އަމަނަށް ވަކާލާތު ކުރުމުގެ ބަދަލުގައި އިރާނުގެ ހަމަލާތައް ވަރުގަދަ ކުރަން މުއިއްޒު ގޮވާލެއްވުމުން ފަތުރުވެރިކަމަށް އަސަރުކޮށްފި

Mar 25, 2026, 8:04 AM
ރައީސް މުއިއްޒު އިވެންޓެއްގައި ވާހަކަ ދައްކަވަނީ.

ރައީސް މުއިއްޒު އިވެންޓެއްގައި ވާހަކަ ދައްކަވަނީ.

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލައި، އަަމަން ގާއިމް ކުރަން ވަކާލާތު ކުރެއްވުމުގެ ބަދަލުގައި އިރާނުން އިޒްރޭލާއި އެމެރިކާއަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކުރަން ރައީސް މުހައްމަދު މުއިއްޒު ގޮވާލެއްވުމުން ދިވެހި ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަރަބި ގައުމުތަކުގައި އެމެރިކާއިން ގާއިމްކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ހިތްވަރުދެއްވައިފަ އެވެ. އަދި އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ އިރާނުން އިޒްރޭލަށް "ރެއާއި ދުވާލު" ހަމަލާދޭން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މައްސަލައިގައި ކަންބޮޑުވެގެން ދެ ރިސޯޓެއްގެ މެނޭޖާ ލެވެލްގެ މުވައްޒަފުން އަދަދު އާ ވަނީ ވާހަކަ ދައްކައިފަ އެވެ. ވަޒީފާގެ ގޮތުން މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެ މީހުން ބުނީ، އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖެއާމެދު ފަތުރުވެރިން ދެކޭ ގޮތް ބަދަލުވުން ކަމަށެވެ.

"ރައީސްގެ ވާހަކަތަކުން ގެސްޓުންނަށް ހީވަނީ ދިވެހިރާއްޖެ ސްޓޭބަލްއެއް ނޫނޭ. މިވަގުތު ތިބި ގެސްޓުންގެ ފަރާތުން ވެސް އިއްޔެ ވަރަށް ސުވާލު އައި. ތެދެއްހެއްޔޭ، ރައީސް ހަމަ އެހެން ވިދާޅުވިހޭ. ދެން ބަޓްލަރުން މި ޖެހެނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެކަން ހަމަޖައްސާލަން،" ފަސް ތަރީގެ ރިސޯޓަކުން ވާހަކަ ދެއްކި ސީނިއާ މުވައްޒަފަކު ބުންޏެވެ.

ރާއްޖޭގައި މިވަގުތު 171 ރިސޯޓާއި 849 ގެސްޓްހައުސް އޮޕަރޭޓު ކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ދައްކަ އެވެ. ފަތުރުވެރިކަމުގެ އިންޑަސްޓްރީއަކީ ރާއްޖޭގެ ޖީޑީޕީއަށް 28 ޕަސެންޓެވެ. އަދި ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ 62 ޕަސެންޓު ވަންނަނީ ވެސް ފަތުރުވެރިކަމުގެ ދާއިރާއިންނެވެ.

ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގައި އެންމެ ގިނަ ވަޒީފާ އުފައްދާ ދާއިރާ އެވެ. ރާއްޖޭގެ ރިސޯޓުތަކުގައި އެކަނި ވެސް 52،218 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން 15،041 މީހުންނަކީ ދިވެހިންނެވެ.

މި ނޫހާ ވާހަކަ ދެއްކި އެހެން ރިސޯޓެއްގެ މެނޭޖަރަކު ބުނީ، ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަން އަޑިއަޅާލާފައި އޮތް ދަނޑިވަޅެއްގައި ރައީސް މުއިއްޒު އެ ވާހަކަތައް ދެއްކެވުމެވެ. ފަތުރުވެރިކަން ކޮޅަށް ޖަހަން އޭގެ ސަބަބުން އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ދެކެ އެވެ.

"ގެސްޓުންނަށް ފެންނާނީ މީޑިއާގައި އޮންނަ އެއްޗެއް. އޭގެން އެ މީހުން ނިންމާނީ ރާއްޖެއާމެދު ދެކޭ ގޮތެއް. ކޮންމެ މީހަކު ވެސް މިހާރު ގައުމަކަށް ފުރުމުގެ ކުރިން ފޯނުން ހަބަރުތައް ބަލައިލާނެ. އިއްޔެ މީޑިއާގައި ރައީސް ގޮވާލެއްވީ ޕީސްއަކަށް [ސުލްހައަކަށް] ނޫން. އަހަރުމެންގެ ސްޓާފުންނާ ގުޅުން ބަދަހިވެފަ ތިބި ވަކިވަކި ގެސްޓުންނާ ގުޅައިގެން މި ރާއްޖެއަކަށް ނުރައްކަލެއް ނެތޭ، ގައުމު ސްޓޭބަލްއޭ ކިޔައިގެން ވެސް ގެސްޓުން ގެނެވޭތޯ މި މަސައްކަތް ކުރަނީ،" އެހެން ރިސޯޓަކުން ވާހަކަ ދެއްކި މުވައްޒަފަކު ބުންޏެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ސިޔާސަތީ އިރާނުން އެމެރިކާ އާއި އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުން ކަމަށެވެ.

"މި ހަނގުރާމަ ކުރާ ދެ ފަރާތަށް، އިރާނަށް ހަމަލާ ދޭ އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް [އަސްކަރީ ބޭސްތަކަށް] އެ ސަރަހައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަން ނޭނގެ މިކަން ވާން ޖެހޭނެ ގޮތަކީ. އެއީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ވެސް އެ ބައްދަލުވުމުގައި ރައީސް ގޮވާލެއްވި އެވެ.

"އެ ހަނގުރާމަ ޖެހޭނީ މިހާރުން މިހާރަށް ހުއްޓެން. އެ ހަނގުރާމައިގައި ހަމަލާދޭ އެއްވެސް ފަރާތަކުން ދެމުން އެ ދަނީ ދީގެންވާނެ ހަމަލާއެއް ނޫން. އިރާނުން ހަމަލާ ދެންޏާ ދޭން ޖެހޭނީ ސީދާ އިޒްރޭލަށް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް. އިޒްރޭލަށް ހަމަ ހަމަލާ ދޭންވީ ހަމަ ރެއާއި ދުވާލު. އަޅުގަނޑުމެން ވަރަށް ބޭނުން އެކަން އެގޮތަށް ދާން،" މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން، ރައީސްގެ ވާހަކަތަކުގެ ސަބަބުން ޑިޕްލޮމެޓިކް މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ވެސް ބެލެވެ އެވެ. އެމެރިކާއަށް ހަމަލާދޭން ރައީސް ހިތްވަރު ދެއްވީ އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރާއްޖެއަސް ފޮނުއްވި މަންދޫބަކު ރާއްޖޭގައި ހުންނަވަނިކޮށެވެ. އެންމެ ފަހުން އޭނާ ފުރީ މުއިއްޒާއެކު ބައްދަލުވުމެއް ހަމަޖެއްސުމަށްފަހު އެޕޮއިންޓްމަންޓް ކެންސަލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox