އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލަން 241 ކޮމިޓީގެ ބޮޑު ނިންމުން "ހުއްޓިފައި"

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް (ކ) އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު: ދެ ބޭފުޅުން ވަނީ އެކަކު އަނެކަކަށް ވަރުގަދަ ތުހުމަތުތަކެއް ކުރައްވާފައި.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް (ކ) އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު: ދެ ބޭފުޅުން ވަނީ އެކަކު އަނެކަކަށް ވަރުގަދަ ތުހުމަތުތަކެއް ކުރައްވާފައި.

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ދައުވާކުރުން ލަސްވުން ބެލުމަށް ކުރި މަސައްކަތެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ހުއްޓުވާފައިވާ ކަމަށް ބުނެ ތުހުމަތުގެ އިނގިލި ދިއްކުރާ މައްސަލަ ވަނީ ހޫނުވެފަ އެވެ.

މި ކޯޅުން ފެށިގެން އައީ ކުރީ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި ހިމެނޭ މީހުންގެ ތަފްސީލުތަކާއި އެ މައްސަލަ ގޮސްފައިވާ ހިސާބެއް ހޯދައި ދިނުމަށް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވި ހިސާބުންނެވެ.

އެ ސިޓީ ލިބުމާއެކު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިވަނީ އެ މައްސަލަ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުއްވުމަށެވެ.

Advertisement

ކޮމިޓީން ނިންމީ މުއައްސަސާތައް ހާޒިރުކުރަން

ހަސަން ލަތީފު އެ ސިޓީ ފޮނުއްވުމުގެ އަހަރެއްހާ ދުވަސް ކުރިން، ހިޔާނާތާ ގުޅިގެން ހޯދިފައިވާ 70،000 ޓެކްސްޓު މެސެޖު ހިމެނޭ ޕެން ޑްރައިވެއް މަޖިލީހަށް ލިބުމުން، އެ މެސެޖުތައް 241 ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީގެ ސަބް ކޮމިޓީއެއް ނަގައިގެން އަންނަނީ ދިރާސާ ކުރަމުންނެވެ.

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީގެ މުގައްރިރު ކަމުގެ ދަށުން އެ މަސައްކަތް ސަބް ކޮމިޓީން ކުރަމުން އަންނަތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެ އެވެ.

އެ ސަބް ކޮމިޓީގައި ވެސް އިންނަވާ ހަސަން ލަތީފު މިދިޔަ މާޗް މަހު ސިޓީ އެއް ފޮނުއްވީ ހިޔާނާތުގެ މައްސަލައިގައި އެއްވެސް ކުރިއެރުމެއް ނުލިބިގެންނެވެ.

ހަސަން ފޮނުއްވި ސިޓީއާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ބޮޑު ނިންމުމެއް ވަނީ ނިންމައިފަ އެވެ.

އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން ނައިބު މުގައްރިރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެ ދުވަހު ބައްދަލުވުމަށް ވަޑައިނުގަންނަވާތީ، އެ ބައްދަލުވުމުގެ ރިޔާސަތު ހަވާލުކުރެވުނީ ކޮމިޓީގައި އިންނަވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާ އެވެ.

އީވާ ރިޔާސަތު ބެލެހެއްޓެވި 241 ކޮމިޓީގެ ބައްދަލުވުން. -- ފޮޓޯ: މަޖިލިސް
އީވާ ރިޔާސަތު ބެލެހެއްޓެވި 241 ކޮމިޓީގެ ބައްދަލުވުން. -- ފޮޓޯ: މަޖިލިސް

އީވާ ރިޔާސަތު ބެލެހެއްޓެވި 241 ކޮމިޓީގެ ބައްދަލުވުން. -- ފޮޓޯ: މަޖިލިސް

އީވާއާ ރިޔާސަތު ހަވާލުކުރެވުނީ އެގޮތަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހަޅުއްވައި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ތާއީދު ކުރެއްވުމުންނެވެ.

އެ ދުވަހުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ނިންމާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އެމްއެމްޕީއާރުސީ މައްސަލަ އާ ގުޅިގެން ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، އެސެޓް ރިކަވަރީ ކޮމިޝަނުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ސާފު ކުރުމަށެވެ.

އެ ދުވަހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެމްބަރުންގެ އިއްތިފާގުން ނިންމާފައިވަނީ އެ މުއައްސަސާތައް ހާޒިރުކޮށް ހިޔާނާތުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރާއި، ތަހުގީގުތައް ގޮސްފައިވާ ހިސާބާއި، މިހާރު އަދާކުރަމުންދާ އަދި ކުރިން އަދާކުރި މަގާމުތަކުގެ ތަފްސީލާއި ތަހުގީގު ލަސްވާ ސަބަބު ސާފުކުރުމަށެވެ.

އަަސްލަމްގެ ވަރުގަދަ ރައްދެއް ހަސަން ލަތީފަށް

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ހިލިފައިވާއިރު، ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ އެކަކު އަނެކަކަށް ބޮޑެތި ތުހުމަތުތައް އަމާޒުކޮށްފަ އެވެ.

ހަސަން ލަތީފު ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވާ މައުލޫމާތު ކޮމިޓީ މެދުވެރިކޮށް ހޯދަން ލަސްވެގެން، ނަޝީދު ވަނީ އެ މައުލޫމާތު ހޯއްދަވަން ކަމާގުޅޭ މުއައްސަސާތަކުގެ ކިބައިން އެދިފައިވާކަން މިއަދު ހާމަކުރައްވައިފަ އެވެ.

ނަޝީދަށް ފޮނުއްވި ސިޓީއަކާއެކު، ހަސަން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، 241 ކޮމިޓީން މައުލޫމާތު ހޯއްދެވުމަށް އެ ކޮމިޓީގެ މެމްބަރުން އެދިވަޑައިގަތުމުން ވެސް އެކަން ކޮށް ނުދެއްވަން ކޮމިޓީގެ މުގައްރިރު އަސްލަމް އުޅުއްވާ ސަބަބާ މެދު ސުވާލު އުފައްދަވައިފަ އެވެ.

ހަސަން ލަތީފު އިޝާރާތް ކުރެއްވީ މި މަހުގެ 14 ވަނަ ދުވަހު ކޮމިޓީން ނިންމި ނިންމުން ތަންފީޒު ނުކުރެވި، މުއައްސަސާތައް ހާޒިރުކޮށްގެން މައުލޫމާތު ހޯދުން ހުއްޓިފައި އޮތް އޮތުމަށެވެ.

އަދި އެ މައުލޫމާތު ހޯއްދަވަން މެމްބަރުން އުޅުއްވާ ސަބަބު ނަޝީދަށް ފޮނުއްވި ސިޓީން ސާފުވާނެ ކަމަށް ހަސަން ލަތީފު ވިދާޅުވެފައި ވެ އެވެ.

ހަސަން ލަތީފު އެހެން ވިދާޅުވުމާއެކު އަސްލަމް ވަނީ ވަރުގަދަ ރައްދެއް ދެއްވައިފަ އެވެ.

އަސްލަމް މިއަދު ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ 241 ކޮމިޓީއަކީ ކުޅޭކުޅޭ ކޮމިޓީއަކަށް ހެދުމުގެ ފުރުސަތު އެއްވެސް މެމްބަރަކަށް ނުދެއްވާނެ ކަމަށެވެ.

އަދި އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބަލަނީ 241 ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީގެ ސަބް ކޮމިޓީން ކަމަށާއި އެކަން ހަސަން ލަތީފުގެ ސިޓީއާ ގުޅިގެން މަޖިލީހުގެ ރައީސަށް ވެސް ދަންނަވާފައިވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މެމް
މެމް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

"241 ކޮމިޓީއަކީ ގާނޫނުއަސާސީން ބާރު ދީގެން އުފައްދާފައިވާ ކޮމިޓީއެއް. އެއީ [ހަސަން ލަތީފް] ކުޅޭކުޅޭ ކޮމިޓީއަކަށް ހަދަން އަޅުގަނޑު ފުރުސަތެއް ނުދޭނަން. އަޅުގަނޑު ކޮމިޓީ ހިންގާނީ ގާނޫނީ އިމުގެ ތެރެއިން ކޮމިޓީގެ މެއިންޑޭޓަށް ތަބާވެގެން. އެއިން ބޭރުވާކަށް އެއްވެސް ބަޔަކަށް އަޅުގަޑު ފުރުސަތެއް ނުދޭނަން. ގާނޫނީ އިމުގެ ތެރެއިން، ކޮމިޓީގެ މެއިންޑޭޓުން އައިސްފައިވާ މައްސަލަތައް އަޅުގަނޑުމެން މިހާތަނަށް ވެސް ވާނީ ބަލާފައި. މިހާރު ވެސް ދަނީ ބަލަމުން،" އަސްލަމް ވިދާޅުވެފައިވެ އެވެ.

ކަންބޮޑުވުމަކީ ކޮމިޓީގެ ނިންމުން ތަންފީޒު ނުވުން

އަސްލަމް ދެއްވި ރައްދާ ގުޅިގެން "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން ލަތީފު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ މަޖިލީހުން ބެލުމުގައި ނުފޫޒެއް ފޯރުވަން އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށެވެ.

އަދި މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީ 241 ކޮމިޓީއަށް ފޮނުއްވަން ނިންމެވީ ސީދާ މަޖިލީހުގެ ރިޔާސަތުން ކަމަށާއި އެކަމުގައި ވެސް އޭނާގެ އަތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ހިޔާނާތާ ގުޅިގެން މައުލޫމާތު ސާފުކުރަން މުއައްސަސާތައް ހާޒިރުކުރަން ނިންމުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެކަން އެޖެންޑާ ކުރެވުނުކަން އަސްލަމަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެ ދުވަހު ވަޑައިނުގަތުމުން އީވާ އާ ރިޔާސަތު ހަވާލުކުރުމުގައި ވެސް އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަން ހަސަން ފާހަގަކުރެއްވި އެވެ.

އަދި އެ ސިޓީ ހުށަހެޅުއްވައި، ކޮމިޓީގެ ނިންމުމެއް ތަންފީޒުނުވެެ އޮންނަތާ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުމަކީ ގަބޫލުކުރަން ދަތިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު އެ މައްސަލަ ބެލުން އަވަސް ކުރަން އުޅުމަކީ މުޅި ކޮމިޓީ ކުޅޭކުޅޭ އެއްޗަކަށް ހެދުން ކަމަށް ބެލޭނެ ގޮތެއް އަޅުގަނޑަށް އެއް ގޮތަކަށް ވެސް ނުވިސްނޭ - ހަސަން ލަތީފު

އޭގެ އިތުރުން، ކޮމިޓީގެ ނިންމުން ތަންފީޒު ނުވެ އޮތީ، ސަބް ކޮމިޓީއަކުން ހިޔާނާތާ ގުޅޭ މައްސަލަ އެއް ބަލަމުންދާތީކަމަށް އަސްލަމް ވިދާޅުވި ވާހަކައަށް ވެސް ހަސަން ރައްދު ދެއްވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި ސަބް ކޮމިޓީގެ ހުރިހާ ބާރެއް މައި ކޮމިޓީއަށް ލިބިގެންވާއިރު، ކޮމިޓީގެ ހަތް މެމްބަރުންގެ އިއްތިފާގުން ނިންމި ނިންމުމަކަށް އަމަލުނުކޮށް މުގައްރިރަކަށް ނުހުންނެވޭނެ ކަމަށެވެ.

މެމް
މެމް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

އޭނާ އިތުރަށް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައަކީ މާލެ އާއެކު މުޅި ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ގައުމީ މައްސަލައެއް ކަމަށެވެ.

އަދި އެކަން ބަލައި އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ ވައުދުފުޅެއް ކަމަށްވާއިރު، އެ ވައުދު ފުއްދަން އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ މަޖިލީހަކުން ކުރެވުނު ހުރިހާ މަސައްކަތެއް އެންމެ އަވަސް މިނުގައި ކުރެވެންޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އަޅުގަނޑަށް އެއް ގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭ އެމްއެމްޕީއާރުސީ ހިޔާނާތުގައި އަސްލަމް ހިމެނިވަޑައިގަންނަވާކަމަކަށް. އަޅުގަނޑަށް ހަމަ ޔަގީން އެ ކަމުގައި އެބޭފުޅާގެ އެއްވެސް ބައިވެރިވުމެއްނެތް ކަން. އެކަމަކު އެކަން ދިގުދަންމައިގެން ނުކުރައްވަން އުޅުއްވުމުން އަޅުގަނޑަށް ވަރަށް ގިނަ ކަންކަމާ ޝައްކު ކުރެވޭ."

ނަމަވެސް، ޝައްކު ކުރެއްވެނީ ކޮންކަމަކާ މެދު ކަމެއް ހަސަން ތަފްސީލެއް ނުދެއްވި އެވެ.

ހަސަން ތަކުރާރުކޮށް ވިދާޅުވީ މި ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތް "ފޫކަހައިގެން" ނުތިބެ އެކަމުގެ ހަގީގަތް ހާމަކޮށް ދިނުމަކީ މި މަޖިލީހުގެ ވެސް ޒިންމާއެއް ކަމަށާއި އެކަން ކުރުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox