ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ގާނޫނުއަސާސީއާ ހިލާފަށް ހިންގަމުންދާ ކަންކަމާ ދެކޮޅަށް ތެދުވެ، ހުރިހާ ރައްޔިތުން އިހުތިޖާޖު ކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ (އެމްޑީޕީ) ގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގޮވާލައްވައިފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ އަދަދުގެ ޝަހުޒާން މުހައްމަދާއި ލީވާން އަލީ ނާސިރް ކޯޓުގެ ހުރުމަތް ކަނޑާލިކަމަށް ނިންމައި، ޖަލަށް ހުކުމްކޮށްފަ އެވެ. ޝަހްޒާން 15 ދުވަހަށް ޖަލަށް ހުކުމްކުރީ ރައީސް މުހައްމަދު މުއިއްޒުއާ ކުރި ސުވާލަކާ ގުޅިގެންނެވެ. އަދި ލީވާން 10 ދުވަހަށް ޖަލަށް ހުކުމްކުރީ ކޯޓުން ނެރުނު އަމުރެއްގެ ވާހަކަ ނޫހުގައި ލިޔުމުންނެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މުއިއްޒުގެ އެއްވެސް އަޅާލުމެއް ނެތް ކަމަށާއި، އަދަދުގެ "އައިޝާ" ޑޮކިޔުމެންޓްރީއާ ގުޅޭ ވާހަކަތައް ހުއްޓުވަން ކޯޓު އަމުރު ނެރުނީ ތަހުގީގެއް ނުކޮށް، ޝަރީއަތެއް ނުހިންގާ ކަމަށެވެ.
ޝަހްޒާނާއި ލީވާނަށް ހުކުމް ކުރީ ސިއްރު އަޑުއެހުންތަކެއްގައި އެއްވެސް ގާނޫނީ އަސާސެއް ބުރަދަނެއް ނެތި ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި އަނެއްކާވެސް ބިރުވެރި ދުވަސްތަކެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
"އަމިއްލަ ޒާތީ އަދި ސިޔާސީ ވާދަވެރިންނަށް އަދަބު ދިނުމަށްޓަކައި، ދައުލަތުގެ އެންމެހާ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރަން އެމަނިކުފާނު ތައްޔާރަށް ހުންނެވިކަން ވެސް ވަރަށް ސާފު،" ކުރިން އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒް ވިދާޅުވި އެވެ.

އޭގެ އިތުރުން ދިވެހިންގެ އަސާސީ ހައްގުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތް، ބައި ގަރުނު ފަހަތަށް ޖެހިފައިވާ ކަމަށާއި އެކަން އެހެންވިޔަ ނުދިނުމަށް އެންމެ މަސައްކަތް ކުރައްވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"ޤާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ މި ނިންމުންތަކަށް ބޯނުލެނބުމަށާއި، ކުރެވެން ހުރި ހުރިހާ ގޮތަކުން އިހުތިޖާޖު ކުރުމަށް ގައުމުގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން،" ފައްޔާޒް ޕޯސްޓުގައި އިތުރަށް ލިޔެފައިވެ އެވެ.
ޝަހުޒާން އާއި ލީވާންގެ މައްސަލަ ވެސް ގުޅިފައި ވަނީ އަދަދުން ނެރުނު "އައިޝާ" ޑޮކިޔުމެންޓްރީގައި ރައީސް މުހައްމަދު މުއިއްޒަށް ކުރާ ސީރިއަސް ތުހުމަތުތަކާ އެވެ. އެ ތުހުމަތުތަކުގެ ވާހަކަ ހުއްޓުވުމަށް ކޯޓުން ވަނީ މުޅި ރާއްޖެއަށް "ގޭގް އޯޑަރެއް" ނެރިފަ އެވެ.












