16 އޮގަސްޓު 2025 - 22:34 2
އަހުމަދު އާއިދު
ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް: 55 ރަށުގެ ކައުންސިލް އިމާރާތް އަޅަން ކުރިން ހަވާލުކުރީ މެލޭޝިއާ ކުންފުންޏަކާ -- ފޮޓޯ: ރައީސް އޮފީސް
16 އޮގަސްޓު 2025 - 22:34 2
ކައުންސިލް އިމާރާތްތަކަށް އަޅަން މެލޭޝިއާގެ ކުންފުންޏަކާއެކު ވީ އެއްބަސްވުން ބާތިލުކުރުމަށް ފަހު، އާންމުކޮށް އިއުލާނު ނުކޮށް އެ މަޝްރޫއު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އާރުސީސީއާ ހަވާލުކުރީ 631 މިލިއަން ރުފިޔާއަށް ކަން އެނގިއްޖެ އެވެ.
މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް އިން ކޮންސްޓްރެކްޓާ ފައިނޭންސިންގެ އުސޫލުން 55 ރަށެއްގައި ކައުންސިލު އޮފީސް އިމާރާތްތައް އަޅަން ސޮއިކުރީ، މި އަހަރުގެ ޖެނުއަރީ 20، ގަ އެވެ. އެ އެއްބަސްވުން ފަހުން ބާތިލުކުރީ ކުންފުނިން ހަބަރެއް ނުވެގެންނެވެ.
އެއްބަސްވުން ބާތިލުކުރުމަށްފަހު ސަރުކާރާއި ގާތް ގުޅުމެއް އޮންނަ ނާޒިމްގެ ކުންފުންޏަށް މަޝްރޫއު ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ މަހު އެވެ. އެއްބަސްވުމަކަށް އައިސް ސޮއިކުރީ މިއަދު އެވެ.
ލޯކަލް ގަވަމަންޓް މިނިސްޓްރީން މި މަޝްރޫއު އާރުސީސީއަށް ދިނީ ވެސް ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުންނެވެ. އެކަން އަދި އެއްބަސްވުމުގެ އިތުރު ތަފުސީލުތައް މިނިސްޓަރު އާދަމް ޝަރީފު ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.
އެގޮތުން، އެއްބަސްވުމުގެ ޖުމްލަ އަގަކީ 631 މިލިއަން ރުފިޔާ ކަމާއި އިމާރާތްތައް ނިމުމުން އެ ފައިސާ ފަސް އަހަރުގެ ތެރޭގައި ސަރުކާރުން އާރުސީސީއަށް ދައްކަން ޖެހޭކަން މިނިސްޓަރު ކަށަވަރުކޮށްދެއްވި އެވެ. އެ ރޭޓުން އިމާރަތަކަށް ޖެހެނީ 11.5 މިލިއަނެއްހާ ރުފިޔާ އެވެ.
މީގެ ތެރޭގައި ތިން ގިންތިއެއްގެ ކައުންސިލް އިމާރާތް ހިމެނެ އެވެ. އެއްބަސްވުމުގެ ދަށުން ހުރިހާ އިމާރާތެއް ވެސް ސަރުކާރާއި ހަވާލުކުރަން ޖެހެނީ ތަނުގެ ފިނިޝިން އާއި ފަރުނީޗަރު އަދި އެހެނިހެން ވަސީލަތްތައް ވެސް ފުރިހަމަކުރުމަށް ފަހުގަ އެވެ.
މި މަޝްރޫއު ނިންމަން ސަރުކާރުން ހެކްސްޓާއާއެކު ވީ އެއްބަސްވުމުގެ އަގަކީ 36 މިލިއަން ޑޮލަރެވެ. ރަސްމީ ރޭޓުން ހިސާބުކުރާއިރު އެއީ 555 މިލިއަން ރުފިޔާ އެވެ. އެ އެއްބަސްވުމުގެ ދަށުން ފައިސާ އަނބުރާ ދައްކަން ލިބެނީ ހަ މަސް ދުވަހެވެ.
ހެކްސްޓާ އެއްބަސްވުން ބާތިލުކުރިކަން ސަރުކާރުން ފުރަތަމަ ހާމައެއް ނުކުރެ އެވެ. އެކަމަށް އެއްބަސްވީ މަޝްރޫއު އާރުސީސީއަށް ދޭން އުޅޭކަމަށް ނޫސްތަކުން ރިޕޯޓުކުރުމުންނެވެ.
ކައުންސިލް އިމާރާތްތައް ތަރައްގީކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފާ މައި ޕްރޮޖެކްޓެކެވެ. މި ސިޔާސަތުގެ ދަށުން 100 އަށް ވުރެ ގިނަ ރަަށެއްގައި މުޅިން އާ ކައުންސިލު އިމާރާތްތައް ތަރައްގީކުރެވިގެން ދާއިރު، އޭގެ ތެރެއިން 50 ކައުންސިލު އަޅަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގަ އެވެ.
ހެކްސްޓާއާ ހަވާލުކުރުމަށް ފަހު ބާތިލުކުރި އެއްބަސްވުމުގައި ހިމެނޭ 55 ކައުންސިލު އިމާރާތަކީ، ސަރުކާރު ހަރަދުގައި އިމާރާތްކުރާ ގޮތަށް ހަމަޖެއްސި ކޮމްޕޯނަންޓެވެ.
Comment