ހަފުތާއެއްގެ ތެރޭގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީސް ދެ ވަނަ ފަހަރަށް އިއްޔެ ފަޅާލައި ވައްކަންތަކެއް ކޮށްފި އެވެ.
މިދިޔަ ހޮނިހިރުދުވަހު ވެސް އާރުޑީސީގެ އޮފީހަށް ބަޔަކު ވަދެ 100،000ރ. ވަގަށް ގެންދިޔަ އެވެ. އެކަމަކު މި ހުކުރު ދުވަހުގެ ވައްކަމުގައި ވަގުން ގެންގޮސްފައި ވަނީ އެންމެ 3000ރ. ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓުން ބުނީ އާރުޑީސީ އޮފީސް ފަޅާލާފައި ވަނީ ހުކުރު ދުވަހު ހަވީރު 4:30 ހާއިރު ކަމަށެވެ. އެ ވައްކަން ތަހުގީގު ކުރަން ފުލުހުން ވަނީ ފަށައިފަ އެވެ.
އޯކިޑު މަގުގައި ހުންނަ މޯލްޑިވްސް ޝިޕިންގް ލިމިޓެޑުގެ އިމާރާތުގައި ހިންގާ އާރުޑީސީގެ އޮފީސް މިދިޔަ ހަފުތާގައި ފަޅާލާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 10:00 ޖަހާކަންހާއިރު ކަމަށްވެ އެވެ. އެ ފަހަރު ވަގަށް ގެންދިޔަ 100،000ރ. އަކީ އެ އޮފީހުގެ ތިޖޫރީގައި ހުރި ފައިސާތަކެކެވެ.
މިހާ ގާތްގާތުގައި އާރުޑީސީގެ އޮފީސް ވަގުންނަށް ފަޅާލެވިފައި މި ވަނީ ކިހިނެއް ކަމެއް ނޭނގެ އެވެ. އެތަނުގެ ސެކިއުރިޓީ ހަމަޖައްސާފައިވާ ގޮތް ވެސް މިހާތަނަށް އެނގިފައެއްނުވެ އެވެ.

އާރްޑީސީގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝުހާދު މިއަދު ވިދާޅުވީ ވައްކަން ހިނގާފައިވާ ގޮތް މިހާތަނަށް އެނގިފައިނުވާ ކަމަށެވެ. ނަމަވެސް "ވައްކަމުގެ ވާހަކަ އަޑުއިވިފައިވާ" ކަމަށް އޭނާ ވިދާޅުވި އެވެ.













