ރޯދަ މަހަށް ހާއްސަކޮށްގެން ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދުތައް އިތުރުވެ، ހަފުތާއެއްގެ ތެރޭގައި އިމްޕޯޓް ޑިއުޓީން 186 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުގައި މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނީ 594.3 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ ހަފުތާގެ ނިޔަލަށް އެ އަދަދު ހުރީ 408.2 މިލިއަން ރުފިޔާ އެވެ.
އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީއަކީ އެ ހަފުތާގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް އިތުރުވީ 294 މިލިއަން ރުފިޔާގެ 63 ޕަސެންޓެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހެއްގައި ވެސް ރާއްޖެއަށް ގެންނަ މުދަލުގެ އަދަދު އިތުރުވެ، އެ ދުވަސްވަރު އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ އިތުރުވެ އެވެ.
ޖުމްލަ އާމްދަނީ 5.4 ބިލިއަން ރުފިޔާއަށް
އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަކީ 5.4 ބިލިއަން ރުފިޔާ އެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާ އިރު ބައި ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދަށް އަދަދެއް ނަމަވެސް، އަންދާޒާ ކުރި ވަރަށް ވުރެ އާމްދަނީ އިތުރެވެ. ދައުލަތުގެ އާމްދަނީ ބެހިފައި ވަނީ:
- ޓެކްސް އާމްދަނީ - 4.3 ބިލިއަން ރުފިޔާ
- ނަން-ޓެކްސް ރެވެނިއު - 1.06 ބިލިއަން ރުފިޔާ
- ކެޕިޓަލް ރިސީޓްސް - 3 މިލިއަން ރުފިޔާ
- ހިލޭ އެހީ - 55 މިލިއަން ރުފިޔާ
ޖުމްލަ ހަރަދުތައް 7.2 ބިލިއަން ރުފިޔާއަށް
އަހަރުގެ މިހާތަނަށް ދައުލަތުން ކުރި ހަރަދުތައް ހުރީ 7.2 ބިލިއަން ރުފިޔާގަ އެވެ. އެއީ މި އަހަަރަށް ފާސްކުރި 33 ބިލިއަން ރުފިޔާގެ ބަޖެޓުގެ 22 ޕަސެންޓެވެ. ދައުލަތުން ކުރި ހަރަދުތަކުގެ ތެރެއިން ބޮޑު ބަޔެއް ހަރަދުކުރީ ރިކަރަންޓް ހަރަދަށެވެ. ދައުލަތުގެ ހަރަދުތައް ބެހިފައި ވަނީ:
- ރިކަރަންޓް ހަރަދު - 5.3 ބިލިއަން ރުފިޔާ
- ކެޕިޓަލް ހަރަދު - 1.8 ބިލިއަން ރުފިޔާ
ރިކަރަންޓް ހަރަދުގެ ތެރޭގައި ގިނައީ މުސާރައަށާއި އޮފީސްތަކުގެ ހިންގުމުގެ ހަރަދަށް ހޭދަކުރި ފައިސާ އެވެ. ކެޕިޓަލް ހަރަދުގެ ތެރޭގައި ގިނައީ ސަރުކާރުގެ އެކިއެކި އިންވެސްޓްމަންޓްތަކަށާއި ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދަ އެވެ. މި ދާއިރާއިން ހޭދަކުރި 943 މިލިއަން ރުފިޔާގެ ތެރެއިން 797 މިލިއަން ރުފިޔާ ހަރަދުކުރީ ސަރުކާރުން ހިންގާ މަޝްރޫއުތަކަށެވެ.











