ޕޮލިސް ބޯޑުގެ ރައީސަކަށް އަލީ ފާއިޒު، އަދި އެ ބޯޑުގެ ނާއިބް ރައީސަކަށް އަހުމަދު ފަޔާޒް ހަސަން މިއަދު އިންތިހާބު ކޮށްފި އެވެ.
ފުލުހުންގެ ބޯޑަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް އުފައްދާ ބޯޑެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރާ ދެ މެންބަރުންނާއި އާންމުންގެ ފަރާތުން ދެ މެންބަރުންނާއި ފަންނީ ތިން މެންބަރުންނެވެ.
އަލަށް އުފެދިގެންދާ މި ބޯޑަކީ، ވަރަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ ބޯޑެވެ. އެގޮތުން ތަހުގީގީ އުސޫލުތައް ކަނޑައެޅުމާއި ފުލުހުންގެ ތަމްރީނުތަކުގެ އޮނިގަނޑު އެކަށައެޅުން ފަދަ މުހިންމު ބާރުތަކެއް ބޯޑަށް ލިބެ އެވެ.
ފުލުހުންގެ ބޯޑުގެ މެމްބަރުން
- އާއިޝަތު ނޫރާ މުހައްމަދު،
- އަހުމަދު ނާޝިދު،
- އާދަމް އިބްރާހީމް،
- ހާމިދު އަބްދުލްޣަފޫރު،
- ސަފާ ޝަރީފް،
ފުލުހުންގެ ބޯޑްގެ އާންމުންގެ ތެރެއިން އައްޔަން ކުރާ މެންބަރުންގެ ގޮތުގައި މަޖިލީހުން ކަނޑައެޅީ ހާމިދު އާއި ސަފާ އެވެ.
ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދަކީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވި ބޭފުޅެކެވެ.

ސަފާއަކީ، އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމްގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެފަ އެވެ.












