ގިނަ މެޗުތަކެއް ކުޅެގެން ގައުމީ ޓީމުގެ ނަތީޖާ ރަނގަޅުކުރެވޭނެ

Oct 14, 2025, 3:10 PM
ގިނަ މެޗުތަކެއް ކުޅެގެން ގައުމީ ޓީމުގެ ނަތީޖާ ރަނގަޅުކުރެވޭނެ

ގައުމީ ފުޓްބޯޅަ ޓީމުން މިއަދު އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިިކިސްތާން އަތުން 3-0 އިން ބަލިވި ކަމުގައި ވިޔަސް، މި މެޗުގައި ނަަތީޖާ ނޫން ގިނަ ކަންކަން ދިޔައީ ޓީމަށް ޕޮޒިޓިވްކޮށް ކަމަށާއި ގިނަ މެޗުތަކެއް ގައުމީ ޓީމުން ކުޅެގެން ނަތީޖާ ވެސް ރަނގަޅުކުރެވޭނެ ކަމަށް ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ މޯހަން ހަވާލުވެ، ފުރަތަމަ ކުރިމަތިލީ ސައުތު އޭޝިއަން ސުޕަ ކަޕްގައި ސްރީ ލަންކާއާ ދެކޮޅަށެވެ. ފުރަތަމަ މެޗުން މޮޅުވެ، ދެ ވަަަނަ މެޗު އެއްވަރުކުރި އެވެ. އޭގެ ފަހުން ކުޅެފައި މި ވަނީ އޭޝިއަން ކަޕް ކޮލިފައިންގައި، މި ބައްރުގެ ފުޓްބޯޅައިގައި ވަރުގަދަ ޓީމެއްގެ ގޮތުގައި އޮތް ތަޖިކިސްތާނާ އެވެ. ބުރާސްފަތި ދުވަހު ތަޖިކިސްތާންގައި ކުޅުނު މެޗުން 2-0 އިން ރާއްޖެ ބަލިވިއިރު، މިއަދު، މާލޭގައި ވެސް ތަޖިކިސްތާނުން ވަނީ މޮޅުވެފަ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޯހަން ބުނީ، ނުކުތް ނަތީޖާ އާއި ރާއްޖޭން ދެއްކި ކުޅުން ނުބައްދަލު ކަމަށެވެ. ރާއްޖެ އަތުން މެޗު ގެއްލުނީ ހެދުނު "ކުދިކުދި މިސްޓޭކްސް" ތަކުގެ ސަބަބުން ކަމަށް ފާހަގަކޮށް މޯހަން ބުނީ، ބައިކޮޅަށް އެހާ ފަސޭހައިން ގޯލުވަދެގެން ތަޖިކިސްތާން ކަހަލަ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނަތީޖާ ނުނެރެވޭނެ ކަމަށެވެ.

"(ފަސޭހައިން ވަންނަ ގޯލު) އެ އެއްޗެހި ޖެހޭނެ ހުއްޓުވަން، އެ ނޫން ގޮތަކަށް ނުވާނަން. ކުޅުންތެރިން އެކްސްޕީރިއަންސް ބޭނުންވޭ. މި ކަހަލަ ކަންތައްތައް ރަނގަޅުކުރަން. ގިނަ މެޗުތައް ކުޅެގެން ނޫނީ މި ކަހަލަ ކަންކަން ރަނގަޅެެއް ނުވާނެ. މީގެ މިސްޓޭކްސްތައް ހެދިގެން މެޗުތަކުން މީގެއިން ތަޖުރިބާ ލިބިގެން ރަނގަޅުކުރެވޭނީ. ޖުމްލަ ގޮތެއްގައި ބަލާއިރު ކުޅުންތެރިން ލީ އެފަޓަށް ސާބަސް، ދެން، ސަޕޯޓަރުން ދިން ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން،" މޯހަން ބުންޏެވެ.

އޭނާ ބުނީ ޕްލޭންކޮށްގެން އައީ، 30 ވަރަކަށް މިނިޓް ވަންދެން ކޮޅަށް ގޯލެއް ވަނަނުދީ ހިފަހައްޓާލުމަށް ފަހު، ދެން، ލިބޭ ފުރުސަތުތަކުގައި ނަތީޖާ އެއް ނެރެން މަސައްކަތް ކުރުމަށް ކަމަށެވެ.

"އެހެން ނަމަވެސް މާ ކުރިން ގޯލެއް އައުމާ އެކީގައި އެ މީހުންނަށް އެ ހިތްހަމަޖެހުން ލިބިގެންދިޔައީ. އެެހެން ނޫންނަމަ، 30 އަކަށް މިނިޓް ދިޔައިރު، މެޗުގެ އޮއެވަރު އެކީ ބަދަލުވެގެންދިޔައީ އެ ހިސާބުން ފެށިގެން އަޅުގަނޑުމެންނަށް ހިފަހައްޓައިލެވުނުނަމަ، މި ނޫން ނަތީޖާއެއް ނެރުމުގެ ފުރުސަތު އެބައޮތް،" މޯހަން ބުންޏެވެ.

ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ އެޓިޓިއުޑާއި މެޗުތަކުގައި ނަތީޖާ ނެރެން ފަހު ވަގުތާ ހަމައަށް ކުރާ ހިތްވަރު ފެނިގެންގޮސްފި ކަމަށާއި މީގެ މައިގަނޑު ހައްލު އޮތީ ގިނަ މެޗުތަކެއް ކުޅެ، ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދީގެން ކުރިއަށް ދިއުން ކަމަށް މޯހަން ބުންޏެވެ.

އަދި، ގައުމީ ޓީމުން ގިނަ މެޗުތައް ކުޅޭ ވަަރަކަށް އަމިއްލަ ނަފްސަށް އިތުބާރު ލިބި، މިހާރު އެ ހުންނަ ބިރު ނެތިގެން ދާނެ ކަމަށް ވެސް މޯހަން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ލީގު ދެ އަހަރަށް ފަހު ފަށައިގެން، ތިން ވަރަކަށް މެޗު ކުޅެފައި، ތަޖިކިސްތާނާ ދެކޮޅަށް މި ދެ މެޗު ކުޅެން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އިން ކުރިއެރުން ފެނުނު ކަމަށް މޯހަން ވަނީ ބުނެފަ އެވެ. މޯހަން ބުނީ ގަވާއިދުން ލީގު ކުޅެގެން ފުޓްބޯޅަ ކުރިއަށްދާނަމަ ގައުމީ ޓީމުން ވެސް އޭގެ ފައިދާ ފެންނާނެ ކަމަށެވެ.

"ލީގު ގަވާއިދުން ކުޅެމުންދާކަމަށްވަންޏާ ގައުމީ ޓީމަށް އެޑްވާންޓޭޖްތަކެއް ލިބިގެންދާނެ. އާ ކުޅުންތެރިން ފެންނާނެ، ކުޅުންތެރިންނަށް ގާތްގަނޑަކަށް ދެ އަހަރެއް މިދިޔައީ ހަގީގަތުގައި ކޮމްޕެޓިޓިވް ފުޓްބޯޅަ ނުކުޅެ ދިޔައީމަ، އެއްކަލަ މި ބުނާ ފިއާތައް (ބިރުތައް) ވެސް މި ހުންނަނީ ގިނައިން ކުޅޭ ވަރަކަށް ކުޅުންތެރިންނަށް އިތުބާރު ލިބިގެެންދާނެ،" މޯހަން ބުންޏެވެ.

"ދުވަސްނަގާނެ، ވެއްޓެމުންދިޔަ ދުވަސްވަރެއްގައި އަނެއްކާ ވެސް ނަގައި ކޮޅަށް ޖަހަން ވަރަށް މަސައްކަތް ކުރަން ޖެހޭ، އެކަމަށް، ދުވަސް ނަގާނެ، ލީގު ވެސް ގަވާއިދުން ކުޅެގެން، އަހަރެއްގެ ނުވަ މަސް ވަރު، ދިހަ މަހާ ކައިރިކުރާވަރު ގިނަ މެޗު ކުޅެގެން، ތިން ހަތަރު އަހަރުވާއިރު ކުރިއެކޭ އެއް ހިސާބަށް އަޅުގަނޑުމެންގެ މިސްރާބު ޖެހިފައި ހުންނާނީ،"

ތަޖިކިސްތާނުން ރާއްޖެ އަތުން ހޯދި މޮޅާ އެކު، ކޮލިފައިން ގްރޫޕް އޭ އެއް ވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ފިލިޕީންސް އަށް ތިން މެޗުން ހަތް ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިން ވަަނައިގައި އޮތް އީސްޓް ޓިމޯ (ޓިމޯ ލެސްޓޭ) އަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ރާއްޖެ އަށް ހަަތަަރު މެޗުން ބަލިވުމުން ޕޮއިންޓެއް ލިބިފައިނުވެ އެވެ.

ކޮލިފައިންގައި ރާއްޖެ އަށް ދެން އެންމެ އަވަހަށް އޮތީ އަންނަ މަހު 18 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ފިލިޕީންސާ ކުޅޭ މެޗެވެ. ފިލިޕީންސް އިން ކޮލިފައިންގައި ކުޅޭ ހަތަރު ވަނަ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ޓިމޯ ލެސްޓޭއާ ކުޅޭނެ އެވެ.

މޯހަން ބުނީ ކޮލިފައިންގެ ކުރިން އެކުވެރިކަމުގެ މެޗު ކުޅެވޭތޯ އެފްއޭއެމްގައި އެދިފައިވާނެ ކަމަށާއި، އެކަމަކު، މި ވަގުތަކީ އެފްއޭއެމް އަށް މާލީ ގޮތުން އިތުރު ބުރައެއް އުފުލޭ ވަރަށް ވުރެ ހާލަތު ދަށްކޮށް އޮތްތަނެއް ކަމަށެވެ. އެހެން ނަމަވެސް، ސްޕޯޓްސް މިނިސްްރީ އާއި ސަރުކާރުން މިކަމަށް އަހައްމިއްޔަތުކަމެއް ދީގެން ގައުމީ ޓީމަށް މެޗުތަކެއް ކުޅުމަށް ފުރުސަތު ހޯދައިދޭން މަސައްކަތްކޮށްފިނަމަ، މިއީ ނުވާވަރުގެ ކަމެއް ނޫން ކަމަށް މޯހަން ވަނީ ބުނެފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox