Advertisement

ޕޮލިސް ކޮމިޝަނަރުކަމުން ނަވީން ރިޓަޔާކުރައްވައިފި

18 ފެބުރުވަރީ 2026 - 19:41 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕޮލިސް ކޮމިޝަނަރުކަމުން ރިޓަޔާކުރެއްވި ނަވީން: އޭނާ މަގާމުން ރިޓަޔާ ކުރެއްވި ސަބަބެއް ހާމައެއް ނުކުރޭ -- ފޮޓޯ: ރައީސް އޮފީސް


ޕޮލިސް ކޮމިޝަނަރުކަމުން ނަވީން ރިޓަޔާކުރައްވައިފި

18 ފެބުރުވަރީ 2026 - 19:41 1

ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން ފުލުހުންގެ ހިދުމަތުން 31 އަހަރަށްފަހު ރިޓަޔާ ކުރެއްވިކަން އިއުލާން ކުރައްވައިފި އެވެ.

ނަވީން ފޭސްބުކްގައި ބުނީ ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ އެ ހިދުމަތަށް ވަތް ގޮތަށް ފުލުހުންގެ ބެޖަށް ކުރާ އިހުތިރާމާއި މުއައްސަސާއަށް ކުރާ އިތުބާރާއި ގައުމަށް އޮތް ލޯބި އަދިވެސް އެގޮތަށް އޮންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ހިދުމަތްކުރުމަކީ ލިބުނު ފަހުރެއް ކަމަށެވެ.

ފުލުހުންގެ ހިދުމަތުން ނަވީން ރިޓަޔާ ކުރައްވަން ނިންމެވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވަން ނަވީން ހުށަހެޅުއްވީ މުހައްމަދު މުއިއްޒުގެ އެންގެވުމާއެކުގަ އެވެ.

ނަވީން ރިޓަޔާ ކުރައްވަން ނިންމަވާ ފުލުހުންގެ އެގްޒެކެޓިވް ވެރިންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މަގާމުން ރިޓަޔާ ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑު ރިޓަޔާ ކުރަން އެދި ހުށަހެޅުމަށް ނިންމައިފިން. ދުވަސްތަކެއް ވަންދެން އަޅުގަނޑު ބޮލު ތެރޭގައި މި ވިސްނުން ގެންގުޅުމަށްފަހު މިއަދު މިކަން ކުރަން މި ނިންމީ ވަރަށް ގިނަ ކަންކަމަށް ވިސްނާ ފިކުރުކުރުމަށްފަހު،" އިނގިރޭސި ބަހުން ލިޔުއްވައި ނަވީން ފޮނުއްވި މެސެޖުގައިވެ އެވެ.

އެ މެސެޖުގައި ނަވީން ވަނީ، މިއީ އޭނާގެ ހިދުމަތުގެ ދައުރު ނިންމައިލުމަށް އެންމެ މުނާސަބު ވަގުތު ކަމަށް ލިޔުއްވައިފަ އެވެ. އަދި، އެ ހިދުމަތުގައި އިތުރު ދުވަސްތަކެއް ހޭދަކުރި ނަމަވެސް، މިއަށްވުރެ އެކަމަށް ވަކީން މުނާސަބު ވަގުތެއް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ނަވީން ލިޔުއްވާފައިވެ އެވެ.

ނަވީންގެ ބަދަލުގައި ޕޮލިސް ކޮމިޝަނަރުކަން ވަގުތީ ގޮތުން ހަވާލުކުރެއްވި ބޭފުޅެއް މިހާތަނަށް އެ މުއައްސަސާއިން ހާމަކޮށްފައެއް ނުވެ އެވެ.