ތަޖިކިސްތާން ވަރުގަދަ، ދިވެހި ސަޕޯޓަރުންނާ އެކު ގޮތެއް ހެދިދާނެ: މޯހަން

Oct 13, 2025, 11:03 AM
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ޓީމު ކޯޗު މޯހަން.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ޓީމު ކޯޗު މޯހަން.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ހަވީރު ކުޅެން ޖެހޭ ތަޖިކިސްތާނަކީ ވަރުގަދަ ޓީމެއް ކަމަށާއި ގަލޮޅު ދަނޑުގައި ދިވެހި ސަޕޯޓަރުންގެ އެހީއާ އެކު، މި މެޗުގައި ރާއްޖެ އަށް ނަތީޖާއެއް ނެރުމަށް ގޮތެއް ހަދާލެވިދާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ، ތަޖިކިސްތާނުން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ރާއްޖެ ބަލިކޮށްފަ އެވެ. އެ މެޗަށް ފަހު ރާއްޖޭގައި ދެ ޓީމު ކުޅޭ މެޗުގެ ތައްޔާރީތައް ފެށިގެންދިޔައިރު، މޯހަން ބުނީ، ދެ ޓީމުން ވެސް ކުރަން ޖެހުނީ ދިގު ދަތުރެއް ކަމަށާއި އެހެންކަމުން، އެ ގޮތަށް ބަލާއިރު، ދެ ޓީމަށް ވެސް ހަމަހަަމަ ކަމަށެވެ.

ތަޖިކިސްތާން އަތުން އެ ގައުމުގައި ކުޅުނު މެޗުން ބަލިވީ ގޯސްތަކެއް ހެދިގެން ކަމަށާއި، އެ ޓީމަކީ އާދައިގެ ގައުމެއް ނޫންކަން އެންމެ ފަހުން ބޭއްވި އޭޝިއަން ކަޕްގެ ގަދަ 16 އަށް ދިއުމުން ވެސް އެގޭ ކަމަށް މޯހަން ވަނީ ބުނެފަ އެވެ. ތަޖިކިސްތާން، އެންމެ ފަހުން އޭޝިއަން ކަޕްގައި ކެޓީ ޕެނަލްޓީ ޖަހައިގެން ކަމަށްވާއިރު، އެ ޓީމުގެ ފެންވަރު އެވަރުން ވެސް އެނގިގެންދާކަން މޯހަން ފާހަގަކުރި އެވެ.

ތަޖިކިސްތާނާ ދެކޮޅަށް މާދަމާ ހަވީރު، 15:30 ގައި ރާއްޖޭން ނުކުންނަ މެޗަކީ، 733 ދުވަހަށް ފަހު ގަލޮޅު ދަނޑުގައި ގައުމީ ޓީމުން ކުޅޭނެ ފުރަތަމަ މެޗެވެ. ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، ގަލޮޅު ދަނޑަށް މެޗަކަށް ގައުމީ ޓީމުން ނުކުންނައިރު، ޕްރެޝަރުގެ ކަންކަން ހުންނާނެ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

"ފުޓްބޯޅަ ކުރިއަރުވަންކުރަން ޖެހޭ މަސައްކަތުގެ މުހިންމުކަން ބޮޑީ އެ ޕްރެޝަރު ހަގީގަތުގައި އަޅުގަނޑުގެ ވެސް އިނީ، އުންމީދު ހަމަކުރާނެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކާމިޔާބީ އަށް އެހެން ނަމަވެސް ހަގީގަތަކީ އޮތް ހާލަތަކީ އެއް ދުވަހުން ދެ ދުވަހުން ބަދަލުވާނެ ހާލަތެއް ނޫންކަން، އެތައް އަހަރެއްގެ ފަހަތަށް ދިއުމެއް މި އުޅެނީ، އެހެންވީމަ، މީތި އަހަރުތަކެއް ނަގާނެ ކުރިއަށްގެންދަން،" ތަޖިކިސްތާނާ ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުންޏެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފައިވާ މޯހަން ބުނީ، ފުޓްބޯޅައިގެ ހާލަތު އޮޅުންފިލުވައިދެނީ، މެޗުގެ ކުރިން އުޒުރެއް ދެއްކުމަށް ނޫން ކަމަށެވެ. އަދި، ކަންކަން ކުރުމުގައި ހަގީގަތް އޮތްގޮތަށް ވާހަކަ ދެއްކުމުގެ މުުހިންމުކަން ފާހަގަކޮށް މޯހަން ބުނީ، އަމިއްލަ ދަނޑުގައި ކުޅޭއިރު، ޕްރެޝަރު އޮންނަކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"އެއް ބަޔަކު ހިތައް އަރާފާނެ ހޯމް ޕްރެޝަރެއް ނީންނާނެ، ހޯމް ޕްރެޝަރަކީ ވެސް އޮންނަ އެއްޗެއް. ވަރަށް ބޮޑު އެއްޗެއް، ހޯމް އެޑްވާންޓޭޖަކީ ވެސް އޮންނަ އެއްޗެއް. އެ ދެކަން ވެސް އެއި އޮންނަ ކަމެއް. ޕްރެޝަރަކަށް މިވާ އެއްޗަކީ ގަލޮޅު ދަނޑުގައި ނުކުޅެ އޮވެފައި އަންނައިރުގައި މި އިންނަ ކޮންފިޑެންސާ މި އަންނަ އެއްޗެއްސަކީ ޕްރެޝަރަކީ. ކުޅުންތެރިންނަށް އިތުބާރު ލިބުމާ ކަންކަން އެ ޕްރެޝަރު އިންނާނެ، އެކަމަކު، އަޅުގަނޑުމެންނަށް އެ ލިބޭ ސަޕޯޓަކީ ވަރަށް ބޮޑު އެއްޗަކަށް ވެގެންދާނެ،" މޯހަން ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެ، މޯހަން ފުރަތަމަ ނުކުތީ ސްރީ ލަންކާގައި މިދިޔަ މަހު އޮތް ސައުތު އޭޝިއަން ސުޕަ ކަޕްގެ ދެ މެޗަށެވެ. އެއް މެޗުން ލަންކާ އަތުން ރާއްޖެ މޮޅުވިއިރު، އަނެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. އޭގެ ފަހުން، ރަސްމީ ފުރަތަމަ މެޗުގައި، މޯހަންގެ އިރުޝާދުގެ ދަށުން ކުޅެ، ތަޖިކިސްތާން އަތުން ބަލިވީ އެވެ.

މޯހަން ބުނީ، ގައުމީ ޓީމުން އަބަދުވެސް މެޗަކަށް ތައްޔާރުވާނީ، އެ މެޗެއްގެ ހާލަތާއި އިދިކޮޅު ޓީމުގެ ފެންވަރު އަދި ކުޅޭ ގޮތް ދެނެގަނެ، އޭގެއިން ރާއްޖެ އަށް އެންމެ މަންފާ ހޯދޭނެ ގޮތަކަށް ތައްޔާރުވެގެން ކަމަށެވެ.

"މި މަދު ދުވަސްތަކުގެ ތެރޭގައި އެ ކަންކަމަށް އަޅުގަނޑުމެން އެޖަސްޓް ކުރަމުންދަނީ، ކުޅުންތެރިންގެ އެއްބާރުލުން ވަރަށް ލިބޭ، މަސައްކަތުގެ ރޭޓު ވަރަށް ރަނގަޅު ޕްރެކްޓިސްތަކުގައި، ޑިސިޕްލިންއާ މި އެއްޗެއްސަށް ސުވާލެއް ނެތް، އެ ހުރިހާ ކަމެއް ވަރަށް ރަނގަޅު، ﷲ އިރާދަކުރެއްވިއްޔާމު، ގޮތެއް ހަދާލެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އިރާދަކުރެއްވިއްޔާމު، ރަނގަޅު ނަތީޖާއެއް ނެރެ، ބަލިނުވެ، ނޫނިއްޔާ މޮޅަކާ އެކީގައި ގަލޮޅު ދަނޑުގައި ނިންމާލެވޭތޯ އެ ކުރެވެން ހުރި ހުރިހާ ކަމެއް މަސައްކަތެއް ﷲ އިރާދަކުރެއްވިއްޔާ ކުރާނަން،"

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ޕޮއިންޓެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ރާއްޖެ އެވެ. ގްރޫޕްގެ އެންމެ ފުލުގައި މި ވަގުތު އޮތްއިރު، މޯހަން ބުނީ، ދިމާވި ގޮތުން، ރާއްޖޭން ކޮލިފައިންގެ ފުރަތަމަ ތިން މެޗު ކުޅެން ޖެހުމަކީ ބަދުނަސީބު ކަމަށާއި މެޗެއް ކުޅެގެން ޕޮއިންޓެއް ލިބިފައި އޮތްނަމަ، ކުޅުންތެރިންނަށް ހިތްވަރަކަށްވާނެ ކަމަށެވެ.

"ތަޖިކިސްތާނަށް މި މެޗަކީ އެ މީހުން ފައިނަލް ރައުންޑަށް ދިއުމަށް ކޮންމެ ހެން ވެސް މޮޅުވާންޖެހޭ މެޗެއް. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޕްރައިޑަށްޓަކައި ކުޅޭނީ، އަޅުގަނޑުމެންގެ ސަޕޯޓަރުންނަށްޓަކައި ކުޅޭނީ ނަތީޖާއެއް ނެރެވޭތޯ، ގްރޫޕުން އެންމެ ފަހަތުން މައްޗަށް އެރޭތޯ ނޫނީ ޕޮއންޓެއް. ހޯދައިގެން ސުމަކުން ކަނޑުވާލައިގެން ކުރިއަށްދާން މި ހުރިހާ މަސައްކަތެއް ކުރާނީ،" މޯހަން ބުންޏެވެ.

ރާއްޖޭން ވަނީ މާލޭގައި ތަޖިކިސްތާނާ ދެކޮޅަށް 2011 ވަނަ އަހަރު ކުޅުނު މެޗުން ލަނޑެއް ނުޖެހި އެއްވަަރުކޮށްފަ އެވެ. އެކަމަކު، މިހާތަނަށް ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅުނު ހަތަރު މެޗުގައި ވެސް ލަނޑެއް ޖެހޭގޮތެއްނުވި އެވެ.

މޯހަން ބުނީ، އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުން ރާއްޖޭގެ ގައުމީ ޓީމުން ނަތީޖާއެއް ނެރެން ބަލާއިރު، ހުރިހާ ވެސް ކަމަކީ ސަޕޯޓަރުން ކަމަށެެވެ. އަދި، ސައުތު އޭޝިއަން ސުޕަ ކަޕްގައި ކުޅުނު މެޗުތަކުގައި ސްރީ ލަންކާގައި ތިބި ދިވެހިން ޓީމަށް ސަޕޯޓްކުރަން އެ ކުރި ހިތްވަރުގެ ތަފާތު ކުޅުންތެރިންގެ ކިބައިން ފެނިގެންދިޔަކަން މޯހަން ވަނީ ފާހަގަކޮށްފަ އެވެ.

"ނުދުވެވި އިންނަ އެ މީޓަރު އިތުރަށް ދުވެވޭ ކަމެއް ހަގީގަތުގައި އެ ސަޕޯޓަރެއް އެ ކޮށްލާ ސަޕޯޓަކީ ދަނޑުގައި އެ އިވިލާ އަޑަކީ ހަގީގަތުގައި، އެ ހުރިހާ ގޮތަކަށް ބަލާއިރުގައި ސަޕޯޓަރުންގެ ސަޕޯޓް ހުރިހާ އެއްޗަކަށް ވެގެންދާނީ، ފެކްޓާގެ ވަރަށް ބޮޑު ބައެއް ކުޅޭނެ ސަޕޯޓަރުންގެ ސަޕޯޓް، ﷲ އިރާދަކުރެއްވިއްޔާ، ދަނޑުގައި ދިވެހިރާއްޖޭގެ އަޑު، ދިވެހިންގެ އަޑު، މޯލްޑިވްސް އިވިއިވި 90 މިނިޓް ހުރެއްޖެކަަމަށްވެއްޖިއްޔާމު، ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ، އިތުރު ފިޔަވަޅެއް ކުރިއަށް އެޅުމަށް،" މޯހަން ބުންޏެވެ.

ގައުމީ ފުޓްބޯޅަ ޓީމުން ގަލޮޅު ދަނޑުގައި އެންމެ ފަހުން މެޗެއް ކުޅެފައިވަނީ، 12 އޮކްޓޫބަރު 2023 ގައި، ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުގައި، ބަންގްލަދޭޝާ 1-1 އިން އެއްވަރުވި މެޗުގަ އެވެ. އޭގެ ފަހުން، ގަލޮޅު ދަނޑުގައި، ގައުމި ޓީމުން ކުޅޭނެ ފުރަތަމަ މެޗަކަށް ވެގެންދާނީ، މާދަމާ ހަވީރު އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox