އަފްގާނިސްތާނު ޖަލުގައި ތިބި ދެ ދިވެހިން ހިމެނޭ ގޮތަށް، އެ ގައުމުގެ ޖަލުތަކުގައި ތިބި ޓެރަރިސްޓުންގެ މައްސަލަ ހައްލު ކުރަމަށްޓަކައި މަޝްވަރާތަށް ފަށަން އަފްގާނިސްތާނުން ގޮވާލައިފި އެވެ.
އަފްގާނިސްތާން ޖަލުގައި މި ވަގުތު ތިބި ދިވެހިންނަކީ ހ. މޫންލައިޓްވެލީ، އަލީ ޝާފިއު އާއި އޭނާގެ ކުރީގެ އަނބިމީހާ އެވެ. މީގެ ތިން އަހަރު ކުރިން އެ މީހުން ޓެރަރިޒަމްގެ މައްސަލައެއްގައި ހައްޔަރުކޮށް 21 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން އޮތީ ހުކުމްކޮށްފަ އެވެ.
އަފްގާނިސްތާނުގެ ވެރިރަށް ކާބުލުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގައުމުގެ ޖާސޫސީ އިދާރާގެ ވެރިޔާ އަހުމަދު ޒިއާ ސަރާޖު ވިދާޅުވީ ޓެރަރިސްޓު ޖަމާއަތްތައް ކަމަށްވާ އިސްލާމިކް ސްޓޭޓާއި ތާލިބާނު ފަދަ ގުރޫޕުތަކުގެ 13 ގައުމަކަށް ނިސްބަތްވާ 408 ޓެރަރިސްޓުން އެ ގައުމުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ކަމަށެވެ.
"އަހަރެން މި ގައުމުތަކަށް ގޮވާލަނީ އަހަރުމެންނާއެކު މަޝްވަރާކޮށް މި މައްސަލައަށް އެދެވޭ ހައްލެއް ހޯދަން މަސައްކަތް ކުރުމަށް،" ޒިއާ ވިދާޅުވެފައިވެ އެވެ.
އެ މައްސަލައިގައި އެއްޗެއް ބުނަން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީއައިޓީ) އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި ފޮރިން މިނިސްޓްރީން ވަނީ ދެކޮޅު ހަދައިފަ އެވެ. ފުލުހުންގެ ބަހެއް މިހާތަނަށް ލިބޭ ގޮތެއްނުވި އެވެ.

ޝާފިއު އާއި އޭނާގެ ކުރީގެ އަނބިމީހާ އަދި ހަތަރު ދަރިން އަފްގާނިސްތާނުގެ އަންގަރްހާރު ޕްރޮވިންސުން ހައްޔަރު ކުރީ ނޮވެމްބަރު 11، 2018 ގަ އެވެ. ދަރިންގެ ތެރޭގައި ކިރުބޯ ތުއްތު ކުދިން ވެސް ހިމެނެ އެވެ.
ޝާފިއު އަފްގާނިސްތާނަށް އޮކްޓޯބަރު، 2018، ގައި އެތެރެވީ ސްރީ ލަންކާ މަގުން ޕާކިސްތާނަށް ގޮސް އެ ގައުމުންނެވެ. ޝާފިއުގެ އާއިލާ ހައްޔަރު ކުރީ އަފްގާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސުންނެވެ. އޭނާ އަފްގާނިސްތާނަށް ދަތުރު ކުރީ ޓެރަރިސްޓު ޖަމާއަތް އިސްލާމިކް ސްޓޭޓުގެ ގޮތްޕެއް ކަމަށްވާ "އިސްލާމިކް ސްޓޭޓް ހޮރިސާން ޕްރޮވިންސް" އާ ގުޅުމަށެވެ.
އޭގެ ކުރިން 2015 ވަނަ ޖިހާދު ކުރަން ދާން ކަމަށް ބުނެ ކުރީގެ އަނބިމީހާ އާއި ދަރިއަކު ގޮވައިގެން ސީރިއާ ފުރަން އުޅެނިކޮށް އެއާޕޯޓުން ވަނީ ހިފަހައްޓައިފަ އެވެ.
ޝާފިއުއަކީ 2015 ވަނަ އަހަރު ބ. ހިބަޅިދޫ ފަޅުތެރެއިން ފެނުނު ސިފައިންގެ އިން ވަގަށް ނަގާފައިވާ ހަތިޔާރާއި ގޮވާތަކެއްޗާ ގުޅުން ހުރި ބައެއް ތަކެތި އޭނާގެ އަތުން ފެނިގެން ވެސް ހައްޔަރު ކުރި މީހެކެވެ. އެ މައްސަލައިގައި ހެކި ނެތިގެން ހަތަރު މަސް ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
އަފްގާނިސްތާން ޖަލުގައި ޓެރަރިސްޓުން ތިބި އަދަދު
ޕާކިސްތާން - 299
އުޒްބެކިސްތާން - 37
ތަޖިކިސްތާން - 13
ކިރިގިސްތާން - 12
ޗައިނާ - 16
ރަޝިޔާ - 5
ޖޯޑަން - 5
އީރާން - 4
ތުރުކީ - 3
އިންޑޮނީޝިއާ - 5
އިންޑިއާ - 4
ބަންގްލަދޭޝް - 2
ދިވެހިރާއްޖެ - 2













