Advertisement

ޔުމްނުމެން ފުރަތަމަ ތިބި ކަމަށް ބުނި، ފުލުހުން ނަން ހާމަނުކުރި ގެއަކީ މިނިސްޓަރު އަމީންގެ ގެ

23 އޭޕްރީލް 2025 - 21:55 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޓްރާސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ: އެ ރޭ ޔުމްނުއާއެކީ އުޅުނު މީހުންގެ ތެރޭގައި އަމީންއާ އާއިލީ ގުޅުން އޮންނަ ޒުވާނުންތަކެއް އުޅުނު ކަމަށް އަޑުތައް ވަނީ އަރާފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޔުމްނުމެން ފުރަތަމަ ތިބި ކަމަށް ބުނި، ފުލުހުން ނަން ހާމަނުކުރި ގެއަކީ މިނިސްޓަރު އަމީންގެ ގެ

23 އޭޕްރީލް 2025 - 21:55 2

މިދިޔަ ހުކުރު ދުވަހު ހ. ފެންޓެނޯއީ ގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުމުގެ ކުރިން އެ މީހުން ތިބި ކަމަށް ރޭގެ ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނި "މާލޭގެ މެދުތެރޭގައި" ހުރި ގެއަކީ ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންގެ ގެ ކަން އެނިގިއްޖެ އެވެ.

އަދަދު އަށް އެނގިފައިވާގޮތުގައި ފުލުހުން ނަން ހާމަނުކުރި ގެއަކީ މއ. މާންދޫގޭދެކުނުގެ އެވެ. އެއީ ބުރާސްފަތި ދުވަހުގެ ރޭ 12:30 ހާއިރު ޔުމްނު އާއި އިތުރު ހަ މީހުން ދަންވަރު 3:40 ވަންދެން ތިބި ކަމަށް ފުލުހުން ބުނި ގެ އެވެ.

ފޯނާއި ކެމެރާ ނުވެއްދޭ ގޮތަށް ސިއްރުކޮށްގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ މިނިސްޓަރު އަމީންގެ ގެ ފިޔަވައި ޔުމްނުމެން ވަތް އެހެން ހުރިހާ ގެއެއްގެ ނަން ހާމަކޮށްފަ އެވެ. ނަމަވެސް މިނިސްޓަރު އަމީންގެ ގޭގެ ވާހަކަ ފުލުހުން ބުނީ "މާލޭގެ މެދުތެރޭގައި ހުރި" ގެއެއް ކަމަށެވެ.

ފުލުހުން ރޭ ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި 3:40 ހާއިރު މިނިސްޓަރު އަމީންގެ ގެއިން ހަތް މީހަކު ނުކުތެވެ. ނަމަވެސް ހުކުރު ދުވަހު ހ. ފެންޓެނޯއީ ގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު ޔުމްނު އާއެކު ހެންވޭރަށް ދިޔައީ ތިން މީހެކެވެ. އެ ތިން މީހުން ގޮސް ހެންވޭރުގައި ހުރި ގެއަކަށް ވަތް ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެ ގޭގައި އެ މީހުން ހޭދަކުރީ 10 ވަރަކަށް މިނިޓު ކަމަށާއި އެގެއިން ނުކުތުމަށް ފަހު ޔުމްނު އާއި ރައުދު އަހުމަދު ޒިލާލް، 21، ފިޔަވައި ދެން ބާކީ ތިބި ދެމީހުން އެތަނުން ދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ޔުމްނު ވެއްޓުނު ހ. ފެންޓެނޯއީއަށް ރައުދު އާއެކު ދިޔައީ 4:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެ ގެއަށް އެ ދެމީހުން ދިޔައީ ހިނގާފައި ކަމަށާއި އޭރު ޔުމްނު ހުރީ ހުސްފައިގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ ދެމީހުން ވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުންޏެވެ.

ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނު ކަމަށް ފުލުހުން ބުނަނީ 4:52 ހާއިރު އެވެ. ފުލުހުން ދެއްކި ވީޑިއޯއިން ފެންނަ ގޮތުން ޔުމްނު ވެއްޓުނުއިރު ރައުދު ހަތްވަނަ ފަންގިފިލާއިން އަށްވަނަ ފަންގިފިލާއަށް އަރަނީ އެވެ. ޔުމްނު ވެއްޓުނު މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުން ނުދައްކަ އެވެ.