ބައްޕަގެ ޓީމާ ދެކޮޅަށް ނުކުތީ ވެސް މޮޅުވާން: މޯހަން

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސަސްގެ ކޯޗު މޯހަން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސަސްގެ ކޯޗު މޯހަން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ފުޓްބޯޅަ ކޯޗިން އަށް ނުކުތް ފަހުން އޭނާގެ ބައްޕަގެ ޓީމު ނިއު ރޭޑިއަންޓާ ދެކޮޅަށް ނުކުތީ ވެސް މޮޅުވާން ކަމަށާއި އެ ވިސްނުމަށް ބަލާއިރު, ކޮންމެ މެޗަކަށް ވެސް ނުކުންނަނީ މޮޅެއް ހޯދުމަށް ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

މޯހަން މިހެން ބުނީ މާދަމާރޭ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ އިހުސާން އަބްދުލް ގަނީ (ސާންތީ) ކޯޗުކޮށްދޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

މޯހަން ބުނީ ސާންތީ އަކީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށެވެ. އަދި ވަރަށް ގިނަ ދުވަހު އެކީގައި މަސައްކަތްކޮށް އެކީގައި ގިނަ ކަންކަން ދަސްކޮށް ފުޓްބޯޅަ ކޯޗިން ކެރިއަރުގައި ވަރަށް ގިނަ ދުވަހު އެކީގައި މަސައްކަތްކުރި ދެ މީހުން ކަމަށްވާތީ އެ ގާތްކަން އަބަދުވެސް އޮންނާނެ ކަމަށް މޯހަން ބުންޏެވެ.

"އަޅުގަނޑު މި ހުރީ އެ އަށް ވުރެ މާ ގާތް ބައްޕަގެ ޓީމާ ދެކޮޅަށް ވެސް ނުކުމެފައި. ވާދަކޮށްފައި. އެހެންވީމަ އަޅުގަނޑަށް ހިއެއްނުވޭ އެ އަށް ވުރެ ބޮޑަށް (އެހެން މީހަކު) ގާތްވާނެހެނެއް. ކާމިޔާބީ އަށް ކޮންމެ ގޮތެއް ވިޔަސް ނުކުންނާނީ. ދަނޑުމަތީގައި އެ ކުޅޭ 90 މިނިޓަކީ ހަމަ ސީދާ އިތުރު އެއްވެސް ވިސްނުމެއް ނުހުންނާނެ. އަޅުގަނޑު ހުންނަ ޓީމަކަށް ކާމިޔާބީ ހޯދައިދިނުން މޮޅުވުން ނޫނީ،" މޯހަން ބުންޏެވެ.

"ފުޓްބޯޅަ ދަނޑެއްގެ މައްޗަށް ނުކުންނައިރު އަޅުގަނޑަށް އެނގޭ ސާންތީ ވެސް ނުކުންނާނީ މޮޅުވާން. މެޗުގެ އޮއެވަރު ދާ ގޮތުން ބުނާ ބަހެއް މެޗު ނިމުނީމަ ނޯންނާނެ. އެ ދަނޑުން ބޭރަކަށް ނުދާނެ،"

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ މި ސީޒަނުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދާފައިވުމުން ސަސްއާ ދެކޮޅަށް ނުކުންނާނީ ރަނގަޅު ރޫހެއްގައި ކަމަށް މޯހަން ބުންޏެވެ. އަދި ސަސް އިން މެޗަށް ތައްޔާރުވާނީ އެކަމަށް ވިސްނައިގެން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންނާ އެކީ ކުޅެން ޖެހުުނުއިރު އެ ފަދަ ކާމިޔާބެއް (ޔޫވީ އަށް) ލިބުމަކީ އަޅުގަނޑުމެންނަށް އިތުރު ޕްރެޝަރެކޭ ދަންނަވަންޖެހޭނީ. ސީޒަން މި ހިސާބަށް އަންނައިރުގައި މޮޅެއް ނުލިބި އޮވެފައި ލިބޭ މޮޅަކީ މުޅި ޓީމަށް ލިބޭ ކުރިއެރުމެއް އަދި ބޫސްޓަކަށް ވެގެންދާނެ،" މޯހަން ބުންޏެވެ.

ލީގުގެ ހަތް ވަނައިގައި ސަސް މި ވަގުތު އޮތީ 12 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް ވިކްޓްރީ އަތުން މޮޅުވެގެން ސަސް އަށް ލީގުގެ ފަސް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު އެއީ އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

މޯހަން ބުނީ ހުރިހާ ގޮތަކުން ވިސްނާއިރު ވެސް މި މެޗުގެ މުހިއްމު ކަން ބޮޑު ކަމަށާއި އެހެންވެ ޔުނައިޓެޑް ވިކްޓްރީ އަތުން ބޭނުންވަނީ ތިން ޕޮއިންޓް ކަމަށެވެ. ޔުނައިޓެޑް ވިކްޓްރީ އަކީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިންތަކެއް ތިބި ވަރަށް ހުނަރުވެރި ޓީމެެއް ކަމަށާއި ފަހަކަށް އައިސް ފުދޭ ވަރަކަށް ރަނގަޅަށް ޔުނައިޓެޑް ވިކްޓްރީން ބޯޅަ ކުޅެމުންދާ ކަމަށް މޯހަން ބުންޏެވެ.

"(ދެ ޓީމުގެ ސްކޮޑު) ވަރަށް ހަަމަހަމަ އޭ ބުނާނީ. ކުޑަ ކުޑަކޮށް އެކްސްޕީރިއަންސް އަށް ޖެހިލަންޏާ ހައި ލެވަލްގައި ބޯޅަ ކުޅެފައި ހުރި ކަމަށް ބަލަންޏާ ޔުނައިޓެޑް ވިކްޓްރީ އަށް އޭގެ ކުރިއެރުމެއް އެބަހުރި. އެއީ ބަކާ އާއި މެސީ ހުރީމަ. ގައުމީ ޓީމަށް ކުޅެފައި ތިބީމަ. އޭގެ އެޑްވާންޓޭޖް ނެގިދާނެ. އެންމެ ފަހުން މެޗުގައި އީސަ ހުރި ފޯމަށް ބަލާއިރު އޭނަ އަށް ސަމާލުވާން ޖެހޭ،" މޯހަން ބުންޏެވެ.

ސަސް އިން އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމުގެ ސްވިޑެން ފޯވާޑް ޝްކޮޑްރަން މަހޯލީ އަނިޔާގެ ސަބަބުން ނުކުޅެ އެވެ. މޯހަން ބުނީ އުއްމީދަކީ މާދަމާގެ މެޗުގައި އޭނާ އަށް ކުޅެވުން ކަމަށެވެ.

ޔޫވީ އިން ވިސްނާނީ ފައިނަލެއްގެ ގޮތުގައި: ސާންތީ

ޔުނައިޓެޑް ވިކްޓްރީ މި ވަގުުތު އޮތީ ލީގުގެ އެންމެ ފުލުގައި 12 މެޗުން ހަ ޕޮއިންޓާ އެކު އެވެ. ސާންތީ ބުނީ މި ބުރުގައި އެ ޓީމުން ބޭނުންވާ ޓާގެޓަކީ މަދުވެގެން ހަަތަރު ޕޮއިންޓް ހޯދުން ކަމަށެވެ.

"މި މެޗު އަޅުގަނޑުމެން ނަގާނީ ފައިނަލެއްގެ ގޮތުގައި. ކޮންމެ ގޮތެއް ވިޔަސް މީގެ ކުރިއަށްދަންޏާ މި ބުރުގައި އަޅުގަނޑުމެން ހިސާބުޖަހާ ގޮތުން ވެއްޖިއްޔާ ހަތަރު ވަރަކަށް ޕޮއިންޓް މި ބުރުގައި ހޯދުން ވަރަށް މުހިއްމު. ހަތަރު ޕޮއިންޓް އަޅުގަނޑުމެންނަށް ލިބުނަސް ތިން ވަނަ ބުރުގައި މީގެ ގޮތްތަކެއް ވެދާނެ،" ސާންތީ ބުންޏެވެ.

"އަޅުގަނޑުމެން ކުޅެންވީ. އަޅުގަނޑުމެންގެ ގޭމް ކުޅެފިއްޔާ މީގެ ބޭނުންވާ ކަންތައް ކުރެވޭނެ. (ޔޫވީ އަށް) ކާމިޔާބު ހޯދޭ ވަރުގެ ޓީމެއް ސަސް އަކީ،"

ދަ ގްރާންޑޭ އަތުން ޔުނައިޓެޑް ވިކްޓްރީން މިދިޔަ ހުކުރު ދުވަހުގެރޭ ހޯދި މޮޅަކީ މިިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން އެ ޓީމު މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. އަދި ސާންތީ ހަވާލުވި ފަހުން ލިބުނު ފުރަތަމަ ތިން ޕޮއިންޓެވެ. އެ މެޗަށް ފަހު ޓީމުގެ ރޫހު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށާއި އުއްމީދަކީ ސަސް މެޗުގައި ވެސް އެ ތަފާތު ދެއްކުން ކަމަށް ސާންތީ ބުންޏެވެ.

އެކަމަކު ޔުނައިޓެޑް ވިކްޓްރީ އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެންމެ ފަހުން މެޗުގައި އެ ޓީމަށް ތަފާތު މޮޅު ކުޅުމެއް ދެއްކި ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް (ޓޯނީ) ކާޑު ހަމަވުމުގެ ސަބަބުން މި މެޗަށް ސަސްޕެންޑްވެފައިވުމެވެ.

"ޓޯނީ (އަނަޓޯލީ) އަކީ އަޅުގަނޑުމެން ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ. މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުން އައީ. އެޓޭކިންގައި ޓޯނީ ނެތުން އެއީ އެހެން ކުޅުންތެރިންނަށް އަންނާނެ އުނދަގުލެއް. އެތަން ފޫބައްދާނެ ގޮތްތަކެއް ހޯދަމުން މި އަންނަނީ،" ކުރިން ޓީސީ އަށް ވެސް ކުޅުނު އަނަޓޯލީ ނެތުމުން ދިމާވާނެ ކަންތައްތަކާ ބެހޭގޮތުން ސާންތީ ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމުގެ ކުރިމަތިލުމަށް ފަހު ދެ ޓީމުގެ ކޯޗުން ވެސް މި ވަނީ ބަދަލުވެފަ އެވެ. ސާންތީ ބުނީ ޖުމްލަކޮށް އައި ބަދަލުތަކަށް ބަލާއިރު ވަރުގަދަވީ ސަސް ކަމަށެވެ. އަދި ޔުނައިޓެޑް ވިކްޓްރީ ހަމައެކަނި ކޯޗު ބަދަލުވެފައި އޮތްގޮތަށް އޮތީ ކަމަށާއި އެކަމަކު މިހާރު އޭނާ ބޭނުންވާ ސްޓައިލަށް ކުޅުންތެރިން ކުޅެން ފެށުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ސާންތީގެ ވާހަކައިގައި ފާހަަގަކުރި އެވެ.

ޔުނައިޓެޑް ވިކްޓްރީ އާއި ސަސް ކުޅޭ މެޗު ފަށާނީ މާދަމާރޭ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox