ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އިއުލާނު ކުރި ލޯނު މޮރަޓޯރިއަމްގެ ދަށުން ފައިސާ ދެއްކުން ފަސް ކުރި ލޯނުތަކުގެ އަގު 17.8 ބިލިއަން ރުފިޔާއަށް އަރާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މަޖިލިހުގެ އެސްއޯއީ ކޮމިޓީއަށް މައުލޫމާތު ދީފި އެވެ.
އެމްއެމްއޭން އެސްއޯއީ ކޮމިޓީއަށް ފޯރުކޮށް ދިން މައުލޫމާތުގައި ބުނީ ނިމިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ޖުމްލަ 23،718 ލޯނަކަށް މޮރަޓޯރިއަމް ދިން ކަމަށެވެ.
މިއީ ބޭންކުތަކާއި މާލީ އިދާރާތަކުން ދޫކޮށްފައިވާ ޖުމްލަ ލޯނުގެ 18 ޕަސެންޓެވެ. އަދި އަނބުރާ ލިބެން ހުރި ލޯނު ފައިސާގެ ނިސްބަތުން 56 ޕަސެންޓެވެ.
އެމްއެމްއޭ އާއި ބޭންކުތަކުން އެސްއޯއީ ކޮމިޓީއާ ހިއްސާ ކުރި މައުލޫމާތުން ގިނަ އަދަދަކަށް އިމާރާތް ކުރުމާއި ރިއަލް އެސްޓޭޓް ދާއިރާއިން ނަގާފައިވާ ލޯނުތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާފައިވާ ލޯނުތައް ފަސްކޮށްދީފައިވާކަން އެނގެ އެވެ. އަދި އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ގިނަ އަދަދެއްގެ ލޯނުތަކަށް މޮރަޓޯރިއަމް ލިބިފައިވެ އެވެ.

ފައިނޭންސް ކުންފުނިތަކުން މޮރަޓޯރިއަމް ދިން ލޯނުތަކުގެ ތަފްސީލު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ނަމަވެސް، ތަފްސީލުތައް ލިބެން ހުރީ ހަމައެކަނި އެސްއެމްއީތަކަށް ފަސްކޮށްދިން ލޯނުތަކާއި ފައިނޭންސް ކުންފުނިތައް މެދުވެރިކޮށް މޮރަޓޯރިއަމް ދިން ލޯނުތަކުގެ އެވެ.
ކޮވިޑު ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ސަރުކާރުން އިއުލާނު ކުރި ލޯނު މޮރަޓޯރިއަމް އެއް އަހަރު ދުވަހުގެ މުއްދަތަށް ދިނުމަށް ފަހު ނިންމާލީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. މި މުއްދަތުތައް ބޭންކުތަކާއި މާލީ އިދާރާތަކުން އިތުރު ކުރާނެ ކަމަކަށް ނުބެލެވެ އެވެ.
އެސްއެމްއީތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން އެސްއޯއީ ކޮމިޓީން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އިތުރު މޮރަޓޯރިއަމެއް ދޫކޮށްފި ނަމަ ބޭންކުތަކުގެ އާމްދަނީއަށާއި، އެއާ ވިދިގެން ދައުލަތުގެ އާމްދަނީއަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ އެވެ.










