20 މޭ 2025 - 14:47 9
މުހައްމަދު ޝަހްޒާން
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ނަސްރީން، އޭނާ މެލޭޝިޔާގައި ހުންނަވަނީ ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވާން -- ފޮޓޯ: ރައީސް އޮފީސް
20 މޭ 2025 - 14:47 9
ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް) ހިންގުމުގެ އެންމެހައި ޒިންމާތައް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރާ ހަވާލު ކުރުމަށްފަހު، މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ނަސްރީން މުސާރަ ނަންގަވައިގެން ހުންނަވަނީ މެލޭޝިޔާގައިކަން އެނގިއްޖެ އެވެ.
އިތުބާރު ހުރި މަސްދަރަކުން އަދަދު އާ ވާހަކަ ދައްކަމުން ބުނީ ނަސްރީން ހުންނަވަނީ މެލޭޝިޔާގައި ޕީއެޗްޑީއަށް ކިޔަވަން ކަމަށެވެ. އަދި ކުންފުނި ހިންގުމުގެ އެންމެހައި ކަންކަން ރަސްމީކޮށް ހަވާލު ކޮށްފައި އޮންނަނީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ޔާމީން ރަޝީދުއާ ކަމަށް އޭނާ ބުންޏެވެ.
"މެލޭޝިޔާގައި ހުންނަނީ، ޕީއެޗްޑީއަށް ކިޔަވަން، މުސާރަ ވެސް ލިބޭނެ. އެކަމަކު ހުރިހާ ފޯމަލިޓީސްއެއް ނިންމާފައި އޮތީ ހިންގުން ޑީއެމްޑީއާ ހަވާލުކޮށްފައި،" މި ނޫހާ ވާހަކަދެއްކި މީހާ ބުންޏެވެ.
ނަސްރީން މެލޭޝިޔާއަށް ވަޑައިގެންނެވީ ޕީއެސްއެމްގެ އެމްޑީކަމަށް އައްޔަނުކުރިތާ ދެތިން މަސްފަހުން ކަމަށް މި ނޫހާ ވާހަކަދެއްކި މީހާ ބުންޏެވެ.
"ދެތިން މަހެއްވަރު ފަހުން އެކޮޅަށް ދިޔައީ، މިހާރު ވެސް ދޭތެރެއަކުން އަންނާނެ ރާއްޖެ، އައިސް ދެ ދުވަހެއްވަރު މަޑުކޮށްލާފައި ދާނީ،" މި ނޫހާ ވާހަކަދެއްކި މީހާ ބުންޏެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނަސްރީން އައްޔަނުކުރީ އެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު މިދިޔަ ޑިސެމްބަރު 17، ގައި އިސްތިއުފާ ދެއްވުމުންނެވެ. ނަސްރީންއަކީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމަށް މި ސަރުކާރުން އައްޔަނުކުރި ތިންވަން ބޭފުޅާ އެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމަށް މި ސަރުކާރުން އެންމެ ފުރަތަމަ އައްޔަނުކުރީ ޒީނާ ޒާހިރު އެވެ. ނަމަވެސް ޕީއެސްއެމްގެ ހިންގުމަށް ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތަކުގެ އިރުޝާދު ދީފައި އޮއްވައި ކުރިމަތިވި ޕްރެޝަރުތަކާ ހުރެ އެ ކުންފުނީގެ އެމްޑީކަމުން ޒީނާ އިސްތިއުފާ ދެއްވީ އޯގަސްޓު 24، ގަ އެވެ.
ޕީއެސްއެމްގެ ހިންގުމާ ޒީނާ އާއި ސައީދު ހަވާލުވެވަޑައިގެން ހުންނެވިއިރު ވެސް މަގާމުގެ މަސްއޫލިއްޔަތާ ފުށުއަރާ ކަންތައްތަކެއް ކުރައްވަމުން ގެންދެވި އެވެ. އެގޮތުން ޕީއެސްއެމް ހިންގުމާ ހަވާލުވި ދުވަހުން ފެށިގެން ވެސް އޭނާ ގެންދެވީ އޭނާގެ އަމިއްލަ ނޫސް، ޒީޓައިމްސް ހިންގަވަމުންނެވެ.
އެއަށްފަހު އެ މަގަމާ ހަވާލުވެވަޑައިގެންނެވި ސައީދު، ޕީއެސްއެމް ހިންގެވީ ވޮލީ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވަމުންނެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވެސް އޭނާއަށް އަމާޒުވި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކުލަވާލައިފައި އޮންނަ އެސްއޯއީތަކުގެ ކޯޑް އޮފް ކޯޕަރޭޓް ގަވަނެންސްގައި ބަޔާން ކޮށްފައި އޮންނަ ގޮތުން އެސްއޯއީއެއްގެ މެނޭޖިން ޑިރެކްޓަރަކީ އެ ކުންފުންޏަކުން ކަނޑައަޅާފައިވާ މާލީ އަދި ހިންގުމުގެ ލަނޑުދަނޑިތައް ހާސިލު ކުރެވޭނެ ގޮތަކަށް ދުވަހުން ދުވަހުގެ އެންމެހައި މަސައްކަތްތައް ތަރުތީބުވެފައިވާކަން ކަށަވަރު ކުރަންޖެހޭ ބޭފުޅާ އެވެ.
އޭގެއިތުރުން ކުންފުނި ހިންގުމުގައި ދުވަހުން ދުވަހަށް ދިމާވާ އެންމެހައި ކަންކަމުގައި ކުންފުނީގެ ޗީފް ސްޕޯކްސްޕާސަންއެއްގެ ދައުރު ވެސް އަދާ ކުރަން ޖެހެނީ އެމްޑީ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment