަތަ އެހެން ކުންފުންޏަކާ މާޖްވާ ހާލަތުގައި ނުވަތަ ކުންފުނި ޓޭކްއޯވަކުރާ ހާލަތުގައި ނުވަތަ ވިޔަފާރި ނިމުމަކަށް އަންނަ ހާލަތް ފަދަ ހާލަތްތަކުގައި ކުންފުނީގެ މަގާމުތައް އުވާލުމުގެ ނުވަތަ ނެތި ދިޔުމުގެ އިހްތިމާލު އޮވެދާނެ" އެވެ.

އެކަމަކު، ވަޒީފާއާބެހޭ ގާނޫނުގައިވާ ފަދައިން، މުވައްޒަފު ރިޑަންޑަންޓުކުރީ ހަމަ ހަގީގަތުގައި ވެސް ރިޑަންޑަންޓު ކުރަންޖެހޭ ފަދަ ހާލަތެއް އޮވެގެން، ހެޔޮ ނިޔަތުގައިކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

ގާނޫނުގެ 21 ވަނަ މާއްދާއަށް ގެނައި އިސްލާހާ ގުޅިގެން ދިމާވާ މައްސަލަތަކަށް ހައްލު ހޯދެން އޮތީ، ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން މިއަދާ ގުޅުވައި ވަކާލާތު ކުރަމުން އަންނަ ގޮތުގައި އިންޑަސްޓްރިއަލް ރިލޭޝަންގެ ގާނޫނަކުންނެވެ.

ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވީ އެފަދަ ގާނޫނަކުން ޓްރޭޑް ޔޫނިއަންތައް އެއްތަންވެ، ވަޒީފާ އިން ވަކިކުރަން ނިންމައިފި ނަމަ ވެސް މަޝްވަރާއަށް ދާން ލާޒިމްވާނެ ކަމަށެވެ. އޭގެ ސަބަބުން ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ވެސް ހައްގު ރައްކާތެރިވާނެ ކަން ފާހަގަކުރެއްވި އެވެ.

ރިޑަންޑަންސީގެ ބިރު އޮތް ކަމަށް ރިސޯޓް ދާއިރާގެ މުވައްޒަފުންގެ ފަރާތުން ޓީމް ބުނާއިރު، މަސައްކަތްތެރިންގެ ހައްގުގައި ގެންނަން ޖެހޭ ގާނޫނުތައް ލަސްނުވެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox