26 އޭޕްރީލް 2025 - 20:01 3
އަހުމަދު އާއިދު
ފަރުހާދު
26 އޭޕްރީލް 2025 - 20:01 3
ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަލީ ސުޖާއު އިސްތިއުފާ ދެއްވުމުން، އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އައްޔަންކޮށްފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަލީ ސުޖާއު އިސްތިއުފާ ދެއްވުމުންނެވެ. ސުޖާއުގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލުކުރެއްވީ މިރޭ އިރާކޮޅު އެވެ.
ޕޮލިސް ކޮމިޝަނަރުކަމުން ސުޖާއު އިސްތިއުފާ ދެއްވީ އާއިލީ ބައެއް ޒިންމާތަކުގެ އިތުރުން އެޕްރީލް 18، ގެ ފަތިހު ހެންވޭރު އިމާރާތެއްގެ މަތިން ވެއްޓި ބޮޑެތި އަނިޔާތެއްކވި ހައްވާ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.
ޕޮލިސް ކޮމިޝަނަރުކަމުން ސުޖާއު އިސްތިއުފާ ދެއްވަން ނިންމެވިއިރު، ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މާލޭގައި މުޒާހަރާ ކުރަމުންދާ ޒުވާނުން ވަނީ އޭނާ އިސްތިއުފާ ދިނުމަށް ޑިމާންޑު ކޮށްފަ އެވެ. ސުޖާއުގެ އިތުރުން ހޯމް މިނިސްޓަރު، އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންގެ އިސްތިއުފާއަށް ވެސް ޒުވާނުން ވަނީ ގޮވައިލައިފަ އެވެ.
މިއަދު ފުލުހުންގެ ކޮމިޝަނަރުގެ މަސްއޫލިއްޔަތާ ހަވާލުވެވި ފަރުހާދު ފިކުރީއަކީ އޭނާގެ ދަރިފުޅުގެ ރޭޕް ކޭހެއްގެ ހެކި ނައްތާލިކަމުގެ ތުހުމަތު މީގެ ކުރިން ކުރެވުނު މީހެކެވެ.
މި މައްސަލާގައި މެއި 7، 2018 ގައި ޕީޖީ އޮފީހުން ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީއެއްގެ ބުނެފައި ވަނީ، ގެސްޓްހައުސްއެއްގެ ތެރޭގައި 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕުކޮށް އޭނާގެ ފޮޓޯ ނެގި މައްސަލައަކަށް، "ފަރުހާދު ފިކުރީ ނުފޫޒު ފޯރުވާފައިވާކަން ވަނީ ފާހަގަކުރެވިފައި" ކަމަށެވެ.
ޕީޖީ އޮފީހުގެ ސިޓީގައި ބުނެފައިވާ ގޮތުން ފަރުހާދުގެ މައްޗަށް ތުހުމަތު ކުރެވެނީ، ފޯނެއްގައި ހުރި ފޮޓޯތަކެއް ޑިލީޓްކޮށްލުމުގެ ތުހުމަތެވެ. އެއީ، އަނިޔާ ލިބުނު އަންހެން ކުއްޖާއަށް ބެހެމުން ދިޔައިރު ފަރުހާދުގެ ދަރިފުޅު އޭނާގެ ފޯނުން ނެގި ބަރަހަނާ ފޮޓޯތަކެއް ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
Comment